ވޯޓު ފޮށިން އެމްޑީޕީއާއި ސަރުކާރު ކޯލިޝަން ބަލިކޮށްދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގެންފިއެވެ.

ރައީސް ޔާމީން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާތާ މިއަދު އެއް އަހަރު ވަނީ ފުރިފަ އެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު މާފުށީ ޖަލަށް ވަޑައިގެން ރައީސް ޔާމީންއާ ބައްދަލު ކުރެއްވުމަށްފަހު ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މި ސަރުކާރު ބަލިކުރުމަށް މަސައްކަތް ކުރެއްވުމަށް ރައީސް ޔާމީން ގޮވާލައްވާ ކަމަށެވެ.

"ރައީސް ޔާމިންއަށްޓަކައި ވެސް އަދި މި ގައުމަށްޓަކައި ވެސް މިއަދު ކޮށްދެވޭނެ އެންމެ މުހިންމު މަސައްކަތަކީ އެލްސީއީގައި އެމްޑީޕީއާއި ކޯލިޝަން ސަރުކާރު ބަލިކުރުން ކަމަށާއި ވޯޓް ފޮށިން އެ ނަތީޖާ ދައްކަވައި ދެއްވުމަށް ރައީސް ޔާމީންގެ ސަޕޯޓަރުންނަށާއި ހުރިހާ ރައްޔިތުންނަށް ގޮވާލެއްވި." އަދުރޭ ވިދާޅުވި އެވެ.

މީގެ އިތުރުން ކޮންމެފަދަ ހާލަތެއްގައި ވެސް ރާއްޖެ ދޫކުރައްވައި ވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން ރައީސް ޔާމީން ދެއްވި ކަމަށް އަދުރޭ ވިދާޅުވި އެވެ.

"ރައީސް ޔާމީން ވިދާޅުވީދިވެހި ރައްޔިތުންގެ ހައްގުގައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވާން ތައްޔާރަށް ހުންނެވި ކަމަށް. އަދި ކޮންމެ ފަދަ ހާލަތެއްގައިވެސް ރާއްޖެ ދޫކުރައްވާ ވަޑައިނުގަންނަވާނެ ކަމަށާއި އެލްސީއީގައި މި ސަރުކާރު ބަލި ކުރުމަށްޓަކައި ސާބިތުކަމާއެކު ހިތްވަރާއެކު މަސައްކަތް ކުރުމަށް ގޮވާލެއްވި." އަދުރޭ ވިދާޅުވި އެވެ.

މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ރައީސް ޔާމީން ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތާ އެއްއަހަރު ފުރުމާއެކު އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން މިއަދު ކަނޑުމަތީގައި ވަނީ މުޒާހަރާއެއްވެސް ކޮށްފަ އެވެ.