ތިމާވެއްޓާއި ގުދުރަތީ ދުނިޔެއަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ނުހުއްޓިއްޖެނަމަ އިންސާނީ ތަރައްގީ އަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ޔޫއެންޑީޕީ އިން އެކުލަވާލާފައިވާ އިންސާނީ ތަރައްގީގެ ރިޕޯޓުގައި ބުނެފި އެވެ.

އެ ރިޕޯޓުގައި ބުނީ ދެކުނު އޭޝިއާ ސަރަހައްދުގައި ނިސްބަތުން ގުދުރަތީ ވަސީލަތްތައް ބޭނުންކުރާ މިންވަރު ނުވަތަ މެޓީރިއަލް ފުޓްޕްރިންޓް އެންމެ ގިނައީ ރާއްޖޭގައި ކަމަށެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލައްވާ، ޔޫއެންޑީޕީގެ އެޑްމިނިސްޓްރޭޓާ، އަކިމް ސްޓެއިނާ ވިދާޅުވީ ކުރިއެރުން މާނަކުރާގޮތް ބަދަލުކުރަން މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ.

"އެއްވެސް ޒަމާނެއްގައި އޮތް މިންވަރަށްވުރެ ބޮޑު ބާރެއް، މިހާރު އިންސާނުންނަށް ދުނިޔޭގެ މައްޗަށް އޮވޭ. ކޮވިޑް19 އާއި ރިކޯޑު މިންވަރަކަށް ދުނިޔެ ހޫނުވުމާއި ހިފެހެއްޓުމެއް ނެތް މިންވަރަކަށް ހަމަހަމަކަން ނެތުމުގެ މައްސަލައިގެ އަލީގައި، އަޅުގަނޑުމެންނަށް ލިބިފައިވާ ބާރުގެ ބޭނުން ކުރަންވީ ކުރިއެރުން މާނަކުރާގޮތް ބަދަލުކުރަން. އެކަން ކުރެވޭނީ ކާބަން އާއި ވަސީލަތްތައް ބޭނުންކުރާ ނިސްބަތް ސިއްރުކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނެސްގެން" ސްޓެއިނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ދުނިޔެއަށް ފިއްތުންތައް ކުރިމަތިނުކޮށް އިންސާނީ ތަރައްގީ ހާސިލް ކުރެވިފައި ނުވާ ކަމަށާއި އެ ގޯސް ރަނގަޅުކުރާ ފުރަތަމަ ޖީލަށް އަޅުގަނޑުމެންގެ ޖީލަށް ވެވިދާނެ ކަމަށެވެ.

އިންސާނީ ތަރައްގީގެ ދެން އޮތް ހަރުފަތުގައި ގުދުރަތީ ވެއްޓާ ދެކޮޅަށް މަސައްކަތްކުރުމުގެ ބަދަލުގައި ގުދުރަތީ ވެއްޓާއެކު މަސައްކަތް ކުރުް މުހިއްމުކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ހަމަހަމަކަން ނެތުމުގެ މައްސަލައަށް ވެސް ހައްލު ގެންނަން ޖެހޭކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.