05 Nov 2020, 22:20
ދ. އަތޮޅުގައި އޮންނަ ކަނޑިންމަ މޯލްޑިވްސް ރިސޯޓުން ކޮވިޑް19 އަށް ޕޮޒިޓިވްވީ މީހަކު މަރުވި މައްސަލައިގައި ހެލްތު މިނިސްޓްރީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހޯދުނު ހޯދުންތަކާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައުމޫނާ އަބޫބަކުރު ފުލުސް އޮފީހަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.
އެ ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ 60 އަހަރުގެ ދިވެއްސަކު ހާލުބޮޑުވެގެން، ދ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ ވަނީ މަރުވެފައެވެ.
އަދި އޭނާ ކޮވިޑް19 އަށް ޓެސްޓުކުރުމުން، ޕޮޒިޓިވްކަން ވަނީ އެނގިފައެވެ. އެ މައްސަލައިގައި ރިސޯޓުން އިހުމާލުވެފައިވާކަމަށް ވަނީ ތުހުމަތުކޮށްފައެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް މިރޭ ވިދާޅުވީ، ރިސޯޓުގައި ބަލި ފެތުރު ގޮތް ބެލުމަށް، ހެލްތުގެ ޓީމެއް މި މަހުގެ ދެވަނަ ދުވަހު ރިސޯޓަށް ދިޔަ ކަމަށެވެ.
އަދި އެ ޓީމުން، ރިސޯޓުގެ އިތުރުން ދ. އަތޮޅު ހޮސްޕިޓަލަށް ވެސް ޒިޔާރަކޮށް، ބައެއް މީހުންގެ ފަރާތުން މައުލޫމާތު ހޯދާފައިވާ ކަމަށެވެ. އަދި އެ ޓީމުން މިއަދު މާލެ އައިސް، ހޯދުންތަކާ ގުޅޭ ރިޕޯޓު ވަނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ހުށަހަޅައިފައެވެ.
އަދި އެ ހޯދުންތައް ބެއްލެވުމަށްފަހު، އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު މިރޭގެ ވަގުތެއްގައި މައްސަލަ ފުލުހުންނަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
މިހާތަނަށް އެ ރިސޯޓުން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 50 އަށް އަރައިފައެވެ. ޑރ. ނަޒްލާ ވިދާޅުވީ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު އެ ރިސޯޓުން އިތުރު 30 ކޭސް ފެނިފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ކަނޑިންމަ ރިސޯޓުގެ މުވައްޒަފުންނާއި ޑިޕާޗާ ސާމްޕަލް އިން ޕޮޮޒިޓިވްވި އެކަކު ކަމަށެވެ.
މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ރިސޯޓު ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. އަދި ރަށަށް އަރައި ފޭބުމުގައި ރެސްޓްރިކްޝަންތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެ ރިސޯޓަށް ފަތުރުވެރިން ދިއުން މަނާކޮށް، އެ ރިސޯޓަށް ބުކިން ހަދާފައިވާ ފަތުރުވެރިނ އެހެން ރިސޯޓުތަކަށް އަންނަނީ ޑައިވާޓް ކުރަމުންނެވެ.
އެ ރިސޯޓުން ފޭބޭނީވެސް ކޮންޓެކްޓް ޓްރޭސިން ހަދައި އެއްވެސް ކޮންޓެކްޓެއް ނެތް އަދި ނެގެޓިވް ޕީސީއާރް ޓެސްޓެއް ލިބުމުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.