ކޮވިޑް-19އިން ރައްކާތެރިވުމަށް ތައްޔާރު ކުރާ ބައެއް ވެކްސިންތަކުގެ ޓެސްޓުން އުއްމީދީ ނަތީޖާތައް ލިބި، ބަލި ފެތުރުން ހުއްޓުވުމަށް އަޅާނެ އިތުރު ހަރުފަތަކާ މިހާރު ވަނީ ގާތްވެފަ އެވެ. އަދި ވެކްސިން ބޭނުން ކުރަން ހުއްދަ ލިބުމާއެކު އެ ވެކްސިން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ ބުރަ މަސައްކަތް ފެށޭނެ އެވެ.

ދުނިޔޭގެ 7.8 ބިލިއަން މީހުންގެ ތެރެއިން ގިނަ ބަޔަކަށް ވީހާވެސް އަވަހަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެގޮތުން ވެކްސިން އުފެއްދުމުން ފެށިގެން މީހުންގެ ގަޔަށް ޖެހުމާ ދެމެދު ބަލަން ޖެހޭ މުހިއްމު ކަންތައްތަކެއް ހުރެ އެވެ. އެގޮތުން:

ވެކްސިން އުފެއްދޭ މިންވަރު

ކޮވިޑް ވެކްސިންގެ ރޭހުގެ އެންމެ ކުރީގައި އުޅެނީ އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކްއިން ގުޅިގެން އުފައްދާ ވެކްސިން އާއި އެމެރިކާގެ މޮޑާނާ ކުންފުނީގެ ވެކްސިން އާއި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާއިން ގުޅިގެން އުފައްދާ ވެކްސިން އެވެ.

އޭގެ ތެރެއިން ފައިޒާއިން އަންނަ އަހަރު 1.3 ބިލިއަން ޑޯޒް، މޮޑާނާއިން އެއް ބިލިއަން ޑޯޒް އަދި އޮކްސްފޯޑުންވެސް އެއް ބިލިއަން ޑޯޒް ތައްޔާރު ކުރާނެ ކަމަށް ބުނެފައިވެ އެވެ.

ދުނިޔޭގެ ކުރިއަރާފައިވާ އިގުތިސާދުތަކުން ވަނީ މިހާރު އެކި ވެކްސިންތަކުގެ 3.8 ބިލިއަން ޑޯޒްއަށް އޯޑަރުކޮށްފަ އެވެ. އަދި އޭގެ ސަބަބުން ފަގީރު ގައުމުތަކަށް ވެކްސިން ނުލިބުމުގެ ބިރު އޮތުމުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އާއި އިތުރު ފަރާތްތައް ގުޅިގެން ވަނީ ކޯވެކްސްގެ ނަމުގައި ހަރަކާތެއް ފަށާފަ އެވެ.

ވެކްސިން ބޭނުން ކުރަން ހުއްދަ ލިބުމާއެކު، ވެކްސިން ދިނުމުގެ މަސައްކަތް ފެށުމަށް ގައުމުތަކުން ދަނީ ތައްޔާރުވަމުން -- ފޮޓޯ: ގެޓީ

ކޯވެކްސްގެ މަގުސަދަކީ ދުނިޔޭގެ ގައުމުތަކަށް ހަމަހަމަކަމާއެކު ކޮވިޑް ވެކްސިން ފޯރުކޮށް ދިނުމެވެ. އަދި އެ ހަރަކާތުގައި މިހާތަނަށް 184 ގައުމުން ބައިވެރިވެ، ދެ ބިލިއަން ޑޮލަރު އެއްކޮށްފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ކޯވެކްސްއިން އުއްމީދު ކުރަނީ އެ ހަރަކާތުގައި ބައިވެރިވާ ކޮންމެ ގައުމެއްގެ އާބާދީގެ 20 ޕަސެންޓަށް ވެކްސިން ދެވޭ ވަރަށް، އަންނަ އަހަރު ވެކްސިންގެ ދެ ބިލިއަން ޑޯޒް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި އޭގެ ތެރެއިން އެއް ބިލިއަން ޑޯޒް ދާނީ ދުނިޔޭގެ އެންމެ ފަގީރު 92 ގައުމަށެވެ.

ވެކްސިން ރައްކާ ކުރުމާއި އެއް ތަނުން އަނެއް ތަނަށް ގެންދިޔުން

ދުނިޔޭގެ ހުރިހާ ގައުމުތަކުން ވެސް ރައްޔިތުންނަށް ކޮވިޑް ވެކްސިން ދިނުމަށް ތައްޔާރުވަމުން އަންނަ އިރު ކޮންމެ ގައުމަކަށް ވެސް އޮތް ބޮޑު ގޮންޖެހުމަކީ ވެކްސިން އެއްތަނުން އަނެއް ތަނަށް ގެންދިޔުމާ ރައްކާ ކުރުމަށް އޮތް ހުރެހެވެ.

ފައިޒާ އާއި މޮޑާނާގެ ކާރުހާނާތައް ހުންނަނީ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގަ އެވެ. އެހެންކަމުން އެ ކުންފުނިތަކުން އުފައްދާ ވެކްސިން އެއް ގައުމުން އަނެއް ގައުމަށް ނުވަތަ އެއް ބައްރުން އަނެއް ބައްރަށް ގެންދިޔުމަކީ ހަރަދު ބޮޑު، ރައްކާތެރިކަމުގެ ފިޔަވަޅުތައް ގިނަ މަސައްކަތަކަށް ވާނެ އެވެ.

އޭގެ ތެރެއިން ފައިޒާގެ ވެކްސިން ރައްކާ ކުރަން ޖެހެނީ މައިނަސް 70 ޑިގްރީ ސެލްސިއަސްގަ އެވެ. އަދި އެކަމަށް ބޭނުންވާ ހާއްސަ ރެފްރިޖަރޭޓަރުތައް އޭޝިއާ އާއި އެފްރިކާގެ ގައުމުތަކުގައި ލިބުން ދަތި ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުނެ އެވެ.

އެހެންކަމުން ފައިޒާއިން ވަނީ އެ ކުންފުނިން ބޭނުންވާ ފިނިހޫނުމިނުގައި އެ ވެކްސިންތައް އެއް ތަނުން އަނެއް ތަނަށް ގެންދިޔުމަށް ހާއްސަ "ތާމޯ ބޮކްސް"ތަކެއް ތައްޔާރުކޮށްފަ އެވެ. އެއީ ޑްރައި އައިސް އަޅާ، ފިނި ހިފަހައްޓައިދޭ ކޮންޓެއިނަރުތަކެކެވެ. އެ ވެކްސިން މީހުންނަށް ދިނުމުގެ ކުރިން ގިނަ ވެގެން ފަސް ދުވަހަށް އާދައިގެ ފްރިޖުގެ ފިނިހޫނުމިނުގައި ރައްކާ ކުރެވޭނެ ކަމަށް ފައިޒާއިން ބުންޏެވެ.

ވެކްސިން ރައްކާ ކުރާ ފިނި ކޮންޓެއިނަރުތައް އުފައްދާ ޖަރުމަނުގެ ކުންފުންޏެއްގެ ކޮންޓެއިނަރެއް -- ފޮޓޯ: ރޮއިޓާސް

މޮޑާނާގެ ވެކްސިން މައިނަސް 20 ޑިގްރީ ސެލްސިއަސްގައި ހަ މަސް ދުވަހަށް ރައްކާ ކުރެވޭ އިރު އޮކްސްފޯޑުގެ ވެކްސިން އާދައިގެ ފުރިޖުގައި ބެހެއްޓޭނެ އެވެ.

ވެކްސިން ރައްކާ ކުރުމުގެ ކަންބޮޑުވުންތަކުގެ އިތުރުން އެތައް މިލިއަން ޑޯޒްތައް ދުރު ރާސްތާއަކަށް ގެންދިޔުމަކީވެސް ދަތިތަކާ ކުރިމަތިވާނެ ކަމެކެވެ. އަދި އިންޓަނޭޝަނަލް އެޔާ ޓްރާންސްޕޯޓް އެސޯސިއޭޝަނުން ލަފާ ކުރާ ގޮތުގައި ދުނިޔޭގެ އެންމެންނަށް ވެކްސިންގެ އެއް ޑޯޒް ފޯރުކޮށްދިނުމަށް ބޯއިން 747 މަރުކާގެ 8،000 ކާގޯ ބޯޓު ބޭނުން ވާނެ އެވެ.

ވެކްސިން ޖަހަން ދެކޮޅު ހެދުން

ދުނިޔޭގެ އާބާދީގެ ސިއްހަތަށް އެންމެ ނުރައްކާވާ ކަންތައްތަކުގެ ތެރޭގައި ތަފާތު ބަލިތަކަށް ހާއްސަކޮށްފައިވާ ވެކްސިން ޖަހަން މީހުން ދެކޮޅު ހެދުން ހިމެނޭ ކަމަށް ޑަބްލިޔުއެޗްއޯއިން މިދިޔަ އަހަރު ބުންޏެވެ. އަދި ފްރާންސުގެ މާކެޓް ރިސާޗް ކުންފުންޏެއް ކަމަށްވާ އިޕްސޮސްއިން މިދިޔަ އޮގަސްޓު މަހު 27 ގައުމެއްގައި، 18،000 މީހުން ބައިވެރިކޮށްގެން ހެދި ސާވޭއަކުން ދެއްކި ގޮތުގައި އޭގެ ތެރެއިން 25 ޕަސެންޓު މީހުން ވަނީ ކޮވިޑް ވެކްސިން ނުޖަހާނެ ކަމަށް ބުނެފަ އެވެ.

އެހެންކަމުން ވެކްސިން ޕްރޮގްރާމް ފެށުމުގެ ކުރިންނާއި ފަހުންވެސް އެ ވެކްސިނާ ބެހޭ ގޮތުން ސައްހަ މައުލޫމާތު އަންގައިދީ، ތެދާއި ދޮގު ވަކިކޮށްދިނުން މުހިއްމު ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެ އެވެ. އެ ޖަމްއިއްޔާއިން ލަފާ ކުރާ ގޮތުގައި ކޮވިޑް ފެތުރުން ހުއްޓުވުމަށްޓަކައި ބަލިން ރައްކާތެރިވެފައިވާ މީހުންގެ އަދަދު އާބާދީގެ 65 ޕަސެންޓާއި 70 ޕަސެންޓާ ދެމެދުގެ އަދަދަކަށް އަރަން ޖެހެ އެވެ.