05 Nov 2020, 22:13
ކޮވިޑް ޖެހިގެން މީހަކު މަރުވެފައިވާ ދ. ކަނޑިންމަ ރިސޯޓުން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 50 އަށް އަރައިފިއެވެ.
ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މި މަހުގެ ފުރަތަމަ ދުވަހާ ހިސާބަށް ކަނޑިންމަ މޯލްޑިވްސް އިން 20 ޕޮޒިޓިވް ކޭސްއެއް ފެނިފައިވާ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު އަދި އިތުރު 30 ކޭސް ފެނިފައިވާ ކަމަށެވެ. އެ 30 ކޭސްތަކުގެ ތެރޭގައި ހިމެނެނީ ކަނޑިންމަ ރިސޯޓުގެ މުވައްޒަފުންނާއި ޑިޕާޗާ ސާމްޕަލް އިން ޕޮޮޒިޓިވްވި އެކަކު ކަމަށް ނަޒްލާ ވިދާޅުވިއެވެ.
އެއާއެކު މިހާރު ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު މިހާރު ޖުމްލަ 50 އަށް އަރާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
އެ ރިސޯޓު ވަނީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މޮނިޓަރިންގެ ހާލަތަށް ލާފައެވެ. އަދި ރަށަށް އަރައި ފޭބުމުގައި ރެސްޓްރިކްޝަންތަކެއް އެއާއެކު ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެ ރިސޯޓަށް އެހެން ޓުއަރިސްޓުންނަށް ދިޔުން މަނާ ވާނެއެވެ.
އެ ރިސޯޓުން ފޭބޭނީވެސް ކޮންޓެކްޓް ޓްރޭސިން ހަދައި އެއްވެސް ކޮންޓެކްޓެއް ނެތް އަދި ނެގެޓިވްކަން ޔަގީންވާ ޓުއަރިސްޓުން ކަމަށް ނަޒްލާ ވިދާޅުވިއެވެ.
އެ ރިސޯޓުގައި ކޮވިޑް ކޭސްތަކެއް އުޅޭކަން ފާހަގަވީ، އެ ރަށުގައި މަސައްކަތް ކުރާ 60 އަހަރުގެ ދިވެއްސަކު ހާލުބޮޑުވެގެން ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވުމުންނެވެ. އަދި އޭނާ ޓެސްޓްކުރީއިރު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެއީ ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި 38 ވަނަ މީހާ އެވެ.