އިންޑިއާ އައުޓް ނުވަތަ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ފޭބުމަށް ގޮވައި މި ފަހުން ރާއްޖޭގައި ޒުވާނުންތަކެއް ކުރި މުޒާހަރާގެ ބައިވެރިންނަކީ މުޅިންވެސް ހަރުކަށި ފިކުރުގެ މީހުންކަމަށް ދޭހަވާ ފަދަ އިބާރާތަކުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވާހަކަދައްކަވައިފި އެވެ.

ރޭ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަޖިލިސް ރައީސް ވަނީ، "އިންޑިއާ އައުޓް" ކެމްޕޭނަކީ ހައްދުފަހަނަ އަޅާފައިވާ، ހަރުކަށި ޖަމާއަތްތަކުން ރާވައިގެން ހިންގާ ކެމްޕޭނެއް ކަމަށް އެމަނިކުފާނު ވިދާޅުވާ ވާހަކަ ތަކުރާރުކުރައްވައިފަ އެވެ.

ނަޝީދު ވިދާޅުވީ އައިސިސް ޖަމާއަތާ ދުނިޔޭގެ އެހެނިހެން ޓެރަރިސްޓު ޖަމާއަތްތައް ހަރަކާތްތެރިވާ ގޮތް، ދުނިޔޭގެ ޖާސޫސީ އިދާރާތަކަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، އެފަދަ ޖަމާއަތަކުން ގައުމެއް ހިފަން ބޭނުން ނަމަ އެންމެ ފުރަތަމަ ކުރާ ކަމަކީ އެ ގައުމެއް ބައިނަލްއަގުވާމީ އާއިލާއިން އެކަހެރިކުރުން ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ސޯޝަލް މީޑިއާގައި "އިންޑިއާ އައުޓް" ހޭޝްޓެގް ބޭނުންކުރާ މީހުންގެ ތެރޭގައި ޖުމްލަކޮށް އުޅެނީ ދިވެހީން ނޫން ކަމަށެވެ.

"ދިވެހިރާއްޖެއިން އިންޑިއާ އައުޓް ވެފައި، އަނެއް މީހާ އައުޓް ވެފައި އަނެއް މީހާ އައުޓް ވެފައި، އަނެއް ގައުމު އައުޓް ވީމާ، ދިވެހީން ބައިނަލްއަގުވާމީ މުޖުތަމައުގެ އާއިލާއިން ބާކީވެގެން ދަނީ. އެ ބާކީ ކުރުމުގެ މަސައްކަތެއްގެ ތެރޭގައި، ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް އެބަ އެނގޭ އަޅުގަނޑު މިސާލެއްގެ ގޮތުން ދަންނަވާނަން. ސޯޝަލް މީޑިއާގައި އިންޑިއާ އައުޓް މި ހޭޝްޓެގްގައި ޓުވީޓުކުރައްވާ ބޭފުޅުން ބައްލަވާ ލައްވާ. އަދި އެއީ ކޮން ބޭފުޅުންނެއްތޯ، އެބޭފުޅުންގެ ފޮލޮވަރުން ޓުވިޓަރުގައި ހުރީ ކިހާ މިންވަރަކަށް ތޯ. ގިނަ ފަހަރަށް ފުރަތަމަ [އެކައުންޓް] ހަދާ ދުވަހު އިންޑިއާ އައުޓް ގޮވަނީ. އެހެންވީމަ އެއިކީއެއް ދިވެހިން ޖުމްލަކޮށް ބޮޑު ގޮތެއްގައި އޭގެ ތެރޭގައި ބައިވެރިވެގެން ހިނގާ މަސައްކަތެއް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ،" ނަޝީދު ވިދާޅުވި އެވެ.

މަޖިލިސް ރައީސްގެ ވާހަކައާ ގުޅިގެން، އިތުރު ނޫސްވެރިޔަކު ވަނީ ދިވެހި ޒުވާނުންތަކެއް ވެސް "އިންޑިއާ އައުޓް" ކެމްޕޭނުގެ ތެރެއިން މާލޭގައި މުޒާހަރާކޮށްފައިވާކަން ފާހަގަކޮށްފަ އެވެ.

ނޫސްވެރިޔާއަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ، އެ ކެމްޕޭނަކީ ހަރުކަށި ފިކުރުގެ ހައްދުފަހަނަ އެޅި ޖަމާއަތަކުން ރާވައިގެން ހިންގާ ކެމްޕޭނެއް ނޫން ގޮތަށް އެމަނިކުފާނަށް އެ ކެމްޕޭނު ނުފެންނަ ކަމަށެވެ.

"ތިބޭފުޅާ ދެންމެ ތި ފާހަގަކުރެއްވި ޒުވާނުން، އޭގައި ބައިވެރިވި ކަމަށް. 250 ޒުވާނުން ދިޔަ އިނގޭތޯ އައިސިސް އާ ގުޅިގެން ހަނގުރާމަކުރަން، އެ ޒުވާނުން ރެކްރޫޓުކޮށްފައި ވަނީ ވެސް ހަމަ އެހެން ޒުވާނުން. ވިސްނަވާލައްވާ އެއީ ކިހިނެތް ހިނގާދިޔަ ކަމެއްތޯ. ދިވެހިރާއްޖޭގެ 250 މީހުން މިދިޔައީ ދިވެހިރާއްޖޭގެ އިސްތިގުލާލެއް އެޔަކު ނުވެސް ހިމެނޭ. ދިވެހިރާއްޖޭގައި މަނާކަމެއް ކުރަން، މަރު އަތަށް ލައިގެން އެހެން ގައުމަކަށް ހަނގުރާމައަށް. އަޅުގަނޑަކަށް ނުފެނޭ އެނޫން ބަޔަކު އިންޑިއާ ސިފައިން ނުވަތަ އިންޑިއާ އާ ރާއްޖެއާ ގާތް ގުޅުމެއް އޮންނާތީވެ ކަންބޮޑުވެގެން އުޅޭ،" ނަޝީދު ވިދާޅުވި އެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އެމަނިކުފާނު ވެސް ދިރިއުޅުއްވަނީ ރާއްޖޭގައި ކަމަށާއި ރާއްޖޭގެ ރައްޔިތުންގެ އުންމީދުތައް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑަކަށް ފާހަގައެއް ނުކުރެވޭ އިންޑިއާ އާ ގުޅިގެންނެއް ތިބާވަތުގެ އިހުސާސްތަކެއް ދިވެހީންގެ ހިތްތަކުގައި ވާކަމަކަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ "އިންޑިއާ އައުޓް" ކެމްޕޭނަކީ ހަރުކަށި ޖަމާއަތުން ހިންގާ މަސައްކަތަކަށް ވާއިރު އެ މަސައްކަތުގެ ތެރެއަށް އެއްވެސް ސިޔާސީ ޕާޓީއެއް ވަދެދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ޔަގީނުން ވެސް ސަރުކާރުގައި ހިމެނޭ ޕާޓީތައް އެ މަސައްކަތުގެ ތެރެއަށް ނުވަންނާނެ ކަމަށް ވިދާޅުވި އެވެ.

އަދި މިބާވަތުގެ ކަންކަމަކީ ހުރިހާ ޕާޓީތަކަށް އެއްބަސްވެވެން ޖެހޭނެ ކަންކަން ކަމަށާއި ރާއްޖޭގެ އިސްތިގުލާލު ގެއްލިގެންދާ ބާވަތުގެ ކަމަކަށް އެއްވެސް ޕާޓީއަކުން ބާރު ދީގެން ނުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އައިސިސް ޖަމާއަތަށް ނުވަތަ ހަރުކަށި ޖަމާއަތްތަކަށް އަޅުގަނޑުމެން ތާއިދުކުރަނީ ނަމަ، އެ ޖަމާއަތްތަކުން ގޮވާ ގޮވެލިތައް އަޅުގަނޑުމެން ވެސް ގޮވާނަމަ އެ ދެވެނީ އެ ޖަމާއަތްތަކަށް ވަރަށް ބޮޑަށް ފުރުސަތު. އަޅުގަނޑު މި ދެންނެވި ޖަމާއަތްތަކަކީ ރާއްޖޭގައި ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި މިހާރު ލިސްޓުކުރެވިފައިވާ ޖަމާއަތްތައް،" ނަޝީދު ވިދާޅުވި އެވެ.

"އިންޑިއާ އައުޓު" ގެ ނަމުގައި އިދިކޮޅު ފަރާތްތަކުންނާއި މި ސަރުކާރާ ދެކޮޅު ފަރާތްތައް އަންނަނީ އަޑު އުފުލަމުންނެވެ. އެ ފަރާތްތަކުން ތުހުމަތު ކުރަނީ ރާއްޖޭގައި އިންޑިއާ ސިފައިން 'ހާލި' ހަދައިގެން ތިބެ މި ގައުމުގެ މިނިވަންކަން ގެއްލުވާލުމަށް މަސައްކަތް ކުރާ ކަމަށެވެ.