ވިލިމާލޭގައި ހުންނަ ކުޑަކުދީންގެ ހިޔާގައި ތިބި ދެ ކުއްޖެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކުޑަކުދީންގެ ހިޔާގައި ތިބި ދެކުއްޖެގެ ޓެސްޓުގެ ނަތީޖާ އިއްޔެ ލިބުނު އިރު އެ ދެ ކުދީން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އެތަނުގައި މިވަގުތު 89 ކޮންޓެކްޓުން އައިޑެންޓިފައިކުރެވިފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އަދި އިއްޔެ، ބަލީގެ އަލާމާތްތައް ހުރި އިތުރު ހަތަރު ފަރާތެއް ތިބުމުން އެމީހުންގެ ސާމްޕަލް ނަގާފައިވާ ކަމަށާއި މިއަދު ނަތީޖާ ލިބުނުއިރު އެ ހުރިހާ ފަރާތްތައްވެސް ނެގެޓިވް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު އެތަނުން އިތުރު 86 ސާމްޕަލްއެއް ނަގާފައިވާ ކަމަށް ނަޒްލާ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ހުޅުމާލޭގައި ހުންނަ ފިޔަވަތިންވެސް ވަނީ މިއަދު އިތުރު ދެ ކުއްޖަކު ޕޮޒިޓިވްވެފަ އެވެ.

ފިޔަވަތިން ކޮވިޑްގެ ކޭހެއް ފުރަތަމަ ފެނުނީ އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފެއްގެ ގައިން މިދިޔަ މަހު 30 ވަނު ދުވަހު އެވެ. އޭނާ މަސައްކަތް ކުރަމުން ގެންދިޔައީ 10 އަހަރާއި 13 އަހަރުގެ ފިރިހެން ކުދިން ބައިތިއްބާފައިވާ ތިބޭ ފަންގިފިލައިގަ އެވެ.

އެއަށްފަހު އެތަނުގައި ނުވަ ކުޑަކުދިންނާއި އެކުދިން ބަލަހައްޓާ ފަސް މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހާމަކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގައެވެ.

ފިޔަވަތީގައި މިހާރު ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު ވަނީ ޖުމްލަ 23 އަށް އަރާފައި ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެއީ 11 ކުޑަކުދިންނާއި 11 ކެއާ ވޯކާ އަދި އެއް ސީނިއާ މުވައްޒަފެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި މިއަދު ޕޮޒިޓިވްވި ދެ މީހުން ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.