ޓީސީގެ ކެޕްޓަން މުހައްމަދު އައްޒާމަކީ ޓީމެއްގެ ކޮންމެ ޕޮޒިޝަނަކަށް ވެސް މޮޅަށް ކުޅޭނެ ކުޅުންތެރިއެއް ކަމަށާއި އެކަހަލަ ކުޅުންތެރިން ރާއްޖޭގައި ވަރަށް މަދު ކަމަށް ޓީސީގެ ކޯޗު ޝާޒްލީ މުހައްމަދު (ޝާޒް) ބުނެފި އެވެ.

ޓީސީން އެންމެ ފަހުން އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލު ޖަހައިދީ އެ މެޗުން މޮޅުވުމުގައި މުހިއްމު ދައުރެއް އަދާކުރި އައްޒާމް ވަނީ ރޭ ސަސް މެޗުގައި ވެސް ޓީސީގެ ގޯލުގައި ބޮޑު ރޯލެއް ކުޅެފަ އެވެ. ބީޖީ ސްޕޯޓްސް ކުލަބުގައިވެސް ޝާޒް އާއެކު މަސައްކަތް ކުރި އައްޒާމް ވަނީ މީގެ ކުރިން ގިނަ ޕޮޒިޝަންތަކަކަށް ޓީސީއަށާއި ބީޖީއަށް ކުޅެފަ އެވެ. ކުރީ ސީޒަނުގައި ފަހަތަށާއި މެދުތެރެއަށް އޭނާ ކުޅުނު އިރު މި ސީޒަނުގައި މިހާތަނަށް ކުޅެފައިވަނީ ފޯވާޑަކަށެވެ.

ރާއްޖޭގެ އޮފީސް މުއައްސަސާތަކުގެ މުބާރާތް (ކުލަބް މޯލްޑިވްސް) އިން ވިދާލި އައްޒާމް ފުރަތަމަ އިން ބޮޑު ފުޓުބޯޅައަށް ނުކުތުމަށް ފަހު ގުޅުނީ މާޒިޔާއާ އެވެ. ނަމަވެސް އެ ކުލަބުގައި މާ ގިނަ ދުވަސް އޭނާ ކުޅެފައެއްނުވެ އެވެ. އޭނާގެ ފުޓުބޯޅައިގެ ހުނަރުވެރިކަން ފެނި ގިނަ ބައެއްްގެ ލޮލުގައި އޭނަގެ ކުޅުން އަޅައިގަތީ ބީޖީ ސްޕޯޓްސް ކުލަބާ ގުޅުނު ހިސާބުންނެވެ.

ކަނާތު ވިންގެއް ގޮތުގައި ބީޖީއަށް ކުޅުނު ނަމަވެސް ނިޒާމްބެގެ ކޯޗު ކަމުގެ ދަށުގައި އޭނާ ވަނީ ކީޕަރުގެ މަގާމު ނޫން އެހެން ހުރިހާ މަގާމަކަށް ޓީސީއަށް ކުޅެފަ އެވެ. ބީޖީގައި މޮޅު ކުޅުމެއް ދައްކައި އެ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައިވާ އައްޒާމް ޓީސީއާ ގުޅުނީ 2015 ވަނަ އަހަރުގެ ސީޒަނަށެވެ.

"އައްޒާމްގެ ޕާފޯމަންސް ވަރަށް ރަނގަޅަށް މިފެނިގެން ދަނީ. އައްޒާމަށް އެންމެ އުނދަގޫ ޕޮޒިޝަނަށް ކަންނޭންގެ މިހާރު އެ ކުޅެނީ. އެތަނުގައި [ފޯވަޑުލައިންގައި] ވެސް ވަރަށް ރަނގަޅަށް އެބަ ޕާފޯމް ކުރޭ. ޓީސީގެ މައިގަނޑު ކުޅުންތެރިޔަކީ އައްޒާމް އެއާއެކު އެކްސްޕީރިއަންސް ވަރަށް މަދު ކުޅުންތެރިން ޓީސީގައި މިތީބީ އެ ކުޅުންތެރިންގެ ތެރޭގައިވެސް އައްޒާމް އެބަހިމެނޭ. އައްޒާމްގެ ކުޅުމާ ޕާފޯމަންސަށް ބަލާލާއިރު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ." އައްޒާމުގެ ކުޅުމަށް ތައުރީފްކޮށް ޝާޒް ބުންޏެވެ.

އައުޓްފީލްޑްގެ ހުރިހާ ޕޮޒިޝަނަކަށް ކުޅެވޭނެ ކުޅުންތެރިން ރާއްޖޭގައި މަދު ކަމަށް ޝާޒް ބުނި އިރު، އޭގެން އެއް ކުޅުންތެރިއެއް ކަމަށްވާ އައްޒާމް ޓީސީގައި ހުރުމަކީ ޓީމް ރޭވުމަށް ވަރަށް ބޮޑު ފަސޭހައެއް ވެގެންދާ ކަމެއްކަން ޝާޒް ވަނީ ފާހަގަ ކޮށްފަ އެވެ.

"މިހާރު ޓީސީގައި ހުރި އެންމެ މުހިއްމު ޕްލޭޔަރޭ ބުނެވިދާނެ އައްޒާމަކީ، ހަމަ ކެޕްޓަންވެސް މެ،"

ޓީސީ ސްޕޯޓްސް ކުލަބާ އެކު ބަންގާޅުގައި ކުރިއަށް ދިޔަ ޝެއިޙް ކަމާލް ކަޕުގެ ޗެމްޕިއަން ކަން ހޯދުމަކީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބު ކަމަށް އޭނާ ބުނެފައިވެ އެވެ. އެ މުބާރާތުގެ ފައިނަލުގައި އޭނާ ވަނީ ގޯލެއް ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.

ނަމަވެސް ކުރީ ސީޒަނަށް ފަހު ޓީސީގައި އޭރު ތިބި ގިނަ ކުޅުންތެރިންތަކެއް ޓީމު ދޫކޮށްލަން ޖެހުނީ ޓީމުގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން އެކަށީގެންވާ މުސާރައެއް ނުދެވިގެންނެވެ. އެހެން ނަމަވެސް ކުލަބާ އެކު އައްޒާމް ޓީމުގައި މަޑުކުރީ ކުލަބަށް އޮންނަ ލޯތްބެއްގެ ސަބަބުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"ކުލަބަށް އެންމެ ބޭނުން ޖެހުނު ގަޑީގައި ކުލަބު ދޫކޮށްލުމަކީ އަހަރެން ދެކޭ ގޮތުގައި ކުލަބަށް ދެވޭ ވަރަށް ބޮޑު ދެރައެއް. ކުލަބު ދެކެ އޮތް ލޯތްބާ އެކު ގިނަ ކުޅުންތެރިން ތަކެއް ޓީމް ދޫކޮށްލި އިރު ވެސް ޓީމުގައި މަޑުކުރީ." އައްޒާމް ބުންޏެވެ.

ނ. ކެނދިކުޅުދުއަށް އުފަން އައްޒާމަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށް ރާއްޖޭގެ ފުޓުބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކު ބުނެ އެވެ. އަތޮޅު ފެންވަރުގައާއި ގައުމީ ފެންވަރުގެ އިތުރުން ސަރަހައްދީ މުބާރާތްތަކުން ވެސް އޭނަ ހޯދި ކާމިޔާބުތަކަކީ އެކަމުގެ އަލިގަދަ ހެއްކެކެވެ.