20 Dec 2020, 19:40
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާއިރު، ފަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވުމަށް ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނަށް ޓޫރިޒަމް މިނިސްޓްރީއިން މިއަދު އިލްތިމާސްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީއިން މިއަދު ބުނީ، ފަތުރުވެރިންނާއި މުވައްޒަފުންގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ހުރިހާ ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަނަށް ސާކިއުލާއެއް އެ މިނިސްޓްރީއިން ފޮނުވާފައިވާ ކަމަށެވެ.
ހިދުމަތްދޭ ތަންތަނުގައި ގާއިމްކޮށްފައިވާ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ އެކްޝަން ޕްލޭންތައް ބޭނުންޖެހިއްޖެ ހިނދެއްގައި ތަންފީޒު ކުރެވޭނެކަން ކަށަވަރު ކުރުމަށް އެ ސާކިއުލާގައި މިނިސްޓްރީއިން އެދިފައިވެ އެވެ.
އޭގެ އިތުރުން، ފަތުރުވެރިންނާއި މުވައްޒަފުން މޫދުގައި އުޅޭ އުޅުމުގައި ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައިވެ އެވެ.
އަދި ކޮވިޑް-19 ވައިރަސްއާ ގުޅިގެން އެޗްޕީއޭއާއި ޓޫރިޒަމް މިނިސްޓްރީއިން ކަނޑައަޅާފައިވާ ޕްރޮޓޮކޯލްތަކާއި ގައިޑްލައިންތައް ފުރިހަމައަށް ތަންފީޒު ކުރުމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދިނުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.