ބެލަރޫސްގައި މިހާރު ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން 1000 އެއްހާ މީހުން ހައްޔަރުކޮށްފި އެވެ.

ބެލަރޫސްގައި އަނެއްކާވެސް މުޒާހަރާތައް ހޫނުވީ އިދިކޮޅު އެކްޓިވިސްޓެއްގެ މަރާ ގުޅިގެންނެވެ. މުޒާހަރާ ކުރާ މީހުން ބުނާގޮތުގައި އޭނާ މަރުވީ ސިފައިން އަނިޔާކުރުމުގެ ސަބަބުންނެވެ.

ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

މަރުވި މީހާ ހައްޔަރުކުރި ތަނުގައި މުޒާހަރާކުރި މީހުން ވަނީ މާބޮނޑިވެސް ބަހައްޓައިފަ އެވެ.

ވިއެސްނާ ހިއުމަން ރައިޓްސް އޯގަނައިޒޭޝަނުން ބުނީ މުޒަހަރާތަކާ ގުޅިގެން ބެލަރޫސްގެ ވެރިރަށް މިންސްކް އަދި އެހެން ސިޓީތަކުން 1000 އަށްވުރެ ގިނަ މީހުން ހައްޔަރުކުރި ކަމަށެވެ.

މުޒާހަރާ ކުރާ މީހުން ހުއްޓުވަން ރަބަރު އުންޑަ ބޭނުންކުރަމުންދާ ކަމަށް ރޮއިޓާސްއިން ބުންޏެެވެ.

ބެލަރޫސްގައި މުޒާހަރާތައް ފެށުނީ އެގައުމުގައި މިދިޔަ އޮގަސްޓް މަހު ބޭއްވި އިންތިހާބްގައި މިހާރުގެ ރައީސް އެލެކްޒެންޑްރާ ވޯޓޯ އޮޅުވާލައްވާފައިވާ ކަމަށް ބުނެެ އެވެ.

އެ އިންތިހާބް އެމެނިކުފާނު ކާމިޔާބުކުރެއްވީ 80 ޕަސެންޓް ވޯޓާއެކު އެވެ. އިދިކޮޅު ލީޑަރު ވަނީ ނަތީޖާ ގަބޫލުނުކުރައްވައި ގައުމު ދޫކުރައްވައި ވަޑައިގެންފަ އެވެ. --ބީބީސީ