މަރުވުމަށް ފަހު ވަޅުލާފައިވާ މައްޔިތާގެ ހަށިގަނޑު ކޮނެގެން ނަގައި އޮޓޮޕްސީ ހެދުމުގެ ބާރު ފުލުހުންނަށް ލިބިދެވޭގޮތަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީއިން ފާސްކޮށްފި އެވެ.

އޮޓޮޕްސީއަކީ މީހަކު މަރުވި ސަބަބު ދެނެގަތުމަށް މީހާގެ ހަށިގަނޑުގެ ގުނަވަންތައް ވަކި ވަކިން ނަގައިގެން ހަދާ ޓެސްޓެތަކަށް ކިޔާ ނަމެކެވެ.

ދިވެހިން ފުލުހުންގެ ބިލު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން ނިންމާފައިވާއިރު އެ ބިލުގައި ބުނެފައިވަނީ ހިނގަމުންދާ ކުށުގެ ތަހުގީގުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން މައްޔިތެއްގެ ހަށިގަނޑު ތަހުލީލު ކުރުމުގެ ނުވަތަ އޮޓޮޕްސީ ހެދުމުގެ ބާރު ފުލުހުންނަށް ލިބިގެންވާ ކަމަށެވެ.

"މައްޔިތެއްގެ ވަޅުލާފައިވާ ހަށިގަނޑު ތަހުލީލު ކުރުމަށް ނުވަތަ އޮޓޮޕްސީ ހެދުމަށް މުހިންމު ކަމަށް ފެނިގެން އެ ހަށިގަނޑު ނުވަތަ އެވަގުތަކު ފެންނަން އޮތް އެ ހަށިގަނޑުގެ ބައެއް ނުވަތަ ބައިތަކެއް ކޯޓު އަމުރެއްގެ ދަށުން ނެގުމުގެ ބާރު ފުލުހުންނަށް ލިބިގެންވެ އެވެ." ފުލުހުންގެ ބިލުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ވަޅުލާފައިވާ ބިދޭސީ މައްޔިތެއްގެ ހަށިގަނޑު އޭނާގެ ގައުމަށް އަނބުރާ ގެންދިޔުމަށްޓަކައި ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގެ ހުއްދަ ލިބިގެން ވަޅުލާފައިވާ ހަށިގަނޑު ނުވަތަ އެވަގުތަކު ފެންނަން އޮތް ހަށިގަނޑުގެ ބައެއް ނުވަތަ ބައިތަކެއް ނެގުމުގެ ބާރު ފުލުހުންނަށް ލިބިގެންވާ ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.

ވަޅުލާފައިވާ މައްޔިތާގެ ހަށިގަނޑު ނުވަތަ ހަށިގަނޑުގެ ބައިތައް ނެގުމުގައި ހިފަހައްޓަން ޖެހޭ މިންގަނޑުތަކެއް ބިލުގައި ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި އެ ހަށިގަނޑު އޮތް ވަޅުގަނޑު އެކަނި ކޮނެގެން ބެލުމާއި ދީނީގޮތުން ހިފަހައްޓަންޖެހޭ ހަމަތައް ހިފެހެއްޓުމާއި އެކަން ކުރުމަށް އެތާގައި ތިބެންޖެހޭ މީހުން ފިޔަވައި އިތުރުބައެއް އެތާގައި ނެތުމާއި ސިއްހީގޮތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމުގެ އިތުރުން މައްޔިތާގެ އާއިލާ އެނގޭނަމަ އެފަރާތަށް އެންގުން ހިމެނެ އެވެ.

ފުލުހުންގެ ބިލު މިހާރު ވަނީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ.

ދާދިފަހުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުން ތަހުގީގުގެ ބޭނުމަށް މަރުވާ މީހާ ޕޯސްޓްމޯޓަމް ހެދުމުގެ ބާރު އާއިލާގެ ހުއްދަ ނެތި ފުލުހުންނަށް ލިބެ އެވެ.