25 Sep 2020, 13:24
އެއާބަސް ކުންފުނިން އުފައްދާ އޭ380 މަރުކާގެ މަތިންދާބޯޓުގެ އެންމެ ފަހު ބޯޓުގެ އެސެމްބްލިން މަސައްކަތް ނިންމާލައިފިއެވެ.
ދުނިޔޭގައި މިވަގުތު ދަތުރުކުރާ އެންމެ ބޮޑު ފަސިންޖަރުން އުފުލާ އެއާކްރާފްޓު އުފެއްދުން ހުއްޓާލަން ނިންމާ އެކަން އިއުލާނުކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. އޭރު އެއާބަސް ކުންފުނިން ބުނީ 2021 ގެ ކުރިން އެއާބަސް އޭ380 އުފެއްދުން ހުއްޓާލާނެ ކަމަށާއި އެކަން އެގޮތަށް ނިންމީ ކުންފުންޏަށް ފައިދާ ނުވާތީ ކަމަށެވެ.
އެއާބަސް ކުންފުނިން އޭ380 މަރުކާގެ ބޯޓެއް އެންމެ ފުރަތަމަ ސަޕްލައި ކޮށްފައިވަނީ ސިންގަޕޯ އެއާލައިނަށެވެ، އެއީ 2007 ވަނަ އަހަރުއެވެ. އޭގެ ފަހުން މިހާތަނަށް އެމަރުކާގެ 240 ބޯޓު އުފައްދާފައިވެއެވެ.
މި މަރުކާގެ އެންމެ ފަހު ބޯޓުގެ އިންޖީނު އިންސްޓޯލުކޮށް، ޓެސްޓު ކުރުމުގެ މަސައްކަތަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. އޭގެ ފަހުން އެއާކްރާފްޓު ޖަރުމަނަށް ގޮސް ކެބިން އިންސްޓޯލު ކުރުމުގެ މަސައްކަތް ކުރާނެއެވެ. އެއާބަސް އޭ380ގެ އެކި ބައިތައް އުފެއްދުމުގައި ދުނިޔޭގެ އެކި ސަރަހައްދުތަކުން 1،500 ކުންފުނީގެ ބައިވެރިވުން އޮވެއެވެ.
އެއާ ބަސް އޭ380 އުފައްދަން 25 ބިލިއަން ޑޮލަރު އިންވެސްޓު ކުރިއިރު މީގެ އެއާކްރާފްޓެއްގެ ޕެސެންޖާ ކެޕޭސިޓި އަކީ 853 އެވެ.
"މިއީ އުނދަގޫ ނިންމުމެއް. ވަރަށް ބޮޑު އިންވެސްޓުމެންޓެއް ކޮށްފައިވާނީ އޭ380 އަށް. ވަރަށް ގިނަ ދާ އޮހޮރުވިފައި ވާނީ މި ވިޔަފާރި ކުރިއެރުވުމަށް،" އޭ380 އުފެއްދުން ހުއްޓާލަން ނިންމާ ނެރުނު ބަޔާނުގައި މީގެ ކުރިން އެ ކުންފުނިން ބުނެފައިވެ އެވެ.
އެއާބަސް އިން މީގެ ކުރިން ލަފާކޮށްފައި އޮތީީ އޭ 380 ގެ 1،200 އެއްހައި އެއާކްރާފްޓަށް އޯޑަރު ލިބޭނެ ކަމަށެވެ. ނަމަވެސް އެއާކްރާފްޓު އުފެއްދުން ހުއްޓަލަން ނިންމާ އެކަން އިއުލާނު ކުރުމާ ހަމައަށް އުފެއްދިފައިވަނީ 234 އެއާކްރާފްޓެވެ.
އޭ380 ފަދަ ބޮޑެތި ބޯޓުތަކަށްވުރެ މިވަގުތު އެއާލައިންތަކުން އިސްކަންދެނީ ފިއުލް އެފިޝިއެންޓް ބޯޓުތަކަށެވެ. ހާއްސަކޮށް ކޮވިޑް19 އާއެކު ވައިގެ ދަތުރުފަތުރުގެ ދާއިރާ އަށް އައި ހީނަރުކަމާއެކު އެއާލައިންތަކުން ހަރަދަށް ވިސްނާމިންވަރު ވަނީ އިތުރުވެފައެވެ.