ކުވެއިތުގެ އަމީރު ޝައިހް ސަބާހް އަލް އަހުމަދު އަލް ސަބާހް އަވާހަރަވުމަށް ފަހު ވެރިކަމަށް ދެން ހަވާލުވާ މިހާރުގެ ވަލީއަހުދު ޝައިހް ނަވާފް އަލް އަހުމަދު އަލް ސަބާހް އަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަަކަށް ވާނީ ކުވެއިތުގެ އަވަށްޓެރިންނާއި ސަރަހައްދުގެ ހަމަަޖެހުމަށްކަމަށް މުރާސިލުން ބުނެފި އެވެ.

އުމުރުން 91 އަހަރުގެ ކުވެއިތުގެ އަމީރު އަވަހާރަވީ އިއްޔެއެވެ. އެމަނިކުފާނު ވަނީ 40 އަހަރު ވަންދެން ޑިޕްލޮމެޓިކް މަސައްކަތްތައް ކުރައްވައިފަ އެވެ. އެހެންކަމުން މުޅި ސަރަހައްދުގެ ވެރިންގެ ގަދަރު އެމަނިކުފާނަށް އޮވެ އެވެ.

އަލަށް ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅާގެ އުމުރުން 83 އަހަރެވެެ. އެމަނިކުފާނަކީ ކުރީގެ އަމީރުހާ ތަޖުރިބާ ހުންނެވި ބޭފުޅެއް ނޫނެެވެ.

ކުރިން ވެރިކަން ކުރެއްވި ޝައިހް ސަބާ ވަނީ އަވަހާރަވުމާ ހަމައަށް ވެސް ގަތަރާ އަރަބި ގައުމުތައް ސުލްހަކުރެވޭތޯ މަސައްކަތް ކުރައްވައިފަ އެވެ.

އަރަބި ގައުމުތަކާއި އީރާންއާ ދެމެދު ހުޅުފަޅައިގެން ގޮސްފައިވާ އިރު އެކަމުގައި ވެސް އާ ވެރިއާއަށް ގޮންޖެހުންތައް ކުރިމަތިވާނެއެވެ.

އޭގެ އިތުރުން ކޮރޯނާ ވައިރަސްއާ ގުޅިގެން ކުވެެއިތަށް ވެސް ވަނީ މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ.

މުރާސިލުން ބުނާ ގޮތުގައި ޝައިހް ނަވާފް ބޮޑެތި ބާރުތައް އާ ވަލީއަހުދަށް ދެއްވާނެ އެވެ. މިހާރު ވެސް ޝާހީ އާއިލާގެ ގިނަ ބޭފުޅުން އެމަގާމަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

އަރަބި އެހެން ގައުމުތަކަ ހިލާފަށް ކުވެއިތުގައި ޕާލަމަންޓަށް ބޮޑެތި ބާރުތައް ލިބިފައިވެ އެވެ. އެގޮތުން ސަރުކާރުގެ ވަޒީރުންނާއި ޕާލިމަންޓްގައި ސުވާލުކުރެވެ އެވެ. -ރޮއިޓާސް