11 Dec 2020, 20:23
އައްޑޫ ސިޓީގައި އޮކްޓޫބަރު މަހު ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން، ހަތް މީހެއްގެ މައްޗަށް 10 ދައުވާއެއް ކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިއެވެ.
އެ އޮޕަރޭޝަންގައި 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ތަކެއްޗަކީ ޕާކިސްތާނު ޑްރަގު ނެޓްވޯކަކާ ގުޅިގެން އަބުޗާ އިސްވެ ހުރެ ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި އެމް.ޑީ.އެމް.އޭ އާއި، އެމްފިޓަމިން އާއި ހެރޮއިން ހިމެނެ އެވެ.
އެ މައްސަލައިގައި ހައްޔަރުކުރި މީހުންނަށް އުފުލި ދައުވާތައް:
1. އަބްދުﷲ އިބްރާހީމް (އަބުޗާ) ސ. ހިތަދޫ/ފިނިފަރު
ދައުވާތައް:
ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން
- ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުން
- ޑައިމޯފިން ޓްރެފިކްކުރުން
2. މުހައްމަދު ޔާމިން ނަސީރު ސ. ހިތަދޫ/ކޯޅި
ދައުވާތައް:
ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުން
- ޑައިމޯފިން ޓްރެފިކްކުރުން
3. އަބްދުﷲ ސައީދު ސ. ހިތަދޫ/ވައިޓްރޯސް
ދައުވާ: ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން
4. ހުސައިން ސިމާހު ސ. ހިތަދޫ/މަންދޫބުގެ
ދައުވާ: ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން
5. ހަސަން އާމިރު ސ. ހިތަދޫ/ފިނިފަރު
ދައުވާ: ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން
6. ރުޝާން އަހްމަދުދީދީ ސ. ހިތަދޫ/މަންދޫބުގެ
ދައުވާ: ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމަށް އެހީތެރިވެދިނުން
7. ހޫދު ލަތީފް ސ. ހިތަދޫ/ބްލޫބާރޑް
ދައުވާ: ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމަށް އެހީތެރިވެދިނުން
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ދެކުނުގެ ބޮޑު ނެޓްވޯކެއް ކަމަށާއި ހެކިންނަށް ތިބީ ފުލުހުން ކަމަށެވެ.
އަދި ކޯޓުން އަވަސް ޝަރީއަތެއް ހިންގަވާނެކަމަށް އުއްމީދުކުރައްވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.
ޕީޖީ ވިދާޅުވީ މައްސަލަ ތަހުގީގުކުރި ފުލުހުންގެ އިންވެސްޓިގޭޓަރުން ހިންގީ ރަނގަޅު ތަހުގީގެއް ކަމަށާއި ޕީޖީ އޮފީހުގެ ޑްރަގް ޔުނިޓުގެ ބޭފުޅުން، އެބޭފުޅުންގެ މަސައްކަތް ފުރިހަމަކޮށްފައިވާ ކަމަށެވެ.
"ދެން އޮތީ ރަނގަޅު ކޭހެއް ކޯޓުގައި ހުށަހެޅުން. އެކަމަށްވެސް އަޅުގަނޑުމެން އެންމެން ތައްޔާރު!" ޝަމީމް ވިދާޅުވިއެވެ.