26 Nov 2020, 17:47
ހަ މެޖިސްޓްރޭޓު ކޯޓަކަށް އައްޔަންކުރަން ފެންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމި ފަނޑިޔާރުން މިއަދު މަގާމުގެ ހުވާކުރައްވައިފިއެވެ.
ފަނޑިޔާރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ޖޭއެސްސީގެ އިދާރާގައެވެ.
މިއަދު ފަނޑިޔާރުން އައްޔަންކޮށްފައި ވަނީ ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ނ. މަނަދޫ، ގދ. ތިނަދޫ، ރ. މަޑުއްވަރި އަދި ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށެވެ.
ކޯޓުތަކަށް މެޖިސްޓްރޭޓުން އައްޔަންކުރުން -- ފޮޓޯ/ ޖޭއެސްސީ
ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އައްޔަންކޮށްފައި ވަނީ އެރަށު ނޫރަންގެ، މުހައްމަދު އިސްމާއީލް އެވެ. މުހައްމަދު އިސްމާއީލް ވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބެޗެލާސް އޮފް ޝަރީއާ އެންޑް ލޯ ހާސިލްކުރައްވައިފައެވެ. އޭނާ ކުރިން ހުންނެވީ ސިވިލް ކޯޓުގެ ލީގަލް އޮފިސަރެއްގެ ގޮތުގައެވެ.
ފުނަދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އައްޔަންކޮށްފައި ވަނީ މާލެ، ގ. ނޫމަރާވިލާ، ޝީރީން ނާހިދާ ލަތީފް އެވެ. ޝީރީން ނާހިދާ ލަތީފަކީ ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކުރައްވާފައި ވަނީ މައުހަދުއް ދިރާސާތިލް އިސްލާމިއްޔާއިންނެވެ. އަދި ފަނޑިޔާރުކަމުގައި ތިން އަހަރު ތަޖުރިބާ ލިބިވަޑައިގެންފައިވެއެވެ.
މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް އައްޔަންކޮށްފައި ވަނީ ށ. މަގޫދޫ، ހަވީރީނާޒު، އާދަމް ސަލީމް އެވެ. އާދަމް ސަލީމް ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފައި ވަނީ ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިންނެވެ. އޭނާ މީގެ ކުރިން ހުންނެވީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމުގައެވެ.
ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް އައްޔަންކުރީ ގއ. ގެމަނަފުށީ، އެތުމާގެ އަހްމަދު އާދަމް އެވެ. ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބެޗެލާސް އޮފް ޝަރީއާ އެންޑް ލޯ (އޮނާޒް ހާސިލްކުރައްވާފައިވާ އަހްމަދު އާދަމް ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުގައި ދެ އަހަރު މަސައްކަތް ކުރައްވައިފައެވެ.
ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަންކުރީ ކޮޅުމަޑުލު މަޑިފުށި، ސިގްނަލްގެ، އަކްރަމް ރަފީއު އެވެ. ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބެޗެލާސް އޮފް ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފައިވާ އަކްރަމް ރަފީއު މީގެކުރިން ހުންނެވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ލީގަލް ކައުންސެލްގެ މަގާމުގައެވެ.
އައްޑޫ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްކަމަށް އައްޔަންކުރީ ސ. މަރަދޫފޭދޫ މެރީވިލާ، މުހައްމަދު އަފީފް އެވެ. މުހައްމަދު އަފީފަކީ އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާ އިން އިސްލާމިކް ލޯ އިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވައިފައެވެ. މުހައްމަދު އަފީފް ކުރިން ހުންނީ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ހިތަދޫ ކެމްޕަސްގެ ލެކްޗަރާއެއްގެ މަގާމުގައެވެ.