08 Nov 2020, 13:36
ށ. ފަރުކޮޅުގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީ ކުރުމަށް ދިވެހި ސަރުކާރާއި އަރާމް ޓްރެވަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލުކުރި މައްސަލަ ސުޕްރީމް ކޯޓު މަރުހަލާއަށް ގޮސްފި އެވެ.
ފަރުކޮޅުގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް އޭރުގެ ސަރުކާރުން އަރާމް ޓްރެވަލް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ، 25 ޖޫން 2013ގަ އެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ކުރާ މަސައްކަތުގެ މުގާބިލެއްގެ ގޮތުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް ހިންގުމަށް 50 އަހަރު ދުވަހުގެ މުއްދަތަށް ގއ. އިންނަހެރާ އަދި ގއ. އިންނަހެރާއާ ގުޅިފައިވާ ގއ. މެދަހެރާ އާއި ގއ. މައްތުހެރާއާއި ގއ. މެދުބުރިޔާ އަދި ގއ. މާފެހެލާ އެކުންފުންޏަށް ކުއްޔަށްދިނުމަށް އެއްބަސްވި އެވެ.
ނަމަވެސް 2014 ވަނަ އަހަރު ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލުކޮށްފަ އެވެ. އެއްބަސްވުން ބާތިލު ކުރި ސަބަބުތަކުގެ ތެރޭގައި، އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފި ނަމަ ފަރުކޮޅުގެ ތިމާވެއްޓަށް އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއްވާނެ ކަމަށް އީއައިއޭ ރިޕޯޓުގައި ބުނެފައިވުން ހިމެނެ އެވެ. އަދި އަރާމް ޓްރެވަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ގޮތަށް އެ މަޝްރޫއު ކުރިއަށް ގެންދިޔުމަކީ، ގާނޫނު އަސާސީއާ ހިލާފު ކަމަކަށް ވާނެތީ ކަމަށްވެ އެވެ.
އެ އެއްބަސްވުން ބާތިލު ކުރި މައްސަލައިގައި ބަދަލު ހޯދަން އެ އަރާމް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުން ދައުވާ ކުރުމުން އެ އެއްބަސްވުން ބާތިލު ކޮށްފައި ވަނީ ރަނގަޅަށް ކަމަށް 2016 ވަނަ އަހަރު ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް، އަރާމް ޕްރައިވެޓް ލިމިޓެޑުން ވަނީ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ދަމަހައްޓާފަ އެވެ.
ހައިކޯޓުގެ ހުކުމް އަރާމް ޕްރައިވެޓް ލިމިޓެޑުން މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ސުޕްރީމް ކޯޓުގައި ވަނީ ބާއްވާފަ އެވެ.
އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނެވެ. ދެން ބެންޗުގައި ތިއްބަވާ ދެ ފަނޑިޔާރުންނަކީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސެއިނެވެ.
ށ. ފުނަދޫއާ އެއް ފަޅެއްގައި އޮންނަ ފަރުކޮޅު ވަނީ އޮކްޓޯބަރު 7، 2018ގައި ހިމާޔަތް ކޮށްފަ އެވެ. އަދި މިހާރު، ފުނަދޫގައި އެއާޕޯޓެއް އަޅައި އެ ތަނުގެ ދަތުރުތައްވެސް ވަނީ ފަށައިފަ އެވެ.