15 Dec 2020, 10:37
ވޮޝިންޓަން (ޑިސެމްބަރު 15) : އެމެރިކާގައި މިދިޔަ ނޮވެމްބަރުމަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓުން ކަމަށްވާ ޖޯ ބައިޑަން އާއި އޭނާގެ ރަނިންމޭޓް ކަމަލާ ހެރިސް ކަމަށް އިލެކްޓޯރަލް ކޮލެޖުން ރަސްމީ ސިފައެއްގައި ނިންމައިފިއެވެ.
އިލެކްޓޯރަލް ކޮލެޖްގެ މެންބަރުން ރޭ ބައްދަލުކުރައްވައި ރަސްމީކޮށް ނިންމަވާފައިވަނީ އެމެރިކާގެ ރައީސުލް މުންތަޚަބަކީ ޖޯ ބައިޑަންކަމާއި ނައިބު ރައީސުލްމުންތަޚަބަކީ ކަމަލާ ހެރިސް ކަމުގައެވެ. މިއާއެކު އަންނަ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހު ކޮންގްރެސްގެ ދެގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އާއި ސެނެޓް އެކުގައި ޖަލްސާއެއް ބާއްވައި އިލެކްޓޯރަލް ކޮލެޖުން ރަސްމީ ސިފައެއްގައި ނިންމި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ މި ނަތީޖާ ތަސްދީގުކުރާނެއެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓުލަނީ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރާކަށް ނޫން
އެމެރިކާގެ ރިޔާސީ އިންތިޚާބު ހަމަޖެހިފައި އޮންނަ ގޮތުން ރައްޔިތުން ވޯޓުލަނީ ސީދާގޮތެއްގައި ރައީސާއި ނައިބު ރައީސް އިންތިޚާބުކުރާކަށް ނޫނެވެ. އެމީހުންގެ ވޯޓުދެނީ އަދި އިންތިޚާބުކުރަނީ ކޮންމެ ސްޓޭޓެއްގައިވެސް އެ ސްޓޭޓެއްގެ އިލެކްޓޯރަލް ކޮލެޖަށް ހަމަޖައްސާ އިލެކްޓަރުންނެވެ. އެމެރިކާގެ ރައީސް އިންތިޚާބު ކުރުމަށް ސީދާ ގޮތެއްގައި ވޯޓު ދެއްވަނީ ކޮންމެ ސްޓޭޓެއްގެވެސް އާއްމު ރައްޔިތުންގެ އަޣްލަބިއްޔަތު ވޯޓުން އިންތިޚާބުކުރާ އިލެކްޓަރުންނެވެ.
އެމެރިކާގެ ރައީސް އިންތިޚާބު ކުރުމަށް ސީދާ ގޮތެއްގައި ވޯޓު ދެއްވަނީ އިލެކްޓޯރަލް ކޮލެޖަށް ނިސްބަތްވާ އިލެކްޓަރުން
ކޮންމެ ސްޓޭޓަކަށް ބަލާއިރުވެސް އެސްޓޭޓެއްގެ އަޣްލަބިއްޔަތު ވޯޓު ހޯދާ ރިޔާސީ ކެންޑިޑޭޓަކަށް އެ ސްޓޭޓުގެ ހުރިހާ އިލެކްޓަރުން އިލެކްޓޯރަލް ވޯޓު ދެއްވާނެއެވެ. އެހެންކަމުން ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރުމަށް ސީދާ ގޮތެއްގައި ވޯޓު ދެއްވަނީ އިލެކްޓޯރަލް ކޮލެޖަށް ނިސްބަތްވާ އިލެކްޓަރުންނެވެ. އާންމު ރައްޔިތުންނެއް ނޫނެވެ. އިންތިޚާބު ކާމިޔާބުކުރުމަށް ބޭނުންވަނީ އިލެކްޓޯރަލް ކޮލެޖްއަށް ނިސްބަތްވާ އިލެކްޓަރުންގެ 270 ވޯޓެވެ.

ކަމަލާ ހެރިސް
މިދިޔަ ނޮވެމްބަރުމަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ބައިޑަން އަށް ލިބިވަޑައިގަތީ އިލެކްޓަރުންގެ 306 ވޯޓެވެ. ޓްރަމްޕަށް ލިބިވަޑައިގަތީ އިލެކްޓަރުންގެ 232 ވޯޓެވެ. މި ނަތީޖާ ކުރިން ހާމަކޮށްފައިވަނީ އެމެރިކާގެ މީޑިއާ އިންނެވެ. ރޭ އިލެކްޓަރުން ބައްދަލުކުރައްވައި އެބޭފުޅުންގެ ވޯޓު އިއުލާނު ކުރައްވާފައި މިވަނީ ރަސްމީކޮށެވެ.
އިލެކްޓަރުން ރަސްމީކޮށް ވޯޓާމެދު ނިންމާ ނިންމުމަށް މިފަހަރު ސަމާލުކަން އައީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރަން ޓްރަމްޕް ދެކޮޅު ހެއްދެވުމުން
އެމެރިކާގެ ރިޔާސީ އިންތިޚާބުގެ މަރުހަލާތަކަށް ބަލާއިރު ސަމާލުކަން ލިބޭ ކަމަކީ ކޮންމެ ސްޓޭޓެއްގައިވެސް އެ ސްޓޭޓެއްގެ އިލެކްޓޯރަލް ކޮލެޖަށް ހަމަޖައްސާ އިލެކްޓަރުން އިންތިޚާބު ކުރުމަށް ރައްޔިތުން ދޭ ވޯޓާއި އޭގެ ނަތީޖާއެއްގެ ގޮތުން އިލެކްޓޯރަލް ކޮލެޖްގެ މެންބަރުން (އިލެކްޓަރުން) ގެ ފަރާތުން ލިބޭނެކަމަށް ކަށަވަރުވާ ވޯޓެވެ. އިލެކްޓޯރަލް ކޮލެޖުން ރަސްމީ ސިފައެއްގައި އެމީހުންގެ ވޯޓު ހާމަކުރުމާއި އެކަން ތަސްދީގުކުރުމަށް ކޮންގެރެސްގެ ދެގެއިން ބާއްވާ ޖަލްސާތަކަކީ ކުރިން މާބޮޑު ސަމާލުކަމެއް ދެވޭކަމެއްނޫނެވެ. ނަމަވެސް މިފަހަރުވަނީ މިދެކަމަށްވެސްވަނީ ބޮޑު ސަމާލުކަމެއް އައިސްފައެވެ. އެއީ މީޑީއާއިން ހާމަކުރި ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ ގަބޫލުކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅު ހައްދަވާފައިވާތީއެވެ.
އާންމު ގޮތެއްގައި އިންތިޚާބުގެ ކަންކަން އޮންނަ ގޮތަކީ ކޮންމެ ސްޓޭޓެއްގައިވެސް އެ ސްޓޭޓެއްގެ އިލެކްޓޯރަލް ކޮލެޖަށް ހަމަޖައްސާ އިލެކްޓަރުން އިންތިޚާބު ކުރުމަށް އެމެރިކާގެ އާއްމު ރައްޔިތުން ވޯޓުލާދުވަހު މީޑިއާއިން ނަތީޖާތައް އިއުލާންކުރުމާއެކު ބަލިވާ ކެންޑިޑޭޓަކު ބަލި ގަބޫލުކުރެއްވުމުން އިންތިޚާބުގެ ކަންކަން ނިމޭގޮތަށެވެ. ބަލިވާ ކެންޑިޑޭޓް އާންމުގޮތެއްގައި ބަލިގަބޫލުކުރެއެވެ. މި ފަހަރު އިންތިޚާބުގައި ބަލިވެވަޑައިގަތުމުން ޓްރަމްޕް ވަނީ ބަލި ގަބޫލުނުކުރައްވައި، މައްސަލަ ކޯޓުތަކަށް ހުށަހަޅުއްވާފައެވެ. ނަމަވެސް ކޯޓްތަކުގެ މަރުހަލާގައި ޓްރަމްޕަށްވަނީ ނާކާމިޔާބުވެ ވަޑައިގެންފައެވެ. (އަލްޖަޒީރާ)