10 Nov 2020, 10:34
އެޕަލް ކުންފުނީން މިއަހަރު އެކުންފުނީގެ އުފެއްދުންތައް ލޯންޗުކުރުމަށް ބާއްވާ ތިންވަނަ އަދި ފަހު އިވެންޓް މިރޭ ބޭއްވުމަށް ފަހުގެ ތައްޔާރީތައް ވަމުން އެބަ ދެއެވެ.
އެޕަލް އިން މިއަހަރު ވަނީ އެކުންފުނީގެ ޕްރޮޑަކްޓްތައް ލޯންޗުކުރުމަށްޓަކައި މީގެކުރީން ދެ އިވެންޓެއް ބާއްވާފަ އެވެ. އެގޮތުން ފުރަތަމަ އިވެންޓަކީ އެކުންފުނީގެ އައިޕެޑް ސީރީޒްގެ އާ އައިޕެޑްތައް ދައްކާލުމަށް ބޭއްވި އިވެންޓެވެ. ދެން އެއަށްފަހު ބާއްވާފައިވަނީ މިއަހަރުގެ އައިފޯނުތައް ލޯންޗުކުރުމަށްޓަކައި ކުރިއަށް ގެންދިޔަ އިވެންޓެވެ.
މައުލޫމާތު ލިބޭގޮތުގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓުގައި ފެނިގެންދާނީ އެކުންފުނީގެ ލެޕްޓޮޕް ސީރީޒް މެކްބުކްގެ އާ ލެޕްޓޮޕްތަކެވެ.
"ވަން މޯ ތިންގް"ގެ ނަމުގައި ޕްރޮމޯޓް ކުރާ މިރޭގެ އިވެންޓާ ގުޅޭގޮތުން އެޕަލް އިން މާ ގިނަ ވާހަކަތަކެއް އާންމުކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ނަމަވެސް މެކް ޑިވައިސްތައް ފެނިގެންދާނެ ކަމަށް އެކި ފަހަރު މަތީން ވަނީ އިޝާރާތްކޮށްފައެވެ. އެހެންކަމުން އާ ޑެސްކްޓޮޕް ސީރީޒްއެއްވެސް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެތައް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މައުލޫމާތު ލިބޭގޮތުގައި މިއަހަރުގެ މެކްބުކްގައި ބޭނުންކުރާނީ އެޕަލްގެ "އިން ހައުސް" ޗިޕްތަކެވެ.
މިރޭގެ އެޕަލް އިވެންޓް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑީން 2200 ގައެވެ.