29 Oct 2020, 20:15
ބިދޭސީ މުވައްޒަފުންގެ އެކަމަޑޭޝަންގެ ހިދުމަތް ދިނުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުން ލާޒިމުކޮށް، އެފަދަ ވިޔަފާރި ހިންގުމާ ގުޅޭ
އުސޫލުތައް ބަޔާންކުރާ ގަވާއިދު އެކުލަވާލައި އާންމުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ގެޒެޓުކުރި ގަވާއިދުގައި ތިން ގޮތަކަށް ބިދޭސީ މުވައްޒަފުންގެ އެކަމަޑޭޝަން ހަމަޖައްސައިދޭ ފަރާތްތައް ފިޔަވައި، ވިޔަފާރި އުސޫލުން ބިދޭސީ މުވައްޒަފުންގެ އެކަމަޑޭޝަން ހިދުމަތް ދޭ ފަރާތްތައް ރަޖިސްޓްރީކުރުން ލާޒިމުވާނެ ކަމަށް ބުނެފައި ވެއެވެ.
ވަޒީފާ ދޭ ފަރާތުގެ އަމިއްލަ ތަންތަނުގައި، އެ ފަރާތުގެ ނަމުގައި ރާއްޖެ ގެންނަ ބިދޭސީ މުވައްޒަފުންނަށް އެކަމަޑޭޝަން ހަމަޖައްސައިދޭ ފަރާތްތަކުންނާއި ވަޒީފާ ދޭ ފަރާތުގެ ނަމުގައި ރާއްޖެ ގެންނަ ބިދޭސީ މުވައްޒަފުންނަށް ހާއްސަކޮށްގެން، ހަމައެކަނި ވަޒީފާ ދޭ ފަރާތުގެ މުވައްޒަފުން ބޭތިއްބުމަށް ކުއްޔަށް ހިފައިފައިވާ ތަންތަނާއި ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ
ޕްރޮފެޝަނަލް ގިންތީގެ ބިދޭސީ މުވައްޒަފުން ކުއްޔަށް ދޭ ތަންތަން ރަޖިސްޓްރީކުރުން ލާޒިމު ނުވާނެއެވެ.
އެނޫން އެހެން ގޮތަކަށް، ބިދޭސީ މުވައްޒަފުންނަށް ވިޔަފާރީގެ އުސޫލުން
އެކަމަޑޭޝަން ހިދުމަތް ދޭ ފަރާތްތަކުން، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތަކުން ކުރެ ގޮތަކަށް ވިޔަފާރި ކުރާ ތަނެއްގެ ގޮތުގައި، އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ކުންފުންޏެއް ނުވަތަ ޕާޓްނަޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ރަޖިސްޓަރީ ކުރަން ވާނެ ކަމަށް ގަވާއިދުގައި ބުނެއެވެ.
ބިދޭސީ މުވައްޒަފުންގެ އެކަމަޑޭޝަން ހިދުމަތް ދިނުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާނީ، އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް mv.egov.business ގެ ‘Registration Activity Business ‘ގެ ހިދުމަތް މެދުވެރިކޮށެވެ.
ގަވާއިދުގެ ދަށުން، ބިދޭސީ މުވައްޒަފުންގެ އެކަމަޑޭޝަން ހިދުމަތް ދިނުމަށް އެދޭ ފަރާތްތަކުން ކަނޑައަޅާ ތަންތަނުގައި، އެ ހިދުމަތް ދޭހައި ހިނދަކު، ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް އެތަނެއް ފެތެންޖެހޭނެއެވެ.
ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ، ބިދޭސީ މުވައްޒަފުންގެ
އެކަމަޑޭޝަން ހިދުމަތް ދޭ ތަންތަނުގައި ބައިތިއްބާ ބިދޭސީ މުވައްޒަފުންނަކީ، ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ހުއްދަ ހޯދުމަށްފަހު ރާއްޖޭގައި މަސައްކުރާ ބިދޭސީންކަން، ހިދުމަތް ދޭ ފަރާތުން
ކަށަވަރުކުރަން ޖެހޭނެއެވެ.
މިފަދަ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް އެދޭ ކޮންމެ ފަރާތަކުން 500 ރުފިޔާގެ އިދާރީ ފީއެއް ދައްކަން ޖެހޭނެއެވެ.
ގަވާއިދަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރުން ލާޒިމުވާ ފަދަ ބިދޭސީ މުވައްޒަފުންގެ އެކަމަޑޭޝަން ހިދުމަތް ދޭ ހުރިހާ ފަރާތްތަކުން ވެސް، ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ދަފުތަރު ކުރުމަށް ހުށަހަޅަންވާނެ ކަމަށް ގަވާޢިދުގައި ބުނެއެވެ.
ގަވާއިދަށް އަމަލުކުރަން ފަށާނީ، މިއަދުން ފެށިގެން 30 ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.