23 Sep 2020, 15:30
ކުއަލަލަމްޕޫރު (ސެޕްޓެމްބަރު 23): މެލޭޝިއާގައި އާ ސަރުކާރެއް އެކުލަވާލަން ބޭނުންވާ ޕާލިމެންޓު މެޖޯރިޓީ ލިބިއްޖެ ކަމަށް އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިއަދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަންވަރު ވިދާޅުވި ގޮތުގައި އެކި ޕާޓީތަކަށް ނިސްބަތްވާ ޕާލިމެންޓު މެމްބަރުން ވަނީ ފާއިތުވި ދުވަސްތަކުގައި އޭނާއާ ބައްދަލު ކުރައްވާ، ބޮޑުވަޒީރު މުހިއްޔުއްދިން ޔާސީންގެ ވެރިކަމާ މެދު ހިތްހަމަނުޖެހުން ފާޅު ކުރައްވާފަ އެވެ. އަދި އެކަމުން ދައްކުވައިދެނީ "މުހިއްޔުއްދިންގެ ވެރިކަން ވެއްޓިފައިވާކަން" ކަމަށް ވިދާޅުވެފަ އެވެ.
މެލޭޝިއާގެ ޕާލިމެންޓުގެ 222 މެމްބަރުންގެ ތެރެއިން ތިންބައިކުޅަ ދެބަޔާ ގާތް ކުރާ ވަރަށް މެމްބަރުން އަންވަރަށް ތާއިދުކުރާ ކަމަށް އޭނާ ވިދާޅުވި ނަމަވެސް، ސީދާ އަދަދެއް ހާމަ ނުކުރައްވަ އެވެ. އަންވަރު ވިދާޅުވި ގޮތުގައި އޭނާއަށް ތާއިދު ކުރާ މެމްބަރުންގެ އަދަދު އަންގާނީ ގައުމުގެ ރަސްގެފާނާ ބައްދަލު ކުރެއްވުމަށް ފަހުގަ އެވެ.
"އަޅުގަނޑުމެންގެ އެބައޮތް ވަރުގަދަ މެޖޯރިޓީއެއް. އަޅުގަނޑު މިދައްކަނީ ހަތަރު، ފަސް، ހަ [ގޮނޑީގެ] ވާހަކައެއް ނޫން. އަޅުގަނޑު މިދައްކަނީ އެއަށް ވުރެ މާ ގިނަ [ގޮނޑީގެ] ވާހަކަ،" އަންވަރު ވިދާޅުވި އެވެ.
މިދިޔަ މާޗް މަހު މެލޭޝިއާގެ ބޮޑުވަޒީރު ކަމަށް މުހިއްޔުދިން އިސްވީ އޭގެ ކުރިން ވެރިކަމުގައި ހުންނެވި މަހާތިރު މުހައްމަދު އެ މަގާމުން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުންނެވެ.
ދެހާސް އަށާރަވަނަ އަހަރު މަހާތީރު ވެރިކަމަށް ވަޑައިގެންނެވީ 1981އިން 2003އަށް އޭނާ ބޮޑުވަޒީރުކަން ކުރެއްވި އިރު، ނައިބުކަން ކުރެއްވި އަންވަރުގެ ކޯލިޝަނުގައި ހުންނަވައިގެންނެވެ. އަދި ވެރިކަމުގެ ދައުރު ނުނިމެނީސް އަންވަރާ ވެރިކަން ހަވާލު ކުރައްވާނެ ކަމަށް ވިދާޅުވެ އެވެ.
ނަމަވެސް އެ ކޯލިޝަނުގައި ތިބި މެމްބަރުންތަކެއް ވަނީ އަންވަރު ވެރިކަމަށް ނުގެނެސް، އިދިކޮޅު އުމްނޯއާ އެކު އާ ކޮލިޝަނެއް ހެދުމާ ބެހޭ ގޮތުން މިދިޔަ ފެބްރުއަރީ މަހުގެ 23ގައި މަޝްވަރާކޮށްފައި ކަމަށް އަންވަރު ވިދާޅުވި އެވެ. އަދި ޖެހިގެން އައި ދުވަހު މަހާތިރު އިސްތިއުފާ ހުށަހެޅުއްވި އެވެ.
މުހިއްޔުއްދީން ވަނީ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަމުގައި 2009އިން 2015އަށް ބޮޑުވަޒީރުގެ ނައިބުކަން ކުރައްވާ، މީގެ ކުރިން އެޑިއުކޭޝަން މިނިސްޓަރު ކަމާއި ހޯމް އެފެއާޒް މިނިސްޓަރު ކަންވެސް ކުރައްވާފަ އެވެ. އަދި މިހާރު އޭނާގެ ސަރުކާރަށް ތާއިދު ކުރާ ޕާޓީތަކުގެ ތެރޭގައި ނަޖީބު ރައްޒާގު މީގެ ކުރިން އިސްވެ ހުންނެވި ޔުނައިޓެޑް މެލޭސް ނެޝަނަލް އޯގަނައިޒޭޝަން (އުމްނޯ) ހިމެނެ އެވެ