15 Oct 2020, 15:47
ބޭރުފައިސާ މާރު ކުރުމުގެ ހިދުމަތް ނުވަތަ މަނީ އެކްސްޗޭންޖިންގެ ހިދުމަތް ދިނުމުގެ ލައިސަންސް އާ ފަރާތްތަކަށް ދޫނުކުރާ ގޮތަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ނިންމައިފި އެވެ.
އެ ބޭންކުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެ ލައިސަންސް ދިނުން މިވަގުތަށް ހުއްޓާލީ ރާއްޖޭގެ އާބާދީއާ އަޅާބަލާއިރު މިހާރުވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކަށް މަނީ އެކްސްޗޭންޖާ ލައިސަންސް ދޫކުރެވިފައިވާތީ ކަމަށެވެ. އަދި އެއީ ވަގުތީ ގޮތުން ހުއްޓާލި ހުއްޓާލުމެއް ކަމަށް ވެސް ބުންޏެވެ.
އެ ފަރާތްތަކުގެ ލިސްޓުން އެމްއެމްއޭއިން ވަނީ ވެބްސައިޓުގައި ވެސް ޝާއިއުކޮށްފަ އެވެ.
އެމްއެމްއޭއިން އަދި ބުނީ މަނީ އެކްސްޗޭންޖަރުން އަމަލުކުރަން ޖެހޭ ގޮތުގެ ގަަވައިދު މުރާޖައާ ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށް ދާ ކަމަށާއި ވަރަށް އަވަހަށް އެ ގަވާއިދު އިސްލާހުކޮށް އާންމު ކުރާނެ ކަމަށެވެ.
ކޮވިޑް-19އާ އެކު ރާއްޖޭގެ ޓޫރިޒަމް ހުއްޓި ބޭރު ފައިސާ ލިބުން ދަތިވުމާ އެކު ޑޮލަރުގެ އަގު ވަރަށް ބޮޑަށް މައްޗަށް އަރައިގެން ދިޔަ އެވެ. އަދި މަނީ އެކްސްޗޭންޖުތަކުން ވެސް ޑޮލަރު ގަނެ ވިއްކަމުން ދިޔައީ އެމްއެމްއޭއިން ކަނޑައަޅާފައިވާ 15.42ރުފިޔާގެ ރޭޓަށް ވުރެ މާ ބޮޑު އަގުގަ އެވެ. އެކަމަކު އެއީ ގާނޫނުތަކާ ގަވާއިދުތަކުން މަނާކަމެކެވެ.
އެކަމާ ގުޅިގެން އެމްއެމްއޭއިން މީގެ ކުރިން ބުނެފައި ވަނީ އެފަދަ މައްސަލަތައް ހުށަހެޅުމަށް އާންމުންގެ ކިބައިން އެދޭ ކަމަށާއި ހުށަހަޅާ މައްސަލަތައް ބަލައި ފިޔަވަޅު އަޅަމުން ދާނެ ކަމަށެވެ.