15 Dec 2020, 09:38
މިދިޔަ ހަފްތާގައި ހާޓްއެޓޭކެއް ޖެހިގެން އައިސީޔޫގައި ފަރުވާދެމުން ގެންދިޔަ މަޝްހޫރު ކޮރިއޯގްރަފަރު ރެމޯ ޑިސޫޒާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް ޚަބަރުތައް ބުނެފި އެވެ. ހުކުރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި ރެމޯ އަށް ހާޓްއެޓޭކް ޖެހުމުން މުމްބާއީ ހޮސްޕިޓަލްގައި ފަރުވާދެމުން އައި ރެމޯ ވަނީ އިއްޔެ ހޮސްޕިޓަލްގައި ހުރެ ނެށުމަށް ފަހު އޭނާގެ އަނބިމީހާގެ އިންސްޓަގްރާމް މެދުވެރިކޮށް ރެމޯ ނެށި ވީޑިއޯ ހިއްސާކޮށްފަ އެވެ. ރެމޯގެ އަންހެނުން ބުނީ އޭނާގެ ހާލު މިހާރު ވަރަށް ބޮޑުތަން ރަނގަޅުވަމުން އަންނަ ކަމަށެވެ. ރެމޯ އަށް ހާޓްއެޓޭކެއް ޖެހުމުން ބޮލީވުޑްގެ މަޝްހޫރު ތަރިންނާއި އާންމު މީހުން ވެސް ވަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދި ޓުވީޓްކޮށްފަ އެވެ. އޭގެ ތެރޭގައި ލެޖެންޑަރީ އެކްޓަރު އަމީތާބް ބައްޗަން ވެސް ހިމެނެ އެވެ. ރެމޯ އަކީ ގިނަ ޑާންސް ޝޯތަކުގެ ޖަޖްކަން ވެސްކޮށްފައިވާ ފަންނާނެކެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ޝޯ އަކީ ޑާންސް ޕްލަސް އެވެ. އޭނާ އަކީ ބޮލީވުޑްގެ ފިލްމުތަކަށް ލަވަ ކޮރިއޮގްރާފްކޮށްދޭ ތަރިއެއްވެސްމެ އެވެ.