20 Nov 2020, 12:53
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ގާތްގަނޑަކަށް 15 އަހަރަށް ފަހުން ފުރަތަމަ ފަހަރަށް އިންކިއުބޭޓަރެއް ލިބި އޭގެ ހިދުމަތް ދޭން ފަށައިފި އެވެ.
އެ ހޮސްޕިޓަލުން ބުނެފައިވަނީ ދުނިޔޭގެ ދުވަސް ނުފުރާ ވިހާ ކުޑަކުދީންގެ ދުވަސް ފާހަގަކުރާއިރު އިންކިއުބޭޓަރެއް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ލިބުމަކީ ވަރަށް އުފާ ކުރާ ކަމެއް ކަމަށެވެ.
ކުޅުދުއްފުށި ހޮސްޕިޓަލަކީ މީގެ އަހަރުތަކެއް ކުރީންވެސް ސަރަހައްދުގެ ގިނަ ރަށްތަކުން މީހުން ހިދުމަތް ހޯދުމަށް ދާ ހޮސްޕިޓަލެކެވެ. އެގޮތުން އެ ހޮސްޕިޓަލުގައި އިންކިއުބޭޓަރެއް އެންމެ ފަހުން ހުރީ 2005 ވަނަ އަހަރުގައި ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
ހޮސްޕިޓަލުން ބުނެފައިވަނީ ދުވަސް ނުފުރާ ވިހަން ޖެހުމުގެ ސަބަބުން ކުޅުދުއްފުށީންނާއި އެ ސަރަހައްދުން ވިހުމަށް މީހުން މާލެ އަންނަ މިންވަރު އިތުރުވެފައިވާ ކަމަށެވެ.
އެހެންނަމަވެސް އެ ހޮސްޕިޓަލުގެ އެންއައިސީޔޫގެ ހިދުމަތަށް ގެނައި ތަރައްގީ އާއެކު ދުވަސް ނުފުރާ ވިހަން ޖެހޭ ހާލަތްތަކުގައި މާލެ ދާން ޖެހޭ މީހުން މަދުވާނެ ކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ބުނެއެވެ. އަދި އިންކިއުބޭޓަރު ގެނެސް ބޭނުންކުރަން ފެށުމުން ދުވަސް ނުފުރާ ވިހާ ކުދިންނަށް އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
އޭގެއިތުރުން ހޮސްޕިޓަލުގެ އެންއައިސީޔޫއަށް ވަނީ ޒަމާނީ ފެންވަރުގެ ތިން "ބޭބީ ވޯމާސް" އާއި ދެ ނިއޯނޭޓަލް ވެންޓިލޭޓާސް ވެސް ލިބިފައިވާ ކަމަށް މައުލޫމާތު ދެއެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ޒަމާނީ ހިދުމަތްތައްދީ އިތުރަށް ތަރައްގީކުރުމަށްޓަކަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހޮސްޕިޓަލުގެ ހިދުމަތްތައް އިތުރަށް ފުޅާ ކުރުމަށް މުޅީން އާ ބިލްޑިން އެއް ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.