11 Oct 2020, 20:27
ކޮރޯނާ ވައިރަސްއާ ގުޅޭ ގޮތުން އަލްޖަޒީރާއިން ހެދި ޑޮކިއުމަންޓްރީއަކާ ގުޅިގެން މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ހުންނަ އަލްޖަޒީރާގެ އޮފީސް އެގައުމުގެ ފުލުހުން ރެއިޑްކޮށް އެތަނުގައި ހުރި ދެ ކޮމްޕިއުޓަރެއް ގެންގޮސްފިއެވެ.
އަލްޖަޒީރާއިން މިދިޔަ ޖުލައި މަހު ގެނެސްދިން ޑޮކިއުމަންޓްރީގައި ވަނީ މެލޭޝިއާގައި ގަވައިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންނާމެދު ކޮވިޑްތެރޭގައި އަމަލުކުރާ ގޮތާ ދޭތެރޭއެވެ.
އެގޮތުން މެލޭޝިއާ ފުރަބަންދުކޮށްފައި އޮތްއިރު ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހައްޔަރުކޮށް ހެދިކަމަށް ޑޮކިއުމަންޓްރީގައި ބުނެފައިވެއެވެ.
މެލޭޝިއާގެ ސަރުކާރުން ވަނީ އެ ވާހަކަތަކުގައި ހަގީގަތެއް ނެތްކަމަށް ބުނެފައެވެ. މެލޭޝިއާގެ ޑިފެންސް މިނިސްޓަރު އިސްމާއިލް ސަބްރީ ޔައުގޫބް ވަނީ އަލްޖަޒީރާއިން ގެނެސްދިން ވާހަކަތަައް އަނބުރާ ގެނެސް މާފަށް އެދުމަށްވެސް ގޮވާލައްވައިފައެވެ.
އެ ޑޮކިއުމަންޓްރީއާ ގުޅިގެން މެލޭޝިއާގެ ފުލުހުން ވަނީ އަލްޖަޒީރާގެ ދެ ނޫސްވެރިއަކާ ސުވާލުވެސްކޮށްފައެވެ.
އަލްޖަޒީރާއިން ވަނީ އެ ނޫހުގެ އޮފީސް ރެއިޑްކުރި މައްސަަލަ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.
އަލްޖަޒިރާއިން ބުނީ އެ ނޫހުގެ ނޫސްވެރިން ހާމަކުރީ ހަގީގަތްކަމަށާއި އެކަމަށް މާފަށް އެދެން ނުޖެހޭނެ ކަމަށެވެ. އަދި ނޫސްވެރިންނާ ގުޅޭ ތަހުގީގްތައް ހުއްޓާލުމަށް އަލްޖަޒީރާއިން ވަނި ގޮވާލައިފައެވެ.
--އޭބީސީ--