ޖެނީވާ (އޮކްޓޯބަރު 6) : ކޮވިޑް-19 ދަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ކުރިޔަށް ވުރެ ވެސް ބާރަށް ފެތުރެމުން ކަމަށާއި ދުނިޔޭގެ އެތައް ސަތޭކަ މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފި އެވެ.

ޑަބްލިޔޫއެޗްއޯގެ ކުއްލި ހާލަތްތަކުގެ އޮޕަރޭޝަންތަކާ ބެހޭ އިސްވެރިޔާ ޑރ. މައިކަލް ރަޔާން ވިދާޅުވީ ކޮވިޑް ޖެހިފައިވާ ކަމަށް މިހާރުގެ ރަސްމީ އަދަދު ދައްކަނީ 35 މިލިއަނާއި 36 މިލިޔަނާ ދެމެދުގެ މީހުންކަމަށް ވިޔަސް ކޮވިޑް ޖެހިގެން ރިޕޯޓް ނުކުރާ ކޭސްތަކުގެ އަދަދު އެތައް ސަތޭކަ މިލިއަނަށް އަރާނެ ކަމަށް ބެލެވިފައިވާ ކަމުގަ އެވެ. މިގޮތުން ދުނިޔޭގެ އާބާދީގެ މަދުވެގެން 10 ޕަސެންޓް މީހުންނަށް ކޮވިޑް ޖެހިފައިވުން އެކަށީގެންވާ ކަމަށާއި އެކަމަށް ބާރުލިބޭ ފަދަ ހެކިތައް އެބަހުރި ކަމަށް ޑރ. ރަޔާން ވިދާޅުވި އެވެ.

ކޮވިޑް ޖެހުނު މީހުންގެ އަދަދު 760 މިލިޔަނަށް އަރާނެ

ދުނިޔޭގެ އާބާދީއަކީ 7.6 ބިލިއަންކަމަށްވާ އިރު ދުނިޔޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 760 މިލިޔަނަށް އަރާނެކަމަށް ޑަބްލިޔޫއެޗްއޯ އިން އަންދާޒާ ކުރެ އެވެ. ނަމަވެސް އެ ބަލި ޖެހުނު ކަމަށް ރިޕޯޓްކޮށްފައި ވަނީ 35 މިލިއަނާއި 36 މިލިޔަނާ ދެމެދުގެ މީހުންނަށެވެ.

ކޮވިޑް ދުނިޔޭގައި ފެތުރިފައިވާ ގޮތް ދައްކައިދޭ ޗާޓެއް. އެންމެ ބޮޑަށް ފެތުރިފައިވާ ގައުމުތަށް މުށިކުލާގައި އެންމެ ކުޑަކޮށް ފެތުރިފައިވާ ގައުމުތަށް ރީނދޫ ކުލާގައި

ދުނިޔޭގައި ކުރިޔަށްވުރެވެސް ބާރަށް ކޮވިޑް ދަނީ ފެތުރެމުން

ދުނިޔޭގެ އެކި ގައުމުތަކުގައި ކުރިޔަށްވުރެ ވެސް ބާރަށް ކޮވިޑް ފެތުރެމުންދާ މައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޖެނީވާގައި ހުންނަ ޑަބްލިޔޫއެޗްއޯގެ މައި މަރުކަޒުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑރ. ރަޔާން ވިދާޅުވީ ކޮވިޑް އާމެދު ފަރުވާކުޑަކުރެވެން ނެތްކަމަށާއި ދުނިޔޭގެ ގިނަ ގައުމުތަކުގައި އެބަލި ދަނީ ވަރަށް ބާރަށް ފެތުރެމުން ކަމުގަ އެވެ. އަދި ދުނިޔޭގެ ގައުމުތަކުން ފުރަބަންދު އުވާލައި ލުއިތައް ދީފައި ވަނީ ކޮވިޑް ފެތުރުން ކުޑަވެގެން ނޫންކަން ވެސް ޑރ. ރަޔާން ފާހަގަ ކުރެއްވި އެވެ.

ކާމިޔާބު ވެކްސިންއަކާ ނުލައި ކޮވިޑް އެއްކޮށް ކޮންޓްރޯލެއް ނުކުރެވޭނެ

ކާމިޔާބު ވެކްސިން އެއް ބޭނުން ކޮށްގެން މެނުވީ ކޮވިޑް ދެމެހެއްޓެވި ގޮތެއްގައި ކޮންޓްރޯލް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ކުރިން ކޮވިޑް ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައިވާ ބައެއް ގައުމުތަކުގައި ވެސް އަނެއްކާ އެބަލި ވަނީ ފެތުރެން ފަށައިފަ އެވެ. މީގެ ތެރޭގައި މެލޭޝިއާ، ސްރީލަންކާ އާއި އެނޫން ވެސް ގައުމުތައް ހިމެނެ އެވެ.

ކޮވިޑް އާދައިގެ ގޮތަކަށްވެސް ކޮންޓްރޯލް ކުރެވޭނީ ވަރުގަދަ އެޑްމިނިސްޓްރޭޝަނެއް އޮވެގެން

ކޮވިޑް އާދައިގެ ވަރަކަށް ކޮންޓްރޯލް ކުރެވޭނީ ވެސް ހަރުދަނާ ސްޓްރެޓެޖީއެއް އެކަށައަޅައިގެން ވަރުގަދަ އެޑްމިނިސްޓްރޭޝަން (ވެރިކަމުގެ ނިޒާމު) އަކާ އެކު އެބައްޔަށް ރައްޔިތުންގެ ހޭލުންތެރިވެގެންނާއި ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެންކަމަށް ޑަބްލިޔޫއެޗްއޯ އިން ބުނެ އެވެ. މީގެ އިތުރުން ޕަބްލިކް ހެލްތްގެ ވަރުގަދަ ނިޒާމަކާއި މުވާސަލާތުގެ ނިޒާމު ވަރުގަދަވުމާއި ކޮވިޑްގެ ސިއްހީ މައުލޫމާތާއި އެބައްޔާބެހޭ ޚަބަރުތަށް ހެޔޮގޮތުގައި ގިނައިން ފެތުރުމަކީވެސް އެބަލި ކޮންޓްރޯލް ކުރުމުގައި ވަރަށް މުހިއްމު ކަމެއްކަމަށް ޑަބްލިޔޫއެޗްއޯ އިން ބުނެ އެވެ.

(ނޫސްއެޖެންސީތައް)