03 Jan 2021, 16:32
ބެންކޮކް (ޖަނަވަރީ 3) : މީގެ ދޮޅު ހަފްތާއެއްހާ ދުވަސްކުރިން ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ ސީފުޑް ބާޒާރަކުން ފެނުނު ކޮވިޑް-19 ގެ ވައިރަސްއާއެކު އުފެދުނު ކްލަސްޓާ ބޮޑުވެ ފުޅާވަމުން ދިޔުމާ ގުޅިގެން ބެންކޮކްގެ ސްކޫލްތަކާއި ބައެއް ވިޔަފާރިތައް ވަގުތީގޮތުން ބަންދުކޮށްފިއެވެ.
ބަންދުކުރި ތަންތަނުގެ ތެރޭގައި ހިމެނެނީ ސްކޫލްތަކުގެ އިތުރުން ބާތަކާއި ޕާކުތަކާއި ކުޑަކުދިން ކުޅޭ ތަންތަނާއި ޖިމްތަކުގެއިތުރުން މަސާޖް ކުރާ ތަންތަނާއި ނައިޓް ކްލަބްތަކެވެ. ނަމަވެސް ރެސްޓޯރެންޓްތަކާއި އާންމު ފިހާރަތަކުގެ އިތުރުން ސިނަމާތަކާއި ބޯކޮށާ ތަންތަން މިވަގުތަށް ބަންދުކޮށްފައެއް ނުވެއެވެ.
ބެންކޮކް އިން އިއްޔެ އެކަނިވެސް ކޮވިޑް-19 ގެ 216 ކޭސް ފެނިފައިވެއެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމާބެހޭ ތައިލެންޑްގެ މަސްއޫލުވެރިން ވިދާޅުވިގޮތުގައި މިހާރު މަސައްކަތް ކުރަނީ ލޮކްޑައުނަކަށް ނުގޮސް އަދި ކާފިއު ވެސް ނުހިންގައި ކޮވިޑް ކޮންޓްރޯލް ކުރުމަށެވެ. ނަމަވެސް މިގޮތަށް ކޮންޓްރޯލް ނުކުރެވިއްޖެނަމަ ކުރު މުއްދަތަކަށް ނަމަވެސް ލޮކްޑައުނަކަށް ދިޔުމަކީ ވަރަށް ގާތްކަމެއްކަމަށް ތައި މަސްއޫލުވެރިންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
ތައިލެންޑަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ވަރަށް ކާމިޔާބު ގައުމެކެވެ. ޗައިނާއަށްފަހު ކޮވިޑް-19 ދުނިޔޭގެ ގައުމުތަކަށް ފެތުރިގަތް ދުވަސްވަރު ތައިލެންޑުންވަނީ ވަރަށް އަވަހަށް ކޮވިޑް ފެތުރުން ކޮންޓްރޯލް ކޮށްފައެވެ. މިގޮތުން މިދިޔަ ނޮވެމްބަރު މަހާ ހަމައަށް ކޮވިޑް ޖެހުނުކަމަށް ތައިލެންޑްގައި ރިޕޯޓްކޮށްފައި ވަނީ އެންމެ ހަތަރުވަރަކަށް ހާސް މީހުންނެވެ. މަރުވެފައިވަނީވެސް ފަސްދޮޅަހަކަށް މީހުންނެވެ.
ނަމަވެސް މީގެ ދޮޅު ހަފްތާއެއްހާ ދުވަސް ކުރިން ބެންކޮކުގެ ސީފުޑް ބާޒާރަކުން ފެނުނު ކޮވިޑް-19 ގެ ވައިރަސްއާއެކު އުފެދުނު ކްލަސްޓާ ބޮޑުވެ ފުޅާވަމުން ދިޔުމާ ގުޅިގެން އެގައުމުގައިވަނީ ކޮވިޑް އަލުން ފެތުރިދާނެކަމުގެ ބިރުބޮޑުވެފައެވެ.
(ނޫސްއެޖެންސީތައް)