16 Dec 2020, 15:58
ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް)ގެ ގެއްލުން 110 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކަންތައް ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާންމުކުރި 2020 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅަބަލާއިރު މިއަހަރުގެ ދެވަނަ ކުއާޓަރުގައި އައިލެންޑް އޭވިއޭޝަނުގެ އާމްދަނީ 76 ޕަސެންޓް ވަނީ ދަށްވެފަ އެވެ.
އެގޮތުން 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 457 މިލިއަން ރުފިޔާ ލިބުނު އިރު މި އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 109 މިލިއަން ރުފިޔާ އެވެ.
އައިއޭއެސް އަށް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި 12.5 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު އިރު މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު ގެއްލުން ވަނީ 110 މިލިއަން ރުފިޔާ އަށް އަރައިފަ އެވެ. މިއީ 780 ޕަސެންޓުގެ ގެއްލުމެކެވެ.
ޕީސީބީގެ ރިޕޯޓުގައި ބުނީ އައިއޭއެސް އަށް ލިބުނު ގެއްލުން އިތުރުވެފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާއެކު، އެކުންފުންޏަށް އާމްދަނީ ލިބުނު ގިނަ ކަންތައްތައް ހުއްޓުމަކަށް އައުމުން ކަމަށެވެ. އެގޮތުން ފްލައިޓު ދަތުރުތަކާއި ސީޕްލޭން އޮަޕަރޭޝަންތައް ހުއްޓުމުން ޕެސެންޖާ އާމްދަނީގެ ގޮތުގައި ލިބުނު އަދަދު 257 މިލިއަން ރުފިޔާ ދަށްވެފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ.
އައިއޭއެސްއަށް ލިބުނު އާމްދަނީ
ޕެސެންޖާ އިންކަމް (ޑޮމެސްޓިކް)
- 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރު: 233 މިލިއަން
- 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރު: 247 މިލިއަން
- 2020 ވަނަ އަހަރުގެ ދެވަނަ ކުއާޓަރު: 37 މިލިއަން
2. ޕެސެންޖާ އިންކަމް (ރީޖަނަލް)
2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރު: 138 މިލިއަން
- 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރު: 89 މިލިއަން
- 2020 ވަނަ އަހަރުގެ ދެވަނަ ކުއާޓަރު: 42 މިލިއަން
3. ކޮމާޝަލީ އިމްޕޯޓެންޓް ޕެސެންޖާ ރެވެނިއު
2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރު: 11 މިލިއަން
- 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރު: 57،841
- 2020 ވަނަ އަހަރުގެ ދެވަނަ ކުއާޓަރު: ނުވަ މިލިއަން
4. ގްރައުންޑް ހޭންޑްލިން ރެވެނިއު
2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރު: 16 މިލިއަން
- 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރު: 18 މިލިއަން
- 2020 ވަނަ އަހަރުގެ ދެވަނަ ކުއާޓަރު: 1.6 މިލިއަން
5. ކާގޯ ހޭންޑްލިން އިންކަމް
2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރު: 3.1 މިލިއަން
- 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރު: 2.5 މިލިއަން
- 2020 ވަނަ އަހަރުގެ ދެވަނަ ކުއާޓަރު: 1.4 މިލިއަން
6. ސީޕްލޭން އޮޕަރޭޝަންސް
2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރު: 54.2 މިލިއަން
- 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރު: 47 މިލިއަން
- 2020 ވަނަ އަހަރުގެ ދެވަނަ ކުއާޓަރު: 26 މިލިއަން
އައިއޭއެސްގެ ހިސާބުތަކަށް ބަލާއިރު، 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 12.5 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 24.2 މިލިއަން ރުފިޔާގެ ގެއްލުން ލިބުނު އިރު މިއަހަރުގެ ދެވަނަ ކުއާޓަރުގައި 129.5 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވެ އެވެ.
އެކުންފުނީގެ 2020 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ބައެއް ހަރަދުތައް، ލޮކްޑައުންގެ ސަބަބުން އޮފީސް ބަންދުކޮށްފައިވާތީ ވަނީ ދަށްވެފަ އެވެ. އެގޮތުން ހިންގުމުގެ ހަރަދު 45 މިލިއަން ރުފިޔާ ދަށްވެފައިވާއިރު މުސާރަ އާއި އިނާޔަތްތަކަށް ކުރި ހޭދަ 20.9 މިލިއަން ރުފިޔާ ދަށްވެފައިވެ އެވެ.
ރިޕޯޓްގައި ފާހަގަކުރި އެންމެ ބޮޑު ކަންބޮޑުވުމަކީ ކުންފުނީގެ ހަރުމުދަލުގެ އަގަށް ވުރެ ކުރު މުއްދަތުގައި ދައްކަން ޖެހޭ ދަރަނި ބޮޑުވުމެވެ. އަދި ކޭޝް ރޭޝިއޯ ނޫނީ ކުންފުނީގެ މާލީ ހާލަތު ހުރި ގޮތަށް ބަލާއިރު ކުރު މުއްދަތުގެ ދަރަނި އަދާކުރެވޭ މިންވަރަށް އެ ކުންފުނީގެ ކޭޝް ފްލޯއެއް ނެތް ކަމަށް ރިޕޯޓްގައި ފާހަގަ ކުރެ އެވެ. ދުރު ރާސްތާގައި އައިއޭއެސްގެ މާލީ ހާލަތު ފެންނަނީ ވަރަށް ގޯސްކޮށް ކަމަށްވެސް ޕީސީބީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ކުންފުނީގެ ހަރަދުތައް ފޫބައްދަން ބޭންކުން ވަރަށް ގިނައިން ފައިސާ ނުވަތަ އޯވާޑްރާފްޓެއް ނަގާއިފައިވާ އިރު މާލީގޮތުން ކުންފުނީގެ ހާލަތު ނާޒުކުކަން ފާހަގަކޮށް ކުންފުނީގެ ހިންގުމުގެ ހަރަދު ކުޑަކޮށް، އާމްދަނީ އިތުރު ކުރުމަށް މަސައްކަތް ކުރުމަށް ވަނީ ލަފާދީފަ އެވެ. އަދި އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދައި، ކްރެޑިޓް ކޮންޓްރޯލް ޑިޕާޓްމެންޓުގެ މަސައްކަތް ހަރުދަނާ ކުރަންވެސް ލަފާދީފައިވެ އެވެ.