ކުޅަދާނަ އެކްޓަރު އަކްޝޭ ކުމާރު އާ ކްރިތީ ސެނަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ބައްޗަން ޕާންޑޭ" ގެ ކާސްޓާ ޖެކަލީން ފާނަންޑޭޒް ގުޅިއްޖެ އެވެ.

ފިލްމުގެ ޝޫޓިން ފަށަން ތައްޔާރުވަމުން އަންނައިރު ޖެކަލީން މި ފިލްމުގެ ޝޫޓިންއާ ގުޅޭނީ ޖަނަވަރީ މަހުއެވެ. ރާޖަސްތާނުގައި ފިލްމުގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިން ފަށާއިރު ޖެކަލީން ބުނީ އަނެއްކާވެސް އަކްޝޭ އާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން ވަރަށް ހިތްހަމަޖެހޭ ކަމަަށާއި އޭނާ އާއެކު މަސައްކަތް ކުރަން ވަރަށް ފަސޭހަކަމަށެވެ.

ޖެކަލީން ބުނީ އޭނާގެ ކެރެކްޓާއާ މެދު އަދި ވަކި އެއްޗެއް ބުނެވެން ނެތް ކަމަށާއި ނަމަވެސް މި ރޯލަކީ ތަފާތު ރޯލެއް ކަމަށެވެ. އަދި ޝޫޓިން ފެށުމަށް ކެތްމަދުވެފައިވާ ކަމަށެވެ.

މި ފިލްމުގައި ކްރިތީ ކުޅޭނީ ނޫސްވެރިއެއްގެ ރޯލުކަމަށް ހަބަރުތައް ބުނެ އެވެ. މި ފިލްމަކީ ސާޖިދު ނަޑިއަދްވާލާ ގެނެސްދޭ ފިލްމެކެވެ.

ބައްޗަން ޕާންޑޭ އަކީ 2014 ގައި ރިލީޒްކުރި ތަމަޅަ ފިލްމު "ވީރަމް" ގެ ރިމޭކެކެވެ. އެ ފިލްމަކީ ދުޝްމަނުންގެ ކިބައިން އާއިލާ ހިމާތްކުރަން މަސައްކަތްކުރާ ހިތްހެޔޮ މީހެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.