02 Dec 2020, 13:43
މޯލްޑިވްސް ޕޮލިސް ސާވިސްގެ އެއްވެސް ފުލުހަކު އިހުތިޖާޖުގެ އެެއްވެސް އަމަލެއް ހިންގުމާއި އަދި އެފަދަ އެއްވެސް އަމަލެއްގައި ބައިވެރިވުމަކީ ކުށެއް ކަމަށް ކަނޑައަޅައި އަދަބު ދޭން ޖެހޭ ގޮތަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގައި ހިމެނުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން ނިންމައިފި އެވެ.
މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން އެގޮތަށް ނިންމާފައިވަނީ ނިމިދިޔަ އަހަރު މ.އުޖާލާގޭގައި ފުލުހުން ހިނގި އޮޕަރޭޝަނެއްގައި އާންމު ރައްޔިތަކަށް އަނިޔާ ކުރި މައްސަލައާ ގުޅިގެން ގިނަ ކަންތައްތަކެއް ބެލުމަށް ފަހު އެވެ. އެމައްސަލައާ ގުޅިގެން އޭރު ހަތް ފުލުހަކު ސަސްޕެންޑް ކުރި އެވެ.
މައްސަލަ ބަލައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން އާންމު ކުރި ރިޕޯޓުގައި ބުނެފައިވަނީ އުޖާލާގޭގައި ހިނގާ ދިޔަ ކަންތައްތަކާއި ގުޅިގެން ސަސްޕެންޓް ކުރި ފުލުހުން ފޭސްބުކް ޕްރޮފައިލް ކަޅު ކުލައަށް ބަދަލުކޮށް އިހުތިޖާޖު ކުރި ކަމަށެވެ.
"އެ އިހުތިޖާޖަކީ ފުލުހުންގެ ތެެރެއިން ބަޔަކު ކުރި ޖިނާއީ ކުށެއްގެ ސަބަބުން އެކަން ކުރި ފުލުހުންނާއި މެދު ފިޔަވަޅު އެޅުމަށް ނިންމުމުން އެކަމުގެ ނުރުހުން ފާޅުކުރުމުގެ ގޮތުން ކޮށްފައިވާ އިހުތިޖާޖެއް." ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ އިހުތިޖާޖު ކުރި ފުލުހުންނާއި ސުވާލު ކުރުމުން އެކަން އެއީ އެންމެ ރަނގަޅަށް ކުރެވުނު ކަމެއް ނޫން ކަމަސް އެ ފުލުހުން ބުނެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އެހެންނަމަވެސް އެކަން ކުރި ފުލުހުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ފުލުހުން އިހުތިޖާޖު ކުރި މައްސަލަ ބަލައިދިނުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގައި އެދުމުން އެމައްސަލަ ބަލަމުން ދާ ކަމަށް ބުނި ނަމަވެސް އެކަށީގެންވާ ގޮތެއްގައި އެމައްސަލަ ބަލާފައި ނުވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި ޒިންމާދާރުކަމާއެކު ކޮމިޓީއަށް ޖަވާބު ދާރީ ނުވިކަންވެސް ވަނީ ފާހަގަކޮށްފަ އެވެ.
"ފޭސްބުކް ޕްރޮފައިލް ކަޅު ކުލައަށް ބަދަލުކުރި ކަމަށް ފާހަގަކުރެވުން ފުލުހުން މިހާރު ޕްރޮފައިލް އެހެން ކުލައަކަށް ބަދަލުކޮށްފައިވާ ކަމާއި އެހެންކަމުން އެމައްސަލަ މިހާރު ނިމިފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމުގައި ކޮމިޝަނަރު އޮފް ޕޮލިސް އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕްރޮފެޝަނަލް ކޮމާންޑުގެ ކަމާގުޅޭ އިސް ބޭފުޅުން ކޮމިޓީއަށް މައުލޫމާތު ދީފައިވޭ." ރިޕޯޓުގައި ބުނެފައިވެ އެވެ.
"އިހުތިޖާޖުގެ ސަަބަބުން މުޅި މުއައްސަސާ ނުރައްކަލަށް ހުށަހެޅޭ"
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން ތައްޔާރު ކުރި ރިޕޯޓުގައި ބުނެފައިވަނީ ފުލުހުން ކުރާ އެފަދަ އިހުތިޖާޖުގެ ސަބަބުން ފުލުހުންގެ މުޅި މުއައްސަސާ ނުރައްކަލަށް ހުށަހެޅޭ ކަމަށެވެ. އެހެންވެ އެކަން ހުޓުވުމަށް އިހުތިޖާޖު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅަން ޖެހޭ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ފުލުހުން އިހުތިޖާޖު ކުރާނަމަ އެކަމަށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމަށް މިހާރު މަޖިލީހުން ދިރާސާ ކުރަމުންދާ ފުލުހުންގެ ހިދުމަތުގެ ބިލުގައި ހިމެނުމަށް ކޮމިޓީއިން ފާސްކުރި އެވެ.
އަދި އުޖާލާގޭގައި ހިނގާދިޔަ ކަންކަމާއި ގުޅިގެން ސަސްޕެންޑް ކުރި ފުލުހުންް އިހުތިޖާޖު ކުރުމުގެ ގޮތުން ފޭސްބުކް ޕްރޮފައިލް ކަޅު ކުލައަށް ބަދަލު ކުރި ކުރުމާ މެދު ފިޔަވަޅެއް ނޭޅުމަކީ ކޮމިޓީއިން ކަންބޮޑުވާ ކަމެއް ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
"މޯލްޑިވްސް ޕޮލިސް ސާވިސްގެ އެއްވެސް ފުލުހަކު އިހުތިޖާޖުގެ އެއްވެސް އަމަލެއް ހިންގުމާއި އަދި އެފަދަ އެއްވެސް އަމަލެއްގައި ބައިވެރިވުމަކީ ކުށެއް ކަމަށް ކަނޑައަޅައި އެކަމަށް އެކަށޭން އަވަސް ފިޔަވަޅުތަކާއި އަދަބުތަކާއި، އެ އަދަބުތައް ކަމާގުޅޭ ފަރާތްތަކުން އަވަސްކޮށް އެޅުމަށާއި ތަންފީޒުކުރާނެ ގޮތުގެ ކަމާގުޅޭ މާއްދާތައް މިޙާރު ރައްޔިތުންގެ މަޖިލީހުން އިސްލާހު ކުރަމުންދާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގައި ހިމެނުމަށް މަޖިލީހުންނާއި ކަމާ ބެހޭ ފަރާތްތަކުން ކުރަން ޖެހޭ ކަންކަން އަވަސް ކުރުން." ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
މިދިއަ އަހަރުގެ ޖުލައި މަހު ހިންގި އޮޕަރޭޝަނެއްގައި މ.އުޖާލާގެ ފުލުހުން ބަަލައި ފާސްކުރީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ. އަދި ބަލާ ފާސްކޮށް އެގޭތެރެއިން 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.
ފުލުހުންގެ ތެރެއިން ބަޔަކު އަނިޔާ ކުރީ އެ ބިދޭސީ މީހާއަށެވެ. އެކަން ފަޅާ އެރީ ފުލުހުން އެ އަމަލު ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމުން އެވެ. އަދި އެކަން ކުރި ފުލުހުން ވަނީ އެ ވީޑިއޯ ކުރި ކަމަށް ތުުމަތުވާ ބަޔަކު ދިރިއުޅޭ ގެއަކަށް ވަދެ، ބިރުވެސް ދައްކައިފަ އެވެ.