24 Dec 2020, 08:30
އިލެކްޝަންސް ކޮމިޝަނުން އަންނަ މާޗް މަހު ބޭއްވުމަށް މަސައްކަތް ކުރަމުން ދާ ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވޭނެކަން ގާތްގަނޑަކަށް "ޔަގީން" ވެއްޖެ އެވެ.
އެންމެ ފުރަތަމަ މިއަހަރުގެ އެޕްރީލް މަހު ބާއްވަން ތާވަލް ކުރި އިންތިހާބު ކޮވިޑްގެ ބަލިމަޑުކަމާ ހުރެ ފަސް ކުރީ ހާއްސަ ގާނޫނެއްގެ ދަށުންނެވެ.
އެއަށް ފަހު އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން އައީ އަންނަ މާޗު މަހުގެ ހަ ވަނަ ދުވަހު އިންތިހާބު ބޭއްވޭތޯ އެވެ.
ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު މިއަދު "ސަން"އަށް ވިދާޅުވީ، މާޗު ހަވަނަ ދުވަހު އިންތިހާބު ބޭއްވުމަށް އިދާރީ ގޮތުން ކޮމިޝަނުން ހުރިހާ ތައްޔާރީތައްވުމަށްފަހު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެވޭނީ ކޮން އިރަކުތޯ ބެލުމަށް އެޗްޕީއޭއާއެކު މިދިޔަ ހަފްތާގައި ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އެ ބައްދަލުވުމުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަދި އުވާލެވެން ނެތް ކަމަށް އެޗްޕީއޭ އިން އަންގާފައިވާ ކަމަށް ޝަރީފު ވިދާޅުވި އެވެ.
"މިހާރު ކޮވިޑްގެ ހާލަތު އޮތް ގޮތުން އަދި ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެވޭނެ ވަކި ތާރީހެއް ނޭނގޭނެ ކަމަށް ވިދާޅުވީ. އަދި އެކަމާ ތަޖުރިބާކާރުންނާ މަޝަވަރާ ކުރާނެ ކަމަށް އެޗްޕީއޭގެ ބޭފުޅުން ވިދާޅުވީ،" ޝަރީފު ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ފާސްކޮށްފައިވާ ގާނޫނުގެ ހަތް ވަނަ މާއްދާގައި ބުނާ ގޮތުން، އިންތިހާބު ބާއްވަން ޖެހޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމުންނެވެ. އަދި އެ ގާނޫނު ބުނާ ގޮތުން އިންތިހާބު ބާއްވަން ޖެހޭނީ އިންތިހާބު ބޭއްވުމަކީ ސިއްހީ ކުއްލި ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާއިން ކަނޑައެޅުމުންނެވެ.

ޑިސެމްބަރ 10، 2020: އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ސަންއަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޝަރީފް ވިދާޅުވީ ގާނޫނު މިހާރު އޮތް ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ނުގެނެސް އިންތިހާބު ބޭއްވުމަކީ އީސީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެޗްޕީއޭއާއެކު ބޭއްވި ބައްދަލުވުމުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މާޗު މަހަށްވެސް އުވާލެވޭނެ ކަމުގެ ޔަގީން ކަމެއް އެ އިދާރާއަކަށް ނުދެވުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އިންތިހާބާ ބެހޭ ހާއްސަ ގާނޫނުގައި ބުނާގޮތުން އެ ގާނޫނަށް އަމަލު ކުރަން ފަށާތާ އަހަރެއްހާ ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެ އެވެ. އެހެން ކަމުން އެންމެ ލަސްވެގެންވެސް އަންނަ މެއި މަހު އިންތިހާބު ބާއްވަން ޖެހެ އެވެ.
މީގެ ކުރިން ޝަރީފު ވިދާޅުވީ، އެންމެ ލަސްވެގެންވެސް ޖެނުއަރީ ފަހެއްގެ ކުރިން އިންތިހާބު ބޭއްވުމުގެ ހުއްދަ ނުލިބޭނަމަ އިންތިހާބު ނުބޭއްވޭނެ ކަމަށެވެ އަދި ފަހެއް ޖެނުއަރީގެ ފަހުން ހުއްދަ ދިނަސް އިންތިހާބު ނުބޭއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންތިހާބާ ބެހޭ ގާނޫނު ބުނާގޮތުން ހަމަހަމަ ކަމާއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ކޮންމެ ސިޔާސީ ޕާޓީއަކަށް އަދި ކޮންމެ ކެންޑިޑޭޓަކަށް ލިބެން ޖެހޭނެ އެވެ.
ޝަރީފު ވިދާޅުވީ އެ ފުރުސަތު ފަހިކޮށް ނުދީ އިންތިހާބު ބާއްވައިފި ނަމަ ކޯޓަށް މައްސަލަ ހުށަހަޅައިގެން އިންތިހާބު ބާތިލު ކުރުމުގެ ފުރުސަތު ވާދަކުރާ ކެންޑިޑޭޓަކަށް ފަހިވެގެން ދާނެ ކަމަށެވެ. އަދި އެއީ އޭނާ ބޭނުންވާގޮތް ނޫން ކަމަށް އޭރު ޝަރީފު ވިދާޅުވެފައިވެ އެވެ. އަދި އިންތިހާބު ބާއްވަން އިއުލާން ކުރާނީ ކެމްޕޭން ކުރަން ހުރި ހުރަސްތައް ނައްތާލުލުމުން ކަމަށް ވެސް ވިދާޅުވި އެވެ.
ކޮވިޑުން ރައްކާތެރިވުމަށް އެޗްޕީއޭއިން މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ޒަރޫރީ ބޭނުންތަކަށް ނޫން ގޮތަކަށް 10 ދުވަހަށް ކަރަންޓީނު ނުވާ ގޮތަށް މާލެއިން ރަށްރަށަށް މީހުން ދިޔުމާއި އެއްވުންތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ. އެކަމުގެ ސަބަބުން ކެމްޕޭން ކުރުމަށް ހުރަސްއެޅިފައިވާ ކަމަށް ބުނެ އިދިކޮޅުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކައުންސިލް އިންތިހާބުގައި ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން 2،300 އަށްވުރެ ފަރާތަކުން ވާދަކުރެ އެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކުން މިހާރު ވަނީ ނަން އަނބުރާ ނަގައިފަ އެވެ.