ރާއްޖޭގައި ކޮވިޑް-19 ވެކްސިން އެންމެ ފުރަތަމަ ދޭނީ 50 އަހަރުން ފެށިގެން މަތީގެ މީހުންނަށާއި ހައި ރިސްކު ކެޓަގަރީއަށް ފެތޭ އެހެން ފަރާތްތަކަށް ކަމަށް ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީގެ ތަރުޖަމާން އަދި ކޮވިޑް ވެކްސިން ޓާސްކް ފޯހުގެ ވެރިޔާ ޑރ. ނަޒްލާ ރަފީގު މިއަދު ނޫސްވެރިންނަށް ވިދާޅުވީ ގައުމުތަކަށް ކޮވިޑް ވެކްސިން ފޯރުކޮށް ދިނުމަށް އުފައްދާފައިވާ ބައިނަލްއަގުވާމީ ގުރޫޕް "ކޮވެކްސް" މެދުވެރިކޮށް ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ހިލޭ ވެކްސިން ލިބޭއިރު އޭގެ 17 ޕަސެންޓް އާންމުންނަށް ދިނުމުގައި އިސްކަން ދޭނެ ތަރުތީބެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ތަފްސީލް މައުލޫމާތު ދެއްވަމުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ކޮވިޑް-19 ވެކްސީން ދިނުމުގައި އެންމެ ފުރަތަމަ ބަލާފައިވަނީ ފުރާނަ ސަލާމަތް ކުރުން ކަމަށެވެ. އެގޮތުން ބަލި ޖެހިއްޖެ ނަމަ ބޮޑުވަރު ވެދާނެ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ސިއްހީ ހިދުމަތްތެރީންނާއި ސީދާ ކޮވިޑް ބައްޔަށް ހުށަހެޅި ދާނެ މީހުންގެ އިތުރުން ކޮވިޑް ބަލި ޖެހިއްޖެ ނަމަ ބޮޑުވަރު ވެދާނެ މީހުންނަކީ ވެކްސީން ދިނުމުގައި އިސްކަން ދޭނެ ފަރާތްތައް ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭގެއިތުރުން އަޅުގަނޑުމެން ބަލާފައިވާނީ އިޖުތިމާއި އަދި އިގްތިސޯދީ ދަތިކަން ކުޑަކުރުމަށް. އަދި އަސާސީ ހިދުމަތްތައް ކުރިއަށް ގެންދިޔުމަށް ބަލާލާފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވީ އެކަންތައްތަކަށް ބަލައި ފުރަތަމަ ކެޓަގަރީގައި ހިމެނެނީ ފްރަންޓްލައިނުގައި ހަރަކާތްތެރިވާ ހެލްތު ކެއާ އަދި ފްރަންޓްލައިން ސޯޝަލް ކެއާ ވޯކާސް ކަމަށެވެ.

"އެމީހުންނަކީ އެމީހުންގެ ހިދުމަތުގެ ގޮތުން ނުވަތަ މަސައްކަތުގެ ގޮތުން ހައި ރިސްކް މީހުންނަށް ހިދުމަތް ދޭ މީހުން. ނުވަތަ މި ބައްޔަށް ސީދާ ނުވަތަ ނުސީދާ ގޮތުންވެސް ހުށަހެޅިދާނެ މީހުން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭގެތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި ލެބް ޓެކްނީޝަނުންގެ އިތުރުން ހޮސްޕިޓަލު ފަދަ ތަންތަން ސާފުކުރާ މީހުންނާއި އެޓެންޑެންޓުންނާއި ވެކްސީން ދޭ މީހުންނާއި ކަށުކަމާކެމީގެ މަސައްކަތްކުރާ ފަރާތްތައް އަދި އާރުއާރުޓީގެ މަސައްކަތުގައި އުޅޭ ފަރާތްތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިތުރުން ކުޑަކުދީން ބަލަހައްޓާ ތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކަށްވެސް ވެކްސީން ދޭނެ ކަމަށެވެ. އެހުރިހާ ފަރާތްތަކަކީ އާބާދީގެ ތިން ޕަސެންޓު ކަމަށް ލަފާކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބަލި ޖެހުމުގެ ނުރައްކާ އޮތް ފަރާތްތަކަށް ބަލާއިރު، 50 އަހަރުން މަތީގެ މީހުންނާއި ކެންސަރު ބައްޔަށް ފަރުވާ ކުރާ މީހުންނާއި އޮބީސް މީހުންގެ އިތުރުން އިމިއުނިޓީ ބަލިކަށި މީހުން ހިމެނެއެވެ. އަދި ކިޑްނީ ބަލި ހުންނަ މީހުންނާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު އޮތް މީހުންނާއި ތެލެސީމިއާ ހުރި ފަރާތްތަކަށްވެސް ފުރަތަމަ ބުރުގައި ވެކްސީން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ފަރާތްތަކުގެ އިތުރުން ދެން ވެކްސީން ދިނުމުގައި ބަލާނީ އަސާސީ ހިދުމަތްތައް ދޭ ފަރާތްތައް ކަމަށް ޑރ. ވިދާޅުވި އެވެ. އޭގެ ތެރޭގައި ޓީޗަރުންނާއި ފުލުހުންނާއި ސިފައިންގެ އިތުރުން ޓްރެވެލް އިންޑަސްޓްރީގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކާއި ކުނި މެނޭޖުކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޕަބްލިކް ޓްރާންސްޕޯޓުތަކުގައި މަސައްކަތް ކުރާ ފަރާތްތައް ހިމެނެ އެވެ. އަދި ކަރެކްޝަނަލް ފެސިލިޓީތަކުގައި މަސައްކަތް ކުރާ މީހުން ވެސް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ފްރަންޓްލައިނާސްގެ ބަޔަކީ ގިނަ ފަރާތްތަކެއް ހިމެނޭ ބައެއް ކަމަށެވެ. އެގޮތުން އޭގެތެރޭގައި ފިހާރަތަކުގައި މަސައްކަތްކުރާ ފަރާތްތައް ފަދައިން ގިނައިން އާންމުންނާ ބައްދަލުވާ ފަރާތްތައް ހިމެނޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.