23 Oct 2020, 14:51
ޖޯޖިއާގައި ބޭންކަކުން ފަސް ލައްކަ ޑޮލަރު ނަގައިގެން ފިލި މީހަކު ހޯދަން ފަށައިފި އެވެ.
މިދިޔަ ބުދަ ދުވަހު ހިނގި އެ ހާދިސާގައި މީހަކު ވަނީ ބޭންކަށް ވަދެ 40 މީހުން ރަހީނުކޮށް ފަސް ލައްކަ ޑޮލަރު ނަގައިގެން ގޮސްފައެވެ. ނަމަވެސް ފަހުން އެ މީހުންތައް ވަނީ ދޫކޮށްލައިފަ އެވެ.
އޭނާ އެންމެ ފުރަތަމަ ބޭންކަށް ގޮސް އެތަނުގެ މުވައްޒަފުންނާއި ކަސްޓަމަރުން ރަހީނުކުރި އެވެ. އަދި އޭނާ ބޭނުންވާ ގޮތަށް ކާރަކާއި ފަސް ލައްކަ ޑޮލަރު ދިނުމުން އޭނާ ވަނީ ރަހީނު ކުރި ގިނަ ބަޔަކު ދޫކޮށްލައިފަ އެވެ.
ނަމަވެސް ކާރުގައި ދިޔައިރުވެސް ތިން ރަހީނަކު ގެންދިޔަ އެެވެ. އެ ތިން ރަހީނުނަށް ފަހުން ވަނީ ޖަންގަލީގެ ސަރަހައްދަކަށް ދޫކޮށްލައިފަ އެވެ.
ޖޯޖިއާގެ އިންޓިރިއާ މިނިސްޓަރު ވަކްތޭންގް ގޮމެލޯރީ ވިދާޅުވީ ބޭންކުން ފައިސާތައް ނެގި މީހާ ބޭނުންވާ ގޮތްތައް ހަމަޖައްސައިދިނީ ރަހީނުކުރި މީހުންގެ ރައްކަލަކަށް ކަމަށެވެ. އަދި އަބަދުވެސް އެންމެ މުހިންމީ އާންމު ރައްޔިތުންގެ ފުރާނަކަން އޭނާ ފާހަގަކުރެއްވި އެވެ.
ޖޯޖިއާގެ ބޮޑުވަޒީރު ޖިއޯޖީ ގަކާރިއާ ވަނީ ބޭންކުން ފައިސާތައް ނެގި މީހާ ހޯދަން ފުލުހުންނަނށް ގޮވާލައްވައިފަ އެވެ. އަދި އެފަދަ ކުއްވެރިއަކު އެގޮތަށް ދޫވެގެން ދިއުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. --އޭޕީ