ކޮލަންބޯ (އޮކްޓޯބަރު 4) : ދެކުނު އޭޝިއާ ގެ ގައުމުތަކަށް ބަލާއިރު އެންމެ ހަރުދަނާ ގޮތެއްގައި ކޮވިޑް-19 ކޮންޓްރޯލްކުރި އެއްގައުމަކީ ސްރީލަންކާ ކަމަށް އެގައުމުގައި ހަރަކާތްތެރިވާ ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން ބުނެފި އެވެ.

ސްރީލަންކާގެ ސިއްހަތާބެހޭ ވުޒާރާއާއި ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވާ އެގައުމުގެ އާންމު ސިއްހަތާބެހޭ އިސް މަސްއޫލުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ޑަބްލިޔޫއެޗްއޯ އާއި އެނޫން ވެސް ސްރީލަންކާގައި ހަރަކާތްތެރިވާ ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމާއަތްތަކުގެ މަންދޫބުން ވިދާޅުވީ ކޮވިޑް-19 ސްރީލަންކާގައި ކޮމިއުނިޓީ ސްޕްރެޑަކަށް ނުދިޔައީ އެރޯގާ ކޮންޓްރޯލް ކުރުމުގައި ސްރީލަންކާއިން އަޅާފައި ވަނީ ތައުރީފު ހައްގު ހަރުދަނާ ފިޔަވަޅުތަކެއް ކަމަށާ އެކަން ފާހަގަ ކުރައްވާ ކަމުގަ އެވެ.

ކޮވިޑް-19ގެ ކޭސްތަކުގެ އަދަދަށް ބަލާނަމަ އޭގެ ރޭކިންގްގައި ސްރީލަންކާ އޮތީ ދުނިޔެއަށް ބަލާއިރު 140 ވަނައިގަ އެވެ. ބޫޓާން އޮތީ 185 ވަނައިގަ އެވެ. ދިވެހިރާއްޖެ 101 ވަނާގަ އެވެ. ނޭޕާލް 46 ވަނައިގަ އެވެ. އަފްޣާނިސްތާން 69 ވަނައިގަ އެވެ. ބަންގްލަދޭޝް 16 ވަނައިގަ އެވެ. ޕާކިސްތާން 21 ވަނައިގަ އެވެ. ކޮވިޑްގެ ކޭސްތައް ދެކުނު އޭޝިއާގައި އެންމެ ގިނައީ އިންޑިއާގަ އެވެ. އިންޑިއާއަކީ މުޅި ދުނިޔެއަށް ބަލާއިރު ވެސް އެމެރިކާ ފިޔަވައި ދެން ކޮވިޑްގެ ކޭސްތަށް އެންމެ ގިނަ ގައުމެވެ. އެމެރިކާއާއި ބްރަޒީލް ފިޔަވައި ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައިވަނީ ވެސް އިންޑިއާގަ އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކަށް ބަލާއިރު ކޮވިޑް ކޮންޓްރޯލް ކުރުމުގައި ސްރީލަންކާއަށްވުރެ ވެސް ކުރީގައި އުޅެނީ ބޫޓާން އެވެ. ސްރީލަންކާއެކޭ އެއްގޮތަށް ބޫޓާނުން ވެސް ވަނީ ކޮމިއުނިޓީ ސްޕްރެޑަކަށް ދިޔުމުގެ ކުރިން ކޮވިޑް-19 ކޮންޓްރޯލްކުރުމުގައި އާދަޔާ ޚިލާފު ކާމިޔާބެއް ހޯދާފައެވެ. މިކަން އެޖަމްއިއްޔާތަކުން ފާހަގަކުރި އެވެ.

ކޮމިއުނިޓީ ސްޕްރެޑަކަށް ދިޔުމުގެ ކުރިން ސްރީލަންކާ އިން ކޮވިޑް-19 ކޮންޓްރޯލްކުރީ ކޮވިޑްގެ ނުރައްކަލުގައި ތިބި މީހުން ކޮންޓެކްޓް ޓްރޭސިން އިން ވަރަށް ރަނގަނޅަށް ދެނެގަތުމަށް ފަހު އެމީހުން ތިބި ސަރަހައްދުތައް ވަރަށް ހަރުކަށިކަމާ އެކު ދިގުމުއްދަތަކަށް ފުރަބަންދުކޮށްގެން ކަމަށާ އެކަން އެގޮތަށް ނުކުރިނަމަ ސްރީލަންކާގެ އަވަށްޓެރި ދެކުނު އޭޝިއާގެ އެހެން ގައުމުތަކުގައި ކޮމިއުނިޓީ ސްޕްރެޑަކަށް ދިޔަގޮތަށް ސްރީލަންކާގައި ވެސް ދިޔައީސް ކަމަށް އެގައުމުގެ ސިއްޙަތާބެހޭ ވުޒާރާގެ މަސްއޫލުވެރިން ވިދާޅުވި އެވެ.

ސްރީލަންކާގައި ފުރަތަމަ ކޮވިޑް އަށް ޕޮޒިޓިވްވި މީހާ ގުޅިފައިވަނީ އެގައުމުގެ މައި އެއާޕޯޓާ އެވެ. އެހިސާބުން އެމީހާއާ ގާތްވި މީހުންނާއި މުއާމަލާތްކުރި މީހުން ދެނެގަނެ އޭނާއާއި އެއަށްފަހު ކޮވިޑްޖެހުނު މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދައި އޭގައި ޝާމިލްވާ މީހުން ތަންތަނަށް ދިޔަނުދީ ފުރަބަންދުކޮށްގެން އެމީހުން ހިފަހައްޓައި ކްލަސްޓާތަށް ކޮންޓްރޯލް ކުރުމުގައި ސްރީލަންކާގެ ސިއްހަތާބެހޭ ވަޒީރު ޕަވިތުރާ ވަންނިއަރައްޗީގެ ބެލުމުގެ ދަށުން އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ކުރި މަސައްކަތްތަކަށް ޑަބްލިޔޫއެޗްއޯ އާއި އެނޫން ވެސް ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކުގެ މަންދޫބުން ވަނީ ތައުރީފު ކުރައްވާފަ އެވެ.

ޚާއްސަކޮށް ސްރީލަންކާގައި ކޮވިޑް ކޮންޓްރޯލް ކުރެވެންދެން އެގައުމުގެ ބޯޑަރު ހުޅުވާނުލައި ސަރުކާރުގެ ހުރިހާ އިދާރާތަކެއް ގުޅިގެން އަޅާފައިވަނީ ދަތިނަމަވެސް ތައުރީފު ހައްގު ފިޔަވަޅުތަކެއްކަމަށް އެފަރާތްތަކުން ބުނެފައިވެ އެވެ.

ކޮވިޑް އަށް ފަހު ސްރީލަންކާގެ ޕަބްލިކް ހެލްތް ސެކްޓާ އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ވެސް ރައީސް ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ސަރުކާރުންވަނީ ބާރުސްޕީޑެއްގައި ކުރިޔަށް ގެންދަން ފަށާފަ އެވެ. ސްރީލަންކާގެ އާބާދީ 21 މިލިޔަނަށްވުރެ މަތިއިރު ވެސް އެގައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވިކަމަށް ރިޕޯޓްކޮށްފައި ވަނީ އެންމެ 3395 ކޭހެވެ. އެ ބަލީގައި މަރުވިކަމަށް ރެކޯޑް ކޮށްފައިވަނީ އެންމެ 13 މީހުންނެވެ. ސްރީލަންކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކްޓިވް ކޭހުގެ ގޮތުގައި މިހާރު އުޅޭކަމަށް ވަނީ 128 މީހެކެވެ. (ނޫސްއެޖެންސީތައް)