ތެހެރާން (ޑިސެމްބަރު 8) : ސޫރިޔާ ސަރުކާރުގެ ހުއްދައަކާނުލައި އެމެރިކާ ސޫރިޔާގައި އަސްކަރީ ގޮތުން ފައިހަރުކޮށްލައިގެން އުޅެނީ ސޫރިޔާގެ ތެޔޮ ވަގަށް ނެގުމުގެ ރޭވުންތައް ތަންފީޒުކުރުމަށާއި އައިއެސް އަށް ވާގިވެރި ވުމަށް ކަމަށް އީރާނުން ބުނެފި އެވެ.

އީރާނަށް ވަޑައިގެން އުޅުއްވާ ސޫރިޔާގެ ޚާރިޖީ ވަޒީރު ފައިސަލް އަލްމިގްދާދު އާ ބައްދަލުކުރެއްވުމަށް ފަހު ދެއްވި ބަޔާނެއްގައި އީރާނުގެ ގައުމީ ސަލާމަތާ ބެހޭ ވެރިޔާ އަލީ ޝަމްޚާނީ ވިދާޅުވީ އެމެރިކާ ދަނީ ސޫރިޔާގެ އުތުރުގައިވާ ތެޔޮވަޅުތަކުން ވަގަށް ތެޔޮ ނަގަމުން ކަމަށާއި މިކަންކުރަނީ އެސަރަހައްދުގައި ހަރަކާތްތެރިވާ ސޫރިޔާ ސަރުކާރާ އިދިކޮޅު ކުރުދީ ބާޣީންނާ ގުޅިގެން ކަމުގަ އެވެ. މި މައްސަލައާ ބެހޭ ގޮތުން ސޫރިޔާގެ ޚާރިޖީ ވަޒީރު ފައިސަލް އަލްމިގްދާދު އޭނާއާ މަޝްވަރާ ކުރެއްވި ކަމަށް ޝަމްޚާނީ ވިދާޅުވި އެވެ.

އެމެރިކާ ސޫރިޔާގެ އިރު އިރުއުތުރުގައި އަސްކަރީގޮތުން ފައިހަރުކޮށްލައިގެން އުޅޭ އަނެއް ދެބޭނުމަކީ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސް އަށް ވާގިވެރިވުމާއި އިސްރާއީލުން ސޫރިޔާއަށް ދެމުންގެންދާ އުދުވާނަށް އެހީތެރިވެ ދިނުންކަމަށް ވެސް ޝަމްޚާނީ ވިދާޅުވި އެވެ. އެމެރިކާއިން ސިއްރިޔާތުގައި އައިއެސް އަށް އެހީތެރިވާކަމީ ސަރަހައްދުގެ ގިނަ ގައުމުތައް ދަންނަ ހަގީގަތެއްކަމަށް ޝަމްޚާނީ ވިދާޅުވި އެވެ.

ސޫިރޔާގެ ޚާރިޖީ ވަޒީރު ތެހެރާންގައި އީރާނުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވަނީ

އެމެރިކާ ސިފައިން ސޫރިޔާގެ އިރު އިރުއުތުރުގައި އަސްކަރީގޮތުން ފައިހަރުކޮށްލައިގެން އުޅެނީ ސޫރިޔާ ސަރުކާރުގެ ހުއްދައަކާނުލަ އެވެ. މިއީ ސޫރިޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން ކަމަށްވާތީ މިމައްސަލަ ސޫރިޔާއިން ވަނީ އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެމެރިކާގެ މިއަމަލަކީ ބައިނަލްއަގްވާމީ ގާނޫނާ އަދި އދ.ގެ ޗާޓަރާ ޚިލާފު އަމެލެއް ނަމަވެސް ސަލާމަތީ މަޖިލީހުން މިމައްސަލަ ބަލާފައެއް ނުވެ އެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން ބުނާގޮތުން ސޫރިޔާގެ އިރު އިރުއުތުރުގައި ހަރަކާތްތެރިވަނީ އެމެރިކާގެ 2000 އާއި 3000 އާ ދެމެދުގެ އަދަދެއްގެ ސިފައިންނެވެ. އޭގެ ތެރޭގައި ހިމެނެނީ އެމެރިކާ މަދަދުދޭ ސޫރިޔާގެ ކުރުދީ ބާޣީ ޖަމާއަތެއްކަމަށްވާ "ސީރިޔަން ޑިމޮކްރެޓިކް ފޯސަސް"ގެ ހަނގުރާމަވެރިންނަށް އަސްކަރީ ލަފާދޭ މުސްތަޝާރުންނާއި އެހަނގުރާމަވެރިންނަށް އަސްކަރީ ތަމްރީން ދޭ މުދައްރިބުންނެވެ.

ތުރުކީ ވެސް ގެންދަނީ ސޫރިޔާގެ އުތުރުގައި އެމެރިކާ ސިފައިން ފައިހަރުކޮށްލައިގެން އުޅޭ މައްސަލާގައި ކަންބޮޑުވާކަން ހާމަކުރަމުންނެވެ. ތުރުކީ ސިފަކުރާ ގޮތުގައި އެމެރިކާ މަދަދުދޭ ސޫރިޔާގެ ކުރުދީ ބާޣީ ޖަމާއަތްކަމަށްވާ "ސީރިޔަން ޑިމޮކްރެޓިކް ފޯސަސް" އަކީ ޓެރަރިސްޓް ޖަމާއަތެކެވެ. މިމައްސަލާގައި ތުރުކީ ވަނީ ޓެރަރިޒަމަށް އެހީތެރިވާ ކަމުގެ ތުހުމަތުވެސް އެމެރިކާގެ މައްޗަށް ކޮށްފަ އެވެ.

ސޫރިޔާގެ ޚާރިޖީ ވަޒީރު އީރާނަށް ކުރައްވާ ދަތުރުފުޅުގައި އޭނާ ވަނީ އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް އާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވައިފަ އެވެ. މީގެ އިތުރުން ސޫރިޔާގެ ޚާރިޖީ ވަޒީރުވަނީ އީރާނުގެ ދީނީ މުރުޝިދު އާޔަތުﷲ އަލީ ޚަމަނާއިގެ މުސްތަޝާރު ޑރ. އަލީ އަކްބަރު ވިލާޔަތީ އާވެސް ވަކިން ބައްދަލުކުރައްވައިފަ އެވެ. ސޫރިޔާގެ ޚާރިޖީ ވަޒީރާއި އީރާނުގެ މަސްއޫލުވެރިންގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ އިސްރާއީލުން ސޫރިޔާއަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކަށް މިހާރަށްވުރެ ބޮޑަށް ރައްދު ދިނުމުގެ އަސްކަރީ ސްޓްރެޓެޖީ އެއް ރޭވުމާބެހޭ ގޮތުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިސްރާއީލުން ގެންދަނީ ސޫރިޔާގެ އެކި ސަރަހައްދުތަކަށް ވައިގެމަގުން ތަކުރާރުކޮށް ޙަމަލާތައްދީ އުދުވާން ހިންގަމުންނެވެ. މި ޙަމަލާތައް އަމާޒުކުރަނީ ސޫރިޔާގައިވާ އީރާނުގެ އަސްކަރީ އަމާޒުތަކަށް ކަމަށް ވެސް އިސްރާއީލުން ބުނެ އެވެ. ނަމަވެސް ސޫރިޔާގެ ބިން ބޭނުންކޮށްގެން އިސްރާއީލަށް ރައްދު ދިނުމަށް އީރާން ގެންދަނީ ފަސްޖެހެމުންނެވެ. (ނޫސްއެޖެންސީތަށް)