ހެންވޭރުގައި ހުންނަ ގެޔެއްގައި މީހަކު ރަހީނުކޮށްގެން ފައިސާތަކެއް ފޭރިގަންނަން އުޅުމުން ސަލާމަތްވާން ވެގެން ތިންވަނަ ފަނގިފިލާއިން ފުންމާލައިފި އެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިރޭ 8:30 އެހާކަންހާއިރު ހެންވޭރު މާވަޑި ހޮޓާ ހުންނަ ކަސްތޫރި ގޯޅީގައި ހުރި ގެޔެއްގަ އެވެ.

މައްސަލަ މިހާރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާއިރު "ސަން"އަށް އެނގިފައިވާ ގޮތުގައި މީހާ ރަހީނުކުރަން މަސައްކަތްކޮށްފައި ވަނީ ހަތަރު މީހަކު ވެގެންނެވެ.

އެ ސަރަހައްދުގައި ތިބި މަންޒަރު ދުށް މީހުން "ސަން"އަށް ބުނި ގޮތުގައި އޭނާ ރަހީނުކުރަން އުޅުމުން ތިން ވަނަ ފަންގިފިލާއިން އޭނާ މަގު މައްޗަށް ފުންމާލީ އެވެ. އެމީހާ އެގެއިން ފުންމާލުމާއެކު ރަހީނުކުރަން އުޅުނު މީހުންވެސް ވަނީ އެގެއިން ނިކުމެގެން ގޮސްފައި ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ. ނަމަވެސް، ރަހީނުކުރި މީހާ ވަނީ އެ ސަރަހައްދުގައި މަޑުކޮށްފަ އެވެ.

"އެމީހާ ފުންމާލީ ތިން ވަނަ ފްލޯއިން. މެދު އުމުރެއްގެ މީހެއް އެއީ. ފުންމާލައިގެން އޭނާ އެހެން މީހެއްގެ ފަހަތުން ދުއްވައިގަތްފަހުން އެގެއިން އެހެން ބަޔަކު ނިކުމެގެން ދިޔަ ހަމަޖެހިލައިގެން،" މަންޒަރު ދުށް ބަޔަކު "ސަން" އަށް ކިޔައިދިނެވެ.

އެ ސަރަހައްދުގައި ހުރި "ސަން"ގެ ނޫސްވެރިޔާއާ ވާހަކަދައްކަމުން ރަހީނުކުރި މީހާ ވަނީ އޭނާގެ ދެ ފޯނާއި ވޮލެޓް ރަހީނުކުރަން އުޅުނު މީހުން ފޭރިގެންފައިވާކަމަށް ބުނެފަ އެވެ.

"އަންހެނެއްވެސް ހުރި، ދެ ފޯނާއި ވޮލެޓް ނެގީ އަހަރެންގެ. ފުލުހުންނަށް ކިޔައިދީފިން އެމީހުން ތިބި ގޮތް. ގުޅައިގެން އައީ މިތަނަށް." އެމީހާ ކިޔައިދިނެވެ. އޭނާ އެ ގެޔަށް ދިޔަ ސަބަބެއް އޭނާ ކިޔައިދީފައެއް ނުވެ އެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނި ގޮތުގައި އެގޭގެ ތިން ވަނަ ފަންގިފިލާގައި ދިރިއުޅެމުން ދިޔައީ ތިލަފުށީގައި މަސައްކަތްކުރާ ބަޔެކެވެ. ރަހީނުކުރަން މަސައްކަތްކުރީ އެމީހުންކަމެއް އަދި ކަށަވަރު ކުރެވިފައެއް ނުވެ އެވެ.

އެ ސަރަހައްދުގައި މިހާރު ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. މައްސަލައިގައި އަދި ފުލުހުންގެ ފަރާތުން ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ.