06 Dec 2020, 13:25
މޮސްކޯ (ޑިސެމްބަރު 6) : ރަޝިއާއިން ކޮވިޑް-19 އާ ދެކޮޅަށް ތައްޔާރުކުރި ވެކްސިން (ސްޕޮޓްނިކްވީ) އެގައުމުގެ ރައްޔިތުންނަށް މިއަދު ދޭން ފަށައިފި އެވެ.
ރަޝިއާގެ ސިއްހަތާބެހޭ ވުޒާރާއިން ބުނީ "ސްޕޮޓްނިކްވީ" ވެކްސިން މިއަދު ހެނދުނު އެގައުމުގެ އާންމު ރައްޔިތުންނަށް ދޭންފަށާފައިވާ ކަމަށާއި ފުރަތަމަ މަރުހަލާގައި ވެކްސިންދެނީ އެންމެ އަވަހަށް ކޮވިޑް ޖެހުމުގެ ފުރުސަތު ބޮޑު ފަރާތްތަކަށެވެ. މީގެތެރޭގައި ހިމެނެނީ ސިއްހަތާއި ތައުލީމުފަދަ އިޖްތިމާއީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއ ކާރުހާނާތަކުގައި މަސައްކަތްކުރާ މީހުންގެތެރެއިންވެސް ގައިގޯޅިކޮށް މަސައްކަތްކުރަންޖެހޭ މީހުންނެވެ.
ވެކްސިން ދިނުމަށް ޕޫޓިން އަމުރު ކުރެއްވި
ރަޝިއާގެ ރައީސް ވްލްޑިމީރު ޕޫޓިން މިދިޔަ ހަފްތާގައިވަނީ "ސްޕޮޓްނިކްވީ" ވެކްސިން އާންމުންނަށް ދޭން އަވަހަށް ފެށުމަށް އެގައުމުގެ ސިއްހަތާބެހޭ އިދާރާތަކަށް އިލްތިމާސް ކުރައްވާފައެވެ. "ސްޕޮޓްނިކްވީ" އަށް ފަންޑުކުރާ ރަޝިއާގެ އިދާރާ ކަމަށްވާ ރަޝިއަން ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑް (އާރްޑީއައިއެފް) ބުނާގޮތުން މިވަގުތު ސްޓޮކްގައި ހުރީ އެންމެ ދެމިލިޔަން ޑޯޒުގެ ވެކްސިން އެވެ. ނަމަވެސް މި ޑިސެމްބަރު މަސްނިމޭއިރަށް އިތުރު ފަސް މިލިޔަން ޑޯޒު އުފެއްދޭނެކަމުގަ އެވެ.
ވެކްސިން ދިނުމަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސަން ޖެހޭ
"ސްޕޮޓްނިކްވީ" އާންމުންނަށް ދިނުމަށްޓަކައި ހާއްސަ އިންތިޒާމުތަކެއް ބޭނުންވެ އެވެ. މީގެތެރޭގައި އެ ވެކްސިން ރައްކާތެރިކަމާއެކު ބެހެއްޓޭނެ ފްރިޖްތަކާއި ވެކްސިން ތަންތަނަށް ގެންދިޔުމަށް ބޭނުންވާނެ ވަސީލަތްތަކާއި ވެކްސިން ދިނުމަށް ތަމްރީންކޮށްފައިވާ މޯބައިލް ޓީމުތައް ހިމެނެ އެވެ. މި އިންފްރާސްޓްރަކްޗާ ރަޝިއާގެ ސަރަހައްދުގައި ގާއިމް ކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ. ރަޝިއާގެ ސިއްހަތާބެހޭ ބައެއް ފަރާތްތަކަށް މީގެކުރިންވެސް ވަނީ "ސްޕޮޓްނިކްވީ" ދީފަ އެވެ. ނަމަވެސް ވެކްސިންގެ ސްޓޮކް މަދުކަމުން ބޭނުންވާވަރަށް މިކަން ކުރިޔަށް ގެންދެވިފައެއް ނުވެ އެވެ.
"ސްޕޮޓްނިކްވީ" ޖެހުމުން ކޮވިޑް-19 ގެ ވައިރަސް އާ ދެކޮޅަށް އިންސާނުންގެ ހަށިގަނޑުގައި އެންޓިބޮޑީސް އުފެއްދުމުގެ ގާބިލްކަން 91 ޕަސެންޓަށް އިތުރުވާކަމަށް މި ވެކްސިން އުފެއްދި ރަޝިއާގެ މަރުކަޒު ކަމަށްވާ "ނިކޮލައި ގަމާލެޔާ ނެޝަނަލް ރިސާޗް ސެންޓަ ފޯ އެޕިޑެމިއޮލޮޖީ އެންޑް މައިކްރޯބަޔޮލޮޖީ" އިން ބުނެ އެވެ.
ކޮވިޑް އަށް ވެކްސިނެއް ލިބުމަކީ އެރޯގާގެ ނިމުމެއްނޫން:ޑަބްލިއޫއެޗްއޯ
ދުނިޔޭގެ ބައެއް ގައުމުތަކުން ކޮވިޑް-19 އާ ދެކޮޅަށް ވެކްސިން ދިނުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ މިދަނޑިވަޅުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއޫއެޗްއޯ) އިން ވަނީ ކޮވިޑް އަށް ވެކްސިނެއް ލިބުމަކީ އަދި އެރޯގާގެ ނިމުން ނޫން ކަމަށް ބުނެ އިންޒާރެއް ދީފަ އެވެ. ޑަބްލިއުއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޮސް އެޑަނޮމް ގެބްރިޔޭސުސް ވިދާޅުވީ، ކޮވިޑް ރޯގާ އަށް ހަމައެކަނި ވެކްސިނަކުން އަަވަހަށް ނިމުންނުގެނެވޭނެ ކަމަށާއި ވެކްސިންއަކީ އެ ރޯގާއިން ސަލާމަތްވެވޭނެކަމުގެ ބޮޑު އުންމީދެއް ކަމަށެވެ. އެ އުންމީދު ހާސިލް ކުރެވޭނީ ވެކްސިން ދިނުމުގެ އިތުރުން ކޮވިޑް އިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
100 އަށްވުރެ ގިނަ ގައުމުން 163 ވެކްސިންއެއް އިޖާދުކުރަން މަސައްކަތްކުރޭ
ކޮވިޑް-19 އިން ސަލާމަތްވުމަށް 100 އަށްވުރެ ގިނަ ގައުމުން 163 ވެކްސިން އިޖާދުކުރަން މަސައްކަތް ކުރާއިރު އޭގެތެރެއިން 51 ވެކްސިން މިހާރުވަނީ ކްލިނިކަލް ތަޖުރިބާ ތެރޭގަ އެވެ. މީގެތެރެއިން 13 ވެކްސިންވަނީ ކްލިނިކަލް ތަޖްރިބާގެ އެންމެ ފަހު މަރުހަލާގަ އެވެ.
އެންމެ ކުރީގައި އުޅެނީ ފަސް ވެކްސިން އެއް
މި 13 ވެކްސިންގެ ތެރެއިންވެސް އެންމެ ކުރީގައި އުޅެނީ އެމެރިކާއާއި ޖަރުމަނު ގުޅިގެން އުފައްދާފައިވާ ފައިޒާ ވެކްސިން އާއި އެމެރިކާގެ މޮޑާނާ ކުންފުނީގެ ވެކްސިން އާއި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އެސްޓްރާޒެނެކާއިން ގުޅިގެން އުފައްދާފައިވާ ވެކްސިންއާއި ރަޝިއާއިން އުފެއްދި ސްޕޮޓްނިކްވީ ވެކްސިން އެވެ. ޗައިނާއިންވެސްވަނީ ވެކްސިން އެއް އުފައްދައި ސިއްހަތާބެހޭ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ގަޔަށް އެވެކްސިން ޖަހަން ފަށާފަ އެވެ.
މީގެއިތުރުންވެސް އިންޑިއާ، ޖަޕާން، އިޓަލީ، ސްޕެއިން، ދެކުނުކޮރެއާ، ބްރަޒިލް، ތުރުކީ، ތައިލެންޑް، އީރާން، އާޖެންޓީނާ، އިންޑޮނީޝިއާ، އޮސްޓްރޭލިއާ ކެނެޑާ ފަދަ އެތަށް ގައުމުތަކުން އުފައްދަން މަސައްކަތްކުރާ ވެކްސިންތައްވެސްވަނީ ކްލިނިކަލް ތަޖްރިބާގެ މަރުހަލާތަކުގަ އެވެ. (ނޫސްއެޖެންސީތައް)