10 Oct 2020, 12:03
މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ، ކްރީސްޓަލް މެތްގެ ބައި ކިލޯއަށްވުރެ ގިނަ ތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.
މަސްތުވާތަކެތި ފެނިފައި ވަނީ އދ. ފެންފުށީ ގެއެއްގެ ބަލާ ފާސްކުރަނިކޮށެވެ.
ފުލުހުން މިއަދު ބުނީ، އެ މައްސަލައާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފައި ވަނީ 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަތުލައިގެންފައި ވަނީ ކްރީސްޓަލް މެތްގެ 536.2 ގްރާމެވެ.
"އެމީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއްކަމަށް ޝައްކުކުރެވޭ ކްރިސްޓަލް މެތު ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސް އަދި ފެންފުށީ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، ކްރީސްޓަލް މެތު ފެނިފައިވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު ކަމަށެވެ. އެގޮތުން އޭނާ އުޅެމުންދާ ކޮޓަރި ތެރެއިން ކްރިސްޓަލް މެތުކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ކޮތަޅާއި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަނުގައި ހައްޔަރު ކުރި 39 އަހަރުގެ މިހާއަކީ އދ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އަދި މިމައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އެ އަތޮޅު މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހު މުއްދަތަށް ބަންދުގައި ބެހެއްޓުމުގެ އަމުރު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިމައްސަލަ އދ. ފެންފުށި އަދި މަހިބަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.