ބޮލީވުޑްގައި މިވަގުތު ހުރި އެންމެ ކާމިޔާބު އެކްޓަރެއް ކަމަށްވާ ވަރުން ދަވަން އާ ސާރާ އަލީ ޚާން އެކުގައި ފެނިގެންދިޔަ ފުރަތަމަ ފިލްމު "ކޫލީ ނަންބަރު 1" އާންމުންނަށް ކަމަކު ނުދިޔައެވެ.

އާންމުންގެ އިތުރުން ކްރިޓީކުން ވެސް ވަނީ މި ފިލްމަށް ބޮޑެތި ފާޑުކިޔުންތައް ކިޔާފައެވެ. އެމެޒޯން ޕްރައިމްގައި މި ފިލްމު ޕްރިމިއާކުރުމުގެ ކުރިން މި ފިލްމުގެ ޕްރޮމޯޝަންތައް ވަރަށް ވަރުގަދައަށް ޖެއްސި ނަމަވެސް މި ފިލްމަށް ގިނަ ކްރިޓީކުން ދީފައި ވަނީ ފަސް ތަރިން 1.5 ތަރީގެ ރޭޓިންއެކެވެ. ވަރުންގެ ކެރިއަރުގައި ވެސް އެންމެ ބޮޑު އެއް ފްލޮޕަށްވި މި ފިލްމަކީ ނުފޫޒުގަދަ އަންހެން މީހެއް ދެވަން އުޅޭ ފިރިހެން މީހާއަކީ އާދައިގެ ރޭލު ސްޓޭޝަނެއްގައި މަސައްކަތްކުރާ މީހަކަށްވުމުން އޭނާއާ ކައިވެނިނުކުރާންވެގެން އުޅުމުގެ ތެރޭގައި ދިމާވާ މަޖާ ކަންތައްތަކެއް ފެނިގެންދިޔަ ފިލްމެކެވެ.

ފޫހި ގޮތަކަށް ގެނެސްދީފައިވާ މި ފިލްމު ބަލަން އިނުންވީ ބޮޑު ވޭނަކަށްކަން ބައެއް ކްރިޓީކުން ވަނީ ބުނެފައެވެ. އަދި މި ފިލްމަކީ މިހާރުގެ ޒަމާނަށް ނުފެތޭ އެއްވެސް އޮށްޓަރެއް ނެތް ފިލްމެއްކަމަށްވެސް ކްރިޓީކުން ވަނީ ބުނެފައެވެ.

"ކޫލީ ނަންބަރު 1" އަކީ ވަރުން އޭނާގެ ބައްޕަ ޑޭވިޑް ދަވަންގެ ފިލްމެއްގައި މަސައްކަތް ކުރާ ތިން ވަނަ ފިލްމެވެ. އެ ފިލްމަކީ 1995 ވަނަ އަހަރު ހަމަ އެ ނަމުގައި ގެނެސްދިން ފިލްމުގެ ރީމޭކެކެވެ. "ކޫލީ ނަމްބަރު 1"ގެ ލީޑުން ފެނިގެންދިޔައީ އޭރުގެ އެންމެ ކާމިޔާބު ދެ އެކްޓަރުން ކަމަށްވާ ކަރިޝްމާ ކަޕޫރާއި ގޯވިންދާ އެވެ.