16 Nov 2020, 12:38
ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އެކުލަބު ދޫކޮށް އެހެން ގައުމަކަށް ދިޔަ ނަމަވެސް ސްޕެނިޝް ލީގު (ލަލީގާ) އަށް މާ ބޮޑު ގެއްލުމެއް ނުވާނެ ކަމަށާއި އެ ލީގަކީ ކުޅުންތެރިއަކަށް ވުރެން މާ ބޮޑު ލީގެއް ކަމަށް އެތުލެޓިކޯ މެޑްރިޑްގެ ކުރީގެ ފޯވާޑް ޑިއޭގޯ ފޯލާން ބުނެފި އެވެ.
ބާސާގެ ބޯޑާ މެސީއާ ދެމެދު މައްސަލަތަކެއް ދިމާވެ، މިދިޔަ ސީޒަނަށް ފަހު މެސީ ބާސާ ދޫކޮށްލަން އެދިފައިވެ އެވެ. އެހެން ނަމަވެސް ޓްރާންސްފާގެ ފަހުވަގުތު މެސީއަށް ކުލަބު ދޫކޮށް ދިއުމުގެ ފުރުސަތު ބާސެލޯނާއިން ހަނިކޮށް، އެކަން ނާކާމިޔާބުކޮށްލުމާ ގުޅިގެން ބާސެލޯނާގެ އެތެރޭގެ ހުޅުގަނޑު ރޯވެ، ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތިވެގެން ގޮސްފަ އެވެ.
އެއާ އެކު ބާސެލޯނާގެ ރައީސަކަށް ހުރި ޖޯސެޕް މާރިއާ ބާޓޮމެއުއާ އެކު މުޅި ބޯޑް ވަނީ އިސްތިއުފާ ދީފަ އެވެ. އަދި އައު މެނޭޖްމެންޓާ އެކު މެސީ ބާސެލޯނާގައި އަލުން މަޑުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ބުނެ މިފަހުން ވަނީ ވާހަކަތައް ފެތުރިފަ އެވެ. އަދި މެސީ ކުރިން ކުލަބު ދޫކޮށްލަން އުޅުނީ މެނޭޖްމެންޓާ މެދު ހިތްހަމަ ނުޖެހިގެން ކަމަށާއި، މިހާރު އެކަން އެ ހައްލުވީ ކަމަށް ބުނެ ބާސެލޯނާގެ ބައެއް އިސް ކުޅުންތެރިން ވަނީ ވާހަކަ ދައްކައިފަ އެވެ.
އެހެން ނަމަވެސް އަންނަ ސީޒަނުގައި ފްރީ އޭޖެންޓެއްގެ ގޮތުގައި މެސީ ބާސެލޯނާ ދޫކޮށްލާނެ ކަމުގެ އިޝާރާތެއް އޭނާ ވަނީ ކޮށްފަ އެވެ. އަދި މެސީ ހޯދުމަށް ޔޫރޮޕުގެ ބޮޑެތި ބާރުތަކުން ކިޔޫ ދަމާލައިފައިވާ އިރު، މެންޗެސްޓާ ސިޓީން ވަނީ މެސީ ހޯދުމާ ގާތަށް ޖެހިލައިފަ އެވެ. އެގޮތުން މެސީ ގެންދިއުމަށް ބޮޑު ޕްލޭނެއް އެކުލަވާލައި، އެކަމަށް ބޭނުންވާ ބަޖެޓް ވެސް ސިޓީން ވަނީ ހޯދަން ފަށައިފަ އެވެ.
ބާސެލޯނާ ދޫކޮށް މެސީ ގޮސްފި ނަމަ އެކުލަބަށާއި ސްޕެނިޝް ލީގަށް ވެސް އެކި ގޮތްގޮތުން ގެއްލުންވާނޭ ކަމަށް ކުލަބުތަކުގެ ބޮޑުން ބުނެފައިވާ އިރު، މިދިޔަ ޓްރާންސްފާގައި މެސީ ކުލަބު ދޫކޮށްލުމުގެ ފުރުސަތު ނުދިނީ އެކަމާ ވިސްނުމަށް ފަހު ކަމަށް ބާޓޮމެއު ވެސް ވަނީ ބުނެފަ އެވެ. އެކަމަކު މެސީ ބާސެލޯނާ ދޫކޮށް އެހެން ގައުމަކަށް ގޮސްގެން ސްޕެނިޝް ލަ ލީގާއަށް ވަކިން މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށް ފޯލާން ވަނީ ބުނެފަ އެވެ.
"ލަލީގާ އަކީ ބޮޑު ލީގެއް. މިއީ 90 އަހަރެއް ވުރެން ދިގު ތާރީހު އޮތް ލީގެއް. މެސީ ދިޔަސް ނުދިޔަސް މި ލީގު ދާނީ ކުރިއަށް. މި ލީގު މިވަރުވެފައި މިއޮތީ އެތައް ކުލަބެއްގެ، އެތައް ކުޅުންތެރިންނެތްގެ މިންނެތް މަސައްކަތުން،" ފޯލާން ބުންޏެވެ.
ފޯލާން ބުނީ، ލަ ލީގާއަކީ ވަކި ކުޅުންތެރިއަކަށް ބަރޯސާ ވެގެން ކުރިއަށްދާނޭ ލީގެއް ނޫން ކަމަށާއި މީގެ ކުރިން ވެސް އެތައް ކުޅުންތެރިންނެއް އައިސް ގޮސްވަފައިވާ ކަމަށެވެ. އަދި އެންމެ މުހިއްމު ކަމަމީ މިއޮތް ޓީމުތައް ކަމަށާއި، ޓީމުތައް ދެމިއޮތްހާ ހިނދަކު ލީގު ވެސް އޮންނާނެ ކަމަށެވެ.
ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީ ވަނީ މިހާތަނަށް ބާސާއާ އެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފަ އެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައި ވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަފަހަރު ފަހަރު ހޯދާފަ އެވެ. މެސީ އަކީ މި އެވޯޑު އެންމެ ގިނައިން ހޯދި ކުޅުންތެރިޔާ އެވެ.