13 Oct 2020, 10:47
ވޮޝިންޓަން (އޮކްޓޯބަރު 13) : ކޮވިޑް-19 ޖެހިފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް 14 ދުވަސްވަންދެން ކޮރަންޓީންގައި ހުންނެވުމަށް ދެކޮޅު ހެއްދެވުމަށްފަހު ރިޔާސީ ކޭންޕޭން މަސައްކަތް ކުރުމަށްޓަކައި އާންމުންގެ ތެރެއަށް ނުކުންނަވައިފި އެވެ.
ޓްރަމްޕް ވިދާޅުވަނީ ކޮވިޑަށް ބިރުން ބިންގަރާހަށް ވަދެ ފިލައި ނޯންނާނެކަމަށް
ޓްރަމްޕަށް ކޮވިޑް ޖެހުމަށްފަހު ބޭއްވި ކޭންޕޭން ފުރަތަމަ އެއްވުން ބާއްވާފައިވަނީ ފްލޮރިޑާގައެވެ. މި އެއްވުމަށް ހާޒިރުވި ޓްރަމްޕްގެ ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި އޭނާ ވިދާޅުވީ އޭނާއަކީ ކޮވިޑަށް ބިރުން ބިންގަރާހަށް ވަދެ ފިލާ އޮންނާނެ ރައީސެއް ނޫން ކަމަށާ ނަމަވެސް އޭނާގެ ވާދަވެރިޔާ އަދި އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑެން އަކީ ކޮވިޑަށް ބިރުން ބިންގަރާހަށް ވަދެ ފިލާ އޮންނަ ބޭފުޅެއް ކަމުގައެވެ.
ކޮވިޑް-19 ޖެހިފައިވާ ޓްރަމްޕްވަނީ ބައްޔަށް އެމެރިކާގެ އަސްކަރީ ހޮސްޕިޓަލެއްގައި 3 ދުވަސްވަންދެން ފަރުވާ ހޯއްދަވާފައެވެ. ނަމަވެސް ކޮވިޑް އަށްފަހު 14 ދުވަސްވަންދެން ކޮރަންޓީންގައި ހުންނެވުމަށް ޓްރަމްޕް ވަނީ ފާޅުގައި ދެކޮޅު ހައްދަވާފައެވެ.
ވައިޓް ހައުސް އިންވަނީ ކޮރަންޓީގައި ޓްރަމްޕް ނުހުންނެވި ނަމަވެސް ޓްރަމްޕްގެ ފަރާތުން އެހެން މީހުންގެ ގަޔަށް ކޮވިޑް ނާރާނެކަމުގެ ޔަގީންކަން އޭނާއަށް ފަރުވާދިން ޑޮކްޓަރުންގެ ޓީމުން ދިންކަން ކަށަވަރުކޮށް ދީފައެވެ. ވައިޓްހައުސް ގެ ރަސްމީ ފިޒިޝަން ޑރ. ޝޯން ކޮންލޭ ވެސްވަނީ ޓްރަމްޕްގެ ފަރާތުން އެހެން މީހުންގެ ގަޔަށް ކޮވިޑް ނާރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ޓްރަމްޕަކީ އޭނާ ބޭނުންވާގޮތަށް ޑޮކްޓަރުންލައްވައި ބަޔާން ހޯއްދަވާ ބޭފުޅެއް
ނަމަވެސް ޓްރަމްޕަކީ ޑޮކްޓަރުންނަށް ފިއްތުންތަށް ކުރިމަތިކޮށްގެން އޭނާ ބޭނުންވާގޮތަށް އެމީހުންގެ ބަޔާން ހޯއްދަވާކަމަށް ނަން މަޝްހޫރު ބޭފުޅެކެވެ. އެހެންކަމުން ކޮރަންޓީން ގެ މުއްދަތު ހަމަނުވަނީސް އާންމުންގެ ތެރެއަށް ޓްރަމްޕް ނުކުންނެވި މައްސަލާގައި އޭނާއަށްވަނީ އެމެރިކާގެ ތެރެއިން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.
އަންނަ ނޮވެމްބަރު 3 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިހާބަށް ކުރާ ކޭންޕޭންގައި ޓްރަމްޕްގެ ކެމްޕޭނުން މިހާރު ގެންދަނީ ބޮޑެތި އެއްވުންތަކެއް ބާއްވައި ވަރުގަދަ ޙަރަކާތްތަކެއް ހިންގުމަށް ރާވަމުންނެވެ. ޓްރަމްޕް ވަނީ ކޮވިޑް ޖެހިފައި ވަނިކޮށްވެސް ޖޯ ބައިޑެންއާއެކު ރިޔާސީ ދެވަނަ ބަހުސް ގައި ބައިވެރިވުމަށް އެތަށް މަސައްކަތްތަކެއް ކުރައްވާފައެވެ.
ނަމަވެސް ޓްރަމްޕަށް ކޮވިޑް ޖެހިފައި ވަނިކޮށް އޭނާއާއެކު ރިޔާސީ ބަހުސެއްގައި ބައިވެރިވުމަށް އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑެން ދެކޮޅު ހެއްދެވުމުން އެމެރިކާގެ ރިޔާސީ ބަހުސްތަކާބެހޭ ކޮމިޝަނުންވަނީ ރިޔާސީ ދެވަނަ ބަހުސު ކެންސަލް ކޮށްފައެވެ. އެހެންކަމުން ޓްރަމްޕަށް އެކަން ކުރެވޭ ގޮތެއް ނުވިއެވެ.
ޓްރަމްޕް ވިދާޅުވީ ކޮވިޑް ޖެހުމުން ހަށިގަނޑު އިތުރަށް ވަރުގަދަވި ކަމަށް
ޓްރަމްޕް ވަނީ ކޮވިޑް ޖެހުމުން ހަށިގަނޑަށް ގެއްލުން ލިބުމުގެ ބަދަލުގައި އޭނާގެ ހަށިގަނޑު އިތުރަށް ވަރުގަދަވި ކަމަށް ވިދާޅުވެފައެވެ. މިގޮތުން ކޮވިޑާއެކު އޭނާގެ ދިފާއީ ބާރު އިތުރަށް ވަރުގަދަވެ އެންޓިބޮޑީތަށް ގިނަވެ ހަށިގަނޑު އިތުރަށް ތާޒާވެ ޒުވާންކަންވެސް ކުރިޔަށްވުރެ ބޮޑަށް އިޢާދަވެފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕްވަނީ ޓްވީޓްތަށް ކުރައްވާފައެވެ. (ނޫސްއެޖެންސީތައް)