ގާނޫނު އަސާސީ އޮތް ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިސްތިއުފާ ދެވެން ނެތް ކަމަށާއި މަގާމުގެ މަސްއޫލިއްޔަތު އަދާކުރާނީ އިހުލާސްތެރިކަމާ ތެދުވެރިކަމާ އެކުގައި ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން ޖޭއެސްސީގައި ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިހާބު ކުރާ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލިސްގެ ރައީސާއި މަޖިލީހުގެ މެމްބަރަކާއި އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މީހަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރެއް އަދި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ވަކީލެކެވެ.

ޖޭއެސްސީގައި ރައީސް ނަޝީދު އިންނަވައިގެން ސިޔާސީ އިދިކޮޅު ފަރާތްތަކަށް ޝަރުއީ ދާއިރާއިން އިންސާފު ނުލިބޭނެ ކަމަށް ބުނެ އެމަނިކުފާނު އިސްތިއުފާ ދެއްވުމަށް މަޖިލީހުގެ އިދިކޮޅު ބައެއް މެންބަރުން މިއަދު ވަނީ ގޮވާލާފަ އެވެ.

ޖޭއެސްސީން ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް މަޖިލީހުގެ އިދިކޮޅު ދެ މެންބަރެއް ގޮވާލެއްވުމުން، އެމަނިކުފާނު ވަނީ އެކަމާއި ގުޅޭ ގޮތުން މަޖިލީހުގެ ކައުންސިލާ ޖެނަރަލްއާ މަޝްވަރާ ކުރައްވާފަ އެވެ.

"ވަރަށް ބޮޑަށް މާފުކުރައްވާ. ގާނޫނު އަސާސީ އޮތް ގޮތުން އަޅުގަނޑަކަށް ޖޭއެސްސީން އިސްތިއުފާ ދެވޭކަށް ނެތް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އަދި ވިދާޅުވީ އެމަނިކުފާނު ޖޭއެސްސީގައި އިންހާ ހިނދަކު މަސައްކަތް ކުރައްވާނީ އިހުލާސްތެރިކަމާއި ތެދުވެރިކަމާ އެކުގައި އިންސާފުން ކަމަށެވެ. އަދި އަނިޔާވެރިކަން އިސްނުކުރައްވާނެ ކަމުގެ ޔަގީންކަން އެންމެހާ ފަރާތްތަކަށް ދެއްވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެއާ އެކު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ، ޖޭއެސްސީގެ ފޯމޭޝަން ބަދަލު ކުރުމަކީ މި ސަރުކާރު ރިޔާސާ ވައުދެއް ކަމަށާއި މަޖިލީހުގެ ސްޕަ މެޖޯރިޓީ އޮތް އިރު އެކަން އިސްލާހު ކުރަން ނަގާނީ 35 ސިކުންތު ކަމަށެވެ. ސިޔާސީ މީހުންގެ އަތް ދަށުން ޖޭއެސްސީ މިނިވަން ނުކޮށް ބަހަނާ ދެއްކުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ރައީސް ނަޝީދު އާއި އެހެން ވެސް ސިޔާސީ ފަރާތްތައް ޖޭއެސްސީން ދުރުވުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލާފައިވެއެވެ.

ޖޭއެސްސީ ގެ މެމްބަރު ކަމުން އެމަނިކުފާނު ދުރައް ޖެހިވަޑައިގަތުމަކީ، ރާއްޖޭގެ ރައްޔިތުންނަށް މިވަގުތަށް ލިބޭނެ އެންމެ ބޮޑު ބޮނޑި ކަމަށް، ރައީސް ނަޝީދު ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ވިދާޅުވެފަ އެވެ.

ޖޭއެސްސީގެ ފޯމޭޝަން ބަދަލު ކުރުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ވަނީ ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުމަށް މަޖިލީހަށް ބިލެއް ހުށަހަޅުއްވާފަ އެވެ.