ވޮޝިންޓަން (ނޮވެމްބަރު 9) : އެމެރިކާގެ ރައީސުލްމުންތަޚަބު (ރައީސް ކަމަށް އިންތިޚާބު ވެފައިވާ) ޖޯ ބައިޑަން އޭނާގެ ސަރުކާރުގެ އިސް ބައެއް މަގާމުތަކަށް އައްޔަން ކުރާނެކަމަށް ބެލެވިފައިވާ ބައެއް ބޭފުޅުންގެ ނަންތަށް އެމެރިކާގެ މަޖައްލާއެއް ކަމަށްވާ "އިންޓެލިޖެންސާ" އިން ހާމަކޮށްފި އެވެ.

ބައިޑަންގެ ވަރަށް އަރިސް ބޭފުޅަކާ ހަވާލާދީ "އިންޓެލިޖެންސާ" ބުނާ ގޮތުން ޚާރިޖީ ވަޒީރުކަމާއި ދިފާއީ ވަޒީރުކަމާއި ގައުމީ ސަލާމަތާބެހޭ މުސްތަޝާރުކަމާއި ސިފައިންގެ ޗީފްއޮފް ސްޓާފް ކަމާއި އެޓާނީ ޖެނެރަލް ކަމާއި މޫސުމާބެހޭ މުސްތަޝާރުކަމުގެ މަގާމަށް އައްޔަންކުރާނެ ބޭފުޅުން ބައިޑަން މިހާރުވަނީ އިޚްތިޔާރު ކުރައްވައިފަ އެވެ.

ސުޒާން ރައިސް

ޚާރިޖީ ވަޒީރުކަމަށް އައްޔަންކުރައްވަން ބައިޑަން ނިންމަވާފައިވަނީ އޮބާމާގެ ވެރިކަމުގައި އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރުކަމުގެ މަގާމުގައި ހުންނެވި ސުޒާން ރައިސް އެވެ. ދިފާއީ ވަޒީރުކަމަށް އައްޔަންކުރައްވާނީ އޮބާމާގެ ދުވަސްވަރު ޕެންޓަގަންގެ ވަކީލެއްގެ މަގާމުގައި ހުންނެވި އަދި ބިލް ކްލިންޓަންގެ ވެރިކަމުގައި ވެސް އިސްމަގާމުތަކެއް އަދާކުރައްވާފައިވާ އަންހެން ބޭފުޅެއްކަމަށްވާ މިޝައިލް ފޮލޮރޮންވީ އެވެ.

ސްޓީވް ރިކްޗެޓީ

އެޓާނީ ޖެނެރަލް ކަމުގެ މަގާމަށް އައްޔަންކުރައްވާނީ ސެނެޓްގެ މެންބަރެއްކަމަށްވާ ޑޮއުގް ޖޯނެސް ކަމަށް ބެލިވިފައިވާއިރު މޫސުމާބެހޭ މުސްތަޝާރުކަމުގެ މަގާމަށް އައްޔަންކުރާނެކަމަށް ބެލެވިފައިވަނީ އޮބާމާގެ ދެވަނަ ދައުރުގައި ޚާރިޖީ ވަޒީރުކަން ކުރެއްވި ޖޯން ކެރީއެވެ. ބައިޑަންގެ ވެރިކަމުގައި މޫސުމާބެހޭ ފެޑްރަލް އައު އިދާރާއެއް އުފައްދަވާނެކަމަށާ އެއިދާރާގެ ވެރިއަކަށް ހަމަޖައްސަވާނީ ކެރީކަމަށްވެސް "އިންޓެލިޖެންސާ" ބުނެއެވެ.

ޑޮއުގް ޖޯނެސް

އެމެރިކާ ސިފައިންގެ ޖޮއިންޓް ޗީފްއޮފް ސްޓާފް ކަމުގެ މަގާމަށް އައްޔަންކުރާނެކަމަށް ބެލެވިފައިވަނީ ރިޓަޔަޑް ޖެނެރަލް ރޮން ކްލައިން އެވެ. ކްލައިން އަކީ ބައިޑަން އެމެރިކާގެ ނައިބު ރައީސަކަށް ހުންނެވި ދުވަސްވަރު ބައިޑަންގެ މުސްތަޝާރެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ. ބައިޑަންގެ މުސްތަޝާރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަސްކަރީ އެހެން ބޭފުޅެއްކަމަށްވާ ސްޓީވް ރިކްޗެޓީ ވެސް ކްލައިންގެ ބަދަލުގައި ސިފައިންގެ ޖޮއިންޓް ޗީފްއޮފް ސްޓާފް ކަމުގެ މަގާމަށް އައްޔަން ކުރުން އެކަށީގެންވާކަމަށް "އިންޓެލިޖެންސާ" ބުނެއެވެ. މާލީ ވަޒީރުކަމަށް އައްޔަން ކުރައްވާނެކަމަށް ބެލެވިފައިވަނީ އަންހެން ބޭފުޅެއްކަމަށްވާ ލައިލް ބްރިނާޑް އެވެ. ބްރިނާޑް އަކީ އޮބާމާގެ ދުވަސްވަރު މާލީ ޑިޕްލޮމޭޓެއްގެ ގޮތުގައި ހަރަކާތްތެރިވި ބޭކަނބަލެކެވެ.

ޖޯން ކެރީ

ބައިޑަން އެމެރިކާގެ ރިޔާސަތަށް އިންތިޚާބުވުމާ ގުޅިގެން އޭނާ މިހާރު ގެންދަވަނީ އޭނާ އެކުލަވާލާ ސަރުކާރަށް އެމެރިކާގެ ވެރިކަމުގެ ބާރުތައް ނަގުލުކުރުމަށްޓަކައި ޓްރަމްޕްގެ ސަރުކާރުގެ އިދާރާތަކާ ވާހަކަ ދެއްކުމަށް ބޭނުންވާ އިންތިގާލީ މަރުހަލާގެ ޓީމުތަށް އެކުލަވާލައްވަމުންނެވެ. މިޓީމުތަށް ޓްރަމްޕްގެ ސަރުކާރުގެ ވުޒާރަތަކަށާއި ވައިޓް ހައުސް އަށް ޒިޔާރަތްކޮށް ސަރުކާރުން ކުރިޔަށް ގެންދާ މުހިއްމު ކަންކަމާބެހޭ މައުލޫމާތު ހޯދާނެއެވެ. އެއީ ބައިޑަން އެކުލަވާލައްވާ އައު ސަރުކާރަށް އެމެރިކާގެ ވެރިކަމުގެ ބާރުތަށް ނަގުލުކުރުމަށް ފަސޭހަ ކުރުމުގެ ގޮތުންނެވެ.

މިއީ ބައިޑަން އޭނާގެ ސަރުކާރުގެ އިސް ބައެއް މަގާމުތަކަށް އައްޔަން ކުރާނެކަމަށް ބެލެވިފައިވާ ބޭފުޅުން ކަމަށް ބެލެވިފައިވީނަމަވެސް މިކަން އަދި މުޅިންކަށަވަރުނުވާ ކަމަށާ މިނޫންބޭފުޅުންވެސް މިމަގާމުތަކަށް އައްޔަން ކުރުމުގެ ފުރުސަތަކީ ނެތް ފުރުސަތެއްނޫންކަމަށް "އިންޓެލިޖެންސާ" ބުނެއެވެ. (އިންޓެލިޖެންސާ)