05 Oct 2020, 12:04
ކުޑަ ފިރިހެން ކުއްޖަކާއެކު ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ފިލްމީ ތަރި މުހައްމަދު ޔުނާން އަދި އޭނާގެ އަންހެނުން ރިހުލާ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން 29 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.
އެ ދެމަފިރިން ހައްޔަރުކުރިއިރު، ދެ މީހުން ހައްޔަރުކުރުމަށް ގޮވާލައި އިއްޔެ ވަނީ އެމީހުން ދިރިއުޅޭ އެޕާޓްމަންޓް ކައިރީގައި ބަޔަކު މުޒަހަރާވެސްކޮށްފަ އެވެ.
ޔުނާންގެ ދެމަފިރިން ރައްކާތެރިކަމަށް އެދުނުކަމަށް ބުނެ އިއްޔެ ފުލުހުން ވަނީ އެ ދެމީހުންނަށް ހިމާޔަތްވެސް ދީފަ އެވެ.
ފުލުުހުން ރޭ ބުނީ، ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާ އެކު އިތުރު ދެ މީހަކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް އެ މުއައްސަސާއަށް އިއްޔެ ހަވީރު ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގުކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި ޔުނާން އާއި އޭނާގެ އަންހެނުން ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭނީ އެ ދެމީހުންނާ އާއިލީ ގޮތުން ގުޅުން އޮންނަ ކުއްޖަކަށެވެ.