03 Dec 2020, 09:41
ބާސެލޯނާގެ ފޯވާޑް ލައިނުން ވިދާލުމަށް ފަހު 2017 ވަނަ އަހަރު ޕެރިސް ސެއިންޓް ޖާމެން އަށް ބަދަލުވި ނޭމާ އަނެއްކާވެސް ބާސާގެ ތަރި ލައޮނެލް މެސީއާ އެކު ކުޅެން ބޭނުންވާކަމަށް ބުނެފި އެވެ.
މެންޗެސްޓާ ޔުނައިޓަޑާ ދެކޮޅަށް ބުދަ ދުވަހު ކުޅުނު ޗެންޕިއަންސް ލީގު މެޗުގައި ޕީއެސްޖީއަށް ދެ ލަނޑު ކާމިޔާބު ކޮށްދިނުމަށްފަހު، މެޗު ނިންމާ ނޫސްވެރިންނާ ވާހަކަ ދައްކަމުން ނޭމާ ބުނީ މެސީއާ އެކު ކުޅެލުމުގެ ހިންހަމަޖެހުން އެއީ މިހާރު އޭނާ އެންމެ ބޭނުންވާ އެއް ކަންތައް ކަމަށެވެ.
ނޭމާ ވަނީ މެސީ އާއެކު ބާސާގެ ފޯވާޑް ލައިންގައި ހަތަރު އަހަރު ހޭދަކޮށްފަ އެވެ. އެގޮތުން 2013 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް ލުއިސް ސުއަރޭޒް އާއި މެސީއާ އެކު ނޭމާ ވަނީ ބާސާ އަށް ދެ ލަލީގާ ތައްޓާއި، ޗެންޕިއަންސް ލީގު ތައްޓަކާއި ދެ ކޮޕަ ޑެލް ރޭ ޓައިޓްލް ކާމިޔާބު ކޮށްދީފަ އެވެ.
ބާސާގައި ހަތަރު އަހަރު ހޭދަ ކުރުމަށްފަހު، ނޭމާ ޕީއެސްޖީއަށް ބަދަލުވެފައި ވަނީ 2017 ވަނަ އަހަރު 222 މިލިއަން ޔޫރޯގެ ރިކޯޑް ޓްރާންސްފާ އަދަދަކަށެވެ. ނަމަވެސް އޭގެ ފަހުންވެސް އެތައް ފަހަރަކު އޭނާ އަލުން ބާސާއަށް ބަދަލުވާން އުޅޭ ކަމުގެ ހަބަރުތައް ވަނީ ފެންމަތިވެފަ އެވެ.
މެސީ އާއި އެކު ކުޅެލުމައްޓަކައި ނޭމާ އަނެއްކާވެސް ބާސާއަށް ބަދަލުވާ ވާހަކަ އޭނާ ދައްކާފައި ވާނަމަވެސް، މެސީ ބާސާ ދޫކޮށް އެހެން ކްލަބަކަށް ބަދަލުވާ ހަބަރުތައްވެސް ވަނީ މި ދަނޑިވަޅުގައި ފެންމަތިވެފަ އެވެ.
މެސީ ވަނީ މި އަހަރުގެ މެދުތެރޭ ބާސާއިން ވަކިވުމަށް އެދިފަ އެވެ. ނަމަވެސް މެސީއަށް ރިލީސް ދިނުމުގެ މައްސަލައާއެކު ބާސާއިން ކޯޓަށް ދާނެކަމަށް ބުނުމުން މެސީ ވަނީ އެ ރިކުއެސްޓް އަނބުރާ ގެންގޮސްފަ އެވެ. ބާސާއިން މެސީ އާއެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީސަން ނިމުމަށްފަހު ހަމަ ވާނެ އެވެ.