ބޮލީވުޑްގެ ފިލްމީތަރި ސިދާތް މަލްހޯތުރާ އާ ފިލްމަކަށް ސޮއިކޮށް އެ ފިލްމުގައި އޭނާއާއެކު ފެނިގެންދާނެ އަންހެން އެކްޓަރު ހާމަކޮށްފިއެވެ.

"މިޝަން މަޖްނޫ"ގެ ނަމުން ނަންދީފައިވާ މި ފިލްމުގައި ސިދާތުއާއެކު ފެނިގެންދާނީ ސައުތު އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ ބަތަލާ ރަޝްމިކާ މަންޑަނާއެވެ. މި ފިލްމުވެގެންދާނީ އޭނާ ކުޅޭ ފުރަތަމަ ބޮލީވުޑް ފިލްމަށެވެ.

ތުރިލާ ޖޯންރާއަށް ތައްޔާރުކޮށް އުފައްދާފައިވާ އެ ފިލްމުގެ ޕޯސްޓަރުވެސް މިހާރު ދައްކާލައިފައިވާއިރު މިޝަން މަޖްނޫ އަކީ ހަގީގީ ހާދިސާއަކަށް ބިނާކޮށް އުފައްދާ ފިލްމެއްވެސްމެއެވެ. މި ފިލްމުގައި ފެނިގެންދާނީ ޕާކިސްތާނާއި އިންޑިއާގެ ގުޅުން ބަދަލުވާން ދިމާވި ހަގީގީ ސަބަބުތަކެވެ.

އަލަށް ޑައިރެކްޝަނަށް ނުކުންނަ ޝާންތަނޫ ބަގްޗީ ޑައިރެކްޓްކުރާ މި ފިލްމަކީ ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. ރޯ އޭޖެންޓެއްގެ ރޯލުން ސިދާތު ފެނިގެންދާ މި ފިލްމާ ގުޅޭގޮތުން ރަޝްމިކާ ބުނީ ބޮލީވުޑް ފިލްމަކުން ޖާގަ ލިބުމުން ވަރަށް ބޮޑަށް އުފާވި ކަމަށާއި ފިލްމުގެ މަސައްކަތް ފެށުމަށް ކެތްމަދުވެފައިވާ ކަމަށެވެ.

މިޝަން މަޖްނޫ އަކީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ޝޫޓްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. އެކްޓަރު ސިދާތު އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "މަރްޖާވާން" އިންނެވެ.