24 Sep 2020, 08:20
ބެލަރޫސްގެ ރައީސްކަމަށް ދާދި ފަހުން ބޭއްވި އިންތިހާބް ވެވަޑައިގެންނެވި އެލެކްޒެންޑްރާ ލުކަޝެންކޯ ވަރަށް ސިއްރުން ރައީސްކަމުގެ ހުވާކުރައްވައިފި އެވެ.
އުމުރު ފުޅުން 66 އަހަރުގެ ލުކަޝެންކޯ ރައީސްކަމުގެ ހުވާކުރެއްވާކަން ކުރިން ސަރުކާރުގެ އޮފިޝަލުން ހާމައެއް ނުކުރައްވަ އެވެ.
އެމަނިކުފާނު ބެލަރޫސްގެ ރައީސްކަން 1994 އިން ފެށިގެން ކުރައްވަމުންދާއިރު މިފަހަރު މިއީ ރައީސްކަމުގެ ހަވަނަ ދައުރެވެ.
ސިއްރުން ހުވާކުރެއްވިއިރު އެންމެ ފަހުން އެގައުމުގައި ބޭއްވި އިންތިހާބްގައި މަކަރު ހަދާ އޮޅުވާލައިފައިވާ ކަަމަށް ބުނެ އެތައް ހާސް ބަޔަކު ދަނީ މުޒާހަރާކުރަމުންނެވެ.
ނިމިގެން ދިޔަ އިންތިހާބްގައި ލުކަޝެންކޯއަށް 80 ޕަސެންޓް ވޯޓު ލިބިވަޑައިގެންނެވިއިރު އެމަނިކުފާނާ އެންމެ ގާތުން ވާދަކުރެއްވި ސްވެލްތާނާ ޓިކަނޯވްސްކިޔާއަށް ލިބިވަޑައިގަތީ އެންމެ 10 ޕަސެންޓްއެވެ. ސްވެލްތާނާ ނަތީޖާ ގަބޫލުނުކުރައްވާ މިހާރު ވަނީ ގައުމު ދޫކޮށް ވަޑައިގެންފަ އެވެ.
ލުކަޝެންކޯއ ދެކޮޅަށް މިހާރު ކުރަމުންދާ މުޒާހަރާތަކުގައި އެތައް ހާސްބަޔަކު ހައްޔަރުކޮށްފައިވާތީ ޔޫރަޕިއަން ޔޫނިއަން އަދި އެމެރިކާއިން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.
ލުކަޝެންކޯ ހުވާކުރެއްވިޔަސް ރައީސްއަކީ ލުކަޝެންކޯކަމަށް ގަބޫލުނުކުރައްވާނެކަމަށް ޖަރުމަނުން ވަނީ ބުނެފަ އެވެ. ޖަރުމަނުން މިހާރު ދަނީ ބެލަރޫސްއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށްވެސް މަސައްކަތް ކުރަމުންނެވެ.