23 Dec 2020, 09:51
ކޮވިޑާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކާ އެކު ލޯންތައް ދެއްކުން ފަސްކޮށްދޭން އިދިކޮޅު ޕީޕީއެމްއިން ގޮވާލައިފި އެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް "ސަން" އަށް ވިދާޅުވީ ކޮވިޑާ ގުޅިގެން ދުނިޔަށް ކުރިމަތިވި ދަތިތަކަށް ފަހު ހާލަތު ބަދަލުވާތަން ނުފެންނަ ކަމަށެވެ. ހަމަ އެފަދައިން ދިވެހިންގެ ވިޔަފާރިތަކާއި ވަޒީފާތަކަށް ވެސް އޭގެ އަސަރު ވަރަށް ބޮޑަށް ކުރި ކަމަށެވެ.
އޭނާ ވިދާޅުވީ މި ހާލަތުގައި ދެމިތިބި ވިޔަފާރިތައް ވެސް ދަމަހައްޓާފައި ވަނީ ވަރަށް ހާލުގައި ކަމަށާއި އަދި ވިޔަފާރިއެއްގެ ލޯނެއް އޮވެއްޖެ ނަމަ އެ ލޯނު ދެއްކުން އުނދަގޫވާނެ ކަމަށާއި އެހެންކަމުން އެ ލޯންތައް ފަސްކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި އެކަން ކުރުމަށް ސަރުކާރަށް އޭނާ ގޮވާލެއްވި އެވެ.
އޭނާ ވިދާޅުވީ ފިނޭންސް މިނިސްޓްރީން އިންކަމް އެލަވަންސް ވަކިވަރަަކަށް ދިންކަމަށް ބުނެ އިއުލާންކުރާ ކަމަށާއި ނަމަވެސް އެކަމުގައި އެއް މަހު އެލަވަންސް ދިނުމަށް ފަހު ދެން އަންނަ މަސްތަކުގައި ކުރިން އެލަވަންސްތައް ދިން މީހުންނަށް އެލަވަންސްތައް ދިންކަން އެނގެން ނެތް ކަމަށެވެ.
އެކި ވިޔަފާރިތަކަށް ވެސް އެކި ފެސިލިޓީތައް ދިނުމުގައި ވަކި ބަޔަކަށް ދީފައިވާ ކަމަށް ޝިޔާމް ފާހަގަކުރެއްވި އެވެ. އަދި އެކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ތެރެއިން ޖަރީމާއެއް ހިންގާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"މިސާލަަކަށް ދަނޑުވެރިންނަށް ދިން އެލަވަންސްތަކުގެ ތެރޭގައި ދިވެހި ރާއްޖޭގައި އެންމެ ގަދައަށް ދަނޑުވެރިކަން ކުރާ އއ. އަތޮޅުގައި ވެސް އެއްވެސް ދަނޑުވެރިއަކަށް އެއްވެސް ފެސިލިޓީއަަކަށް އެލިޖިބަލްއެއް [ޝަރުތު ހަމަ] ނުވޭ. އެލިޖިބަލް މިވަނީ ވަކި ހިސާބަކުން ވަކިބަޔަކަށް ވަކި ސަޕޯޓަރުންތަކަކަށް،" ޝިޔާމް ވިދާޅުވި އެވެ.
ޓޫރިޒަމްއާއި އެހެނިހެން ވިޔަފާރިތައް އަރައިނުގަނެވި އާމްދަނީ ހޯދޭނެ މަގުތަކެއް އާންމު ރައްޔިތުންނަށް މިވަގުތު ނެތް އިރު އަންނަ އަހަރު އިތުރު ސިޔާސީ މަގާމްތަކެއް އުފައްދަން އުޅޭތީ އެކަމަށް ވެސް ޝިޔާމް ފާޑުވިދާޅުވި އެވެ.
"ސަތޭކަ އަށްޑިހަ ހަތް ސިޔާސީ މަގާމެއް. ކޮންކަމަކަށްތޯ. ހާލަތު އިތުރަށް ގޯސްވެފައި މިއޮތީ. ދައުލަތުގެ ސިޔާސީ ގޮތުން ހަރަދުކުޑަކުރަން ޖެހޭ ވަގުތެއްގައި ސިޔާސީ ހަރަދުތައް މި ބޮޑުކުރަނީ. އެމްބަސީތައް ވެސް އަދި ރައީސް އޮފީހަށް ވެސް އިތުރު ސްޓާފުން ލައިގެން. އާމްދަނީ އިތުރުވީކީ ނޫން. ޓޫރިޒަމްގެ ހާލަތު ރަނގަޅުވީކީ ނޫން. އެކަމަކު ސިޔާސީ މަގާމުތައް އިތުރުކޮށްގެން ދައުލަތުގެ ހަރަދުތައް އެބަ ބޮޑުވޭ. " ޝިޔާމް ވިދާޅުވި އެވެ.