09 Dec 2020, 09:23
ދެކުނު ކޮރެއާގެ އާބާދީގެ 88 ޕަސެންޓަށް ބޭނުންވާ ވެކްސިނަށް އޯޑަރު ދީފި އެވެ.
ދެކުނު ކޮރެއާއިން ބުނީ ވެކްސިން ހޯދަން ހަތަރު ފާމަސޫޓިކަލް ކުންފުންޏަކާ ވަނީ ވާހަކަ ދައްކައިފަ އެވެ. އަދި ދުނިޔޭގެ ވެކްސިން ޖަމިއްޔާ ވެކްސިން ޕްރޮޖެކްޓް ކޯވެކްސްގެ ތެރެއިން ވެސް ވެކްސިން ލިބޭނެ ގޮތް ހޯދަމުންދާ ކަމަށް ދެކުނު ކޮރެއާއިން ބުންޏެވެ.
ދެކުނު ކޮރެއާގެ ހެލްތު މިނިސްޓަރު ޕާކް ނިއުންގް ވިދާޅުވީ 20 މިލިއަން ވެކްސިން ޑޯސް ގަންނާނީ އެސްޓްރަންޒެންކާ، ފައިޒާ އަދި މޮޑާނާއިން ކަމަށާއި އަދި ހަތަރު މިލިއަން ޑޯޒް ޖޯންސަން އެންޑް ޖޯންސަންއިން ގަންނާނެކަމަށް ވެސް ބުންޏެވެ.
ވެކްސިން ހޯދަން މަސައްކަތް ފެށި އިރު ދެކުނު ކޮރެއާއަށް މިހާރު ވަނީ ތިން ވަނަ ރާޅެއް އަރައިފަ އެވެ.
ދެކުނު ކޮރެއާ އިން ބުނީ އެންމެ ފުރަތަމަ ވެކްސިން ދޭނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި އަދި އުމުރުން ދުވަސްވީ މީހުން ކަމަށެވެ. އަދި ގައުމީ ފެންވަރުގައި ބޮޑު ވެކްސިން ކެމްޕޭން ފެށޭވަރުވާނީ އަންނަ އަހަރު މެދުތެރޭގައި ކަމަށް ބުންޏެވެ.
ދެކުނު ކޮރެއާގައި މިހާތަަނަށް 38،755 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު ބަލީގައި 552 މީހަކު ވަނީ މަރުވެފަ އެވެ.-- އަލްޖަޒީރާ--