15 Oct 2020, 09:55
ރޭ ބޮޑުތަކުރުފާނު މަގުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ އޮތީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނެފި އެވެ.
ރޭ 6:08 އެހާކަންހާއިރު ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތުގައި، ފަހަތުން އައި ވޭނެއް ޖެހި ހިނގި އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ އަންހެނުންނަށް ވަނީ އަނިޔާވެފަ އެވެ.
ވަކިން ހާއްސަކޮށް ފަހަތު ސީޓުގައި އިން އަންހެން މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އޭނާގެ ހާލު ސީރިއަސް އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު "ސަން"އަށް މިއަދު ވިދާޅުވީ، އެ އަންހެންމީހާ މި ވަގުތު އޮތީ އައިސީޔޫގައި ބާއްވާފައި ކަމަށެވެ. އަދި އޭނާ އޮތީ އޮކްސިޖަން ގުޅާފައި ކަމަށެވެ.
އެ އެކްސިޑެންޓު ހިނގި ގޮތް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
ފުލުހުން ރޭ ބުނި ގޮތުގައި އެކްސިޑެންޓުވި ދެ އުޅަނދުވެސް ދުއްވަން ތިބީ ލައިސެންސް އޮންނަ ދެމީހުންނެވެ.