27 Oct 2020, 09:17
އައިރެލެންޑް އަށް ނިސްބަތްވާ ޖޯޑެއް ކަމަށްވާ ޖޯން ބާމިންގަމް އާއި މޭރީ ލޯންގް، ދިމާވިތާ 40 އަހަރު ފަހުން ކައިވެނިކުރުމުން އެތައް ބައެއްގެ ސަމާލުކަން ހޯދައިފި އެވެ.
އުމުރުން 86 އަހަރުގެ ޖޯން އާއި 83 އަހަރުގެ މޭރީ ކައިވެނިކޮށްފައިވަނީ އައިރެލެންޑްގެ ކައުންޓީ ހުފަލީގައި ހުންނަ ޓުލަމޯ ހެލްތު ސެންޓަރުގަ އެވެ.
ދެމީހުން ބުނާގޮތުގައި ކިތަންމެ ފަހުން ކައިވެނި ކުރިނަމަވެސް އަދިވެސް ދެމީހުންގެ ހިތް ވަރަށް ޒުވާނެވެ. އަދި ދެމީހުން ކައިވެނި ކުރުމަށް އުޅޭތާ އެތައް އަހަރެއް ވެއްޖެ ކަމަށް އެ ޖޯޑު ބުނެއެވެ. އެހެންނަމަވެސް އެކި ސަބަބުތަކާ ހުރެ ދެމީހުންނަށް މީގެ ކުރީން ކައިވެނި ނުކުރެވުނީ ކަމަށްވެސް ބުނެއެވެ.
ޖޯންގެ އަންހެން ދަރިފުޅު ކެރޮލިން ބުނިގޮތުގައި އެ ދެމީހުން މިދިޔަ ހުކުރު ދުވަހު ކައިވެނި ކުރިއިރު އެއީ ދެމީހުންނަށްވެސް ވަރަށް ބޮޑު ދުވަހެއް ކަމަށެވެ.
"ދެމީހުންވެސް އަބަދުވެސް ބުނާނެ އެވަރަށް މަޖާކުރާއިރު، ކުރީގައި ހެން ކައިވެނިކޮށްގެން އުޅެން ބޭނުންވާ ކަމަށް،" ކެރޮލިން ބުންޏެވެ.
ޖޯން އާއި މޭރީ އެންމެ ފުރަތަމަ ދިމާވީ 1976 ވަނަ އަހަރު ހޮޓަލަކުންނެވެ. ނަމަވެސް އެއަށްފަހު ދެމީހުން ދިމާ ނުވެ އެތައް އަހަރެއް ހޭދަވެގެން ދިޔަ އެވެ.
ދެންމެ އެންމެފަހުން ދެމީހުން ދިމާވާ އިރު މޭރީ ހުރީ މީހަކާ ރުޅިވެގެން އެކަމުގެ ހިތާމައިގައެވެ. ނަމަވެސް ޖޯންގެ އެދުމަށް ދެމީހުން ކޮފީއަކަށް ބައްދަލުކުރިއެވެ. އެހާ ހިސާބުން ދެމީހުންގެ ލޯބީގެ ވާހަކަ ފެށުނީ ކަމަށް ކެރޮލިން ބުންޏެވެ.
"ދެމީހުންވެސް ނުހުރެ ދުވަސްވީ މީހުންގެ ހިޔާލެއް އަދި ވިސްނުމެއް. އެހެންވެ ކަންނޭނގެ އެހާ ލޯބިކޮށް އެމީހުންނަށް އެ އުޅެވެނީ،" ކެރޮލިން ބުންޏެވެ.